އިނގިރޭސިވިލާތުގެ އެންމެ ގިނަ ބަޔަކު ކިޔާ އެއް ނޫހަކަށް ވޭން ރޫނީގެ އަންހެނުން، ކޮލީން ރޫނީގެ ޒާތީ މަޢުލޫމާތު ޙިއްސާކުރާ ފަރާތަކީ ރެބޭކާ ވާޑީ ކަމަށް ބުނެ ކޮލީން ތުހުމަތު ކޮށްފައިވަނިކޮށް، ވާޑީ އޭނާގެ އަންހެނުން ދިފާޢުކޮށްފިއެވެ.

ކޮލީން އަކީ އިނގިރޭސިވިލާތުގެ ފުޓުބޯޅަ ޓީމުގެ ކެޕްޓަންކަން އެތައް ފަހަރަކު ކޮށްފައިވާ އަދި އެޓީމަށް އެތައް ލަނޑެއް ކާމިޔާބުކޮށްދީފައިވާ ތަރި، ވޭން ރޫނީގެ އަނބިމީހާއެވެ. މީގެ 2 ދުވަސް ކުރިން ކޮލީން ރޫނީ ކުރި ޓުވީޓަކާއެކު، އެތައް ބަޔަކު ޙައިރާންކޮށްލިއެވެ. އޭނާ ވަނީ އޭނާގެ ޒާތީ މަޢުލޫމާތު އިނގިރޭސި ނޫހަކަށް ލީކުކުރަނީ ރޫނީއާ އެއްކޮށް އިނގިރޭސި ގައުމީ ޓީމަށް ކުޅެފައިވާ ތަރި ޖޭމީ ވާޑީގެ އަންހެނުން، ރެބޭކާ ވާޑީކަމަށް ތުހުމަތުކޮށްފައެވެ.

މީސްމިޑިއާ އިންސްޓަގްރާމްގައި ގެންގުޅޭ އެކައުންޓުން އޭނާގެ 'ސްޓޯރީ' ހިއްސާކުރާ ރައްޓެހިންނާއި، އާއިލާގެ މީހުންގެ ތެރެއިން ޒާތީ މައުލޫމާތު ލީކުވެ، 'ދަ ސަން' ނޫހަށް އެ ޚަބަރުތައް އަރާ މައްސަލައިގައި، ކޮލީން ބުނާގޮތުން އޭނާ ވަނީ އެކަން ކުރާ ފަރާތަކީ ރެބޭކާ ކަން ކަށަވަރުކުރުމަށް، އޭނާގެ ސްޓޯރީ ހަމައެކަނި ރެބޭކާ ވާޑީ އަށް ފެންނަ ގޮތަށް ހަދައި، އެހެން އެންމެން ބްލޮކް ކޮށްފައެވެ.

އަދި މިދިޔަ 5 މަސް ދުވަހުގެ ތެރޭގައި ހަގީގަތާއި ޙިލާފު ބައެއް ކަންކަން އޭނާގެ ސްޓޯރީ އަށް ލިއެވެ. އެ ސްޓޯރީ ތަކުން ބައެއް ކަންކަން ދަ ސަން ނޫހަށް އެރުމާއެކު ބުދަ ދުވަހު ކޮލީން ވަނީ އެކަން ކުރާ ފަރާތަކީ ރެބޭކާ ކަމަށް ވަރަށް ފާޅުގައި ޓުވީޓު ކޮށްފައެވެ. އެ ޓުވީޓާ އެކު އިނގިރޭސި ގިނަ ބަޔަކަށް އައީ ނުލަފާ ހިންޏެކެވެ. ސަބަބަކީ އެހާ މަޝްހޫރު ތަރިންގެ މެދުގައި ކޫސަނި ކަންކަން ދިމާވުމުން އެކަން މުޅި އިންޓަނެޓަށް އެެންމެންނަށް ފެންނާނެހެން ލުމުންނެވެ.

ކޮލީންގެ ޓުވީޓާއި ގުޅިގެން ރެބޭކާ ވަނީ އަސަރުގަދަ ޓުވީޓަކުން އެއަށް ޖަވާބުދީފައެވެ. އޭނާ ބުނީ މިހާ ވަރުގަދަ ތުހުމަތެއް ކޮލީން އޭނާގެ މައްޗަށް ކުރާއިރު ގުޅާލިނަމަވެސް ވަރަށް ރަނގަޅުވީސް ކަމަށެވެ. އަދި އޭނާއަށް ކޮލީންއާ ބެހޭގޮތުންވެސް އެތައް ނޫސްވެރިޔަކު ނިމިދިޔަ އަހަރުތަކުގެ ތެރޭގައި ސުވާލުކުރިކަމަށާއި އެކަމަކު އޭނާ އެއްވެސް ޖަވާބެއް ނުދޭ ކަމަށެވެ. އަދި ކޮލީން އެ ތުހުމަތު ކޮށްފައިވަނީ އޭނާ ވިހަން ކައިރިވީމަތޯ އެހިއެވެ. ރެބޭކާގެ ފިރިމީހާ، ވާޑީ ވަނީ މި ޓުވީޓަށް 'ލައިކް' ޖަހައި އަންހެނުންނާ އެއްކޮށް ހުރިކަން ހާމަކޮށްފައެވެ.

މިކަމާއި ގުޅިގެން އަދި ރޫނީ އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު