އެމެރިކާގެ އެންމެ މަޝްހޫރު އެއް މޮޑެލް، ކިމް ކަޑޭޝިއަން އޭނާގެ އަމިއްލަ ލޯ ފާމެއް ހުޅުވުމުގެ މަސައްކަތް ފަށައިފިއެވެ. އެ ލޯ ފާމުން ވަޒީފާ ދިނުމުގައި އޭނާ ކަނޑައަޅާފައިވާ ޝަރުތު ވަރަށް ތަފާތެވެ. ވަޒީފާގެ ޝަރުތުތަކުގެ ތެރޭގައި ކުރިން ޖަލު ހުކުމެއް ތަންފީޒު ކޮށްފައިވާން ޖެހޭނެއެވެ.

ކިމް މިކަން ހާމަކޮށްފައި ވަނީ އެމެރިކާގެ 'ވޯގް' މަޖައްލާއަށް އޭނާ ދީފައިވާ އިންޓަވިއުއެއްގައެވެ.

"އަހަރެން މިކަމަށް ވަރަށް ބޮޑަށް، އަދި ގިނަ އިރުތަކަކަށް ވިސްނިން. އަހަރެންނަށް އެކަމަކު ހީވަނީ އަހަރެމެންގެ ސިސްޓަމް މިހާރަށްވުރެ ބޮޑަށް ބަދަލުވާންޖެހޭ ކަމަށް. އަހަރެން ބޭނުންވޭ ބަދަލުކުރަން، އަހަރެންނަށް ބޮޑަށް އެނގޭނަމަ އަހަރެންނަށް ގިނަ މަސައްކަތްތަކެއް ކުރެވޭނެ. އަހަރެންނަށް ވިސްނޭ ގޮތުން އެންމެ ބުއްދިވެރި މީހުން ތިބީ ޖަލުތަކުގައި. އަހަރެން އެންމެ ގަދަ ލޯ ފާމް ހުޅުވާނަން ޖަލު ހުކުމް ކޮށްފައި ތިބި މީހުންނާ އެކީ." ވޯގް އަށް ދިން އިންޓަވިއުގައި ކިމް ބުނެފައިވެއެވެ.

އެޕެރެންޓިސްޝިޕް ޕްރޮގްރާމެއްގެ ދަށުން މިދިޔަ އަހަރުން ފެށިގެން ކިމް އަންނަނީ ވަކީލުކަން ކިޔަވަމުންނެވެ. ކިމް ކިޔަވަމުން ދަނީ ކުށްވެރިންގެ ވަކީލަކަށް ވުމަށެވެ. އޭނާ އަށް އެހީތެރިވެދެނީ އެ ދާއިރާގައި މިހާރުވެސް އުޅެމުންދާ 2 އަންހެން ވަކީލުން ކަމަށްވާ ޖެއްސިކާ ޖެކްސަން އާއި އެރިން ހާނޭ އެވެ. ވަކީލުކަން ކިމް އަށް އެންމެ އަވަހަށްވެސް ކުރެވޭނީ 2022 ވަނަ އަހަރު އޭނާ އިށީންނަ ވަކީލުކަމުގެ ސްޓޭޓު ޓެސްޓުން ފާސްވެއްޖެނަމައެވެ.

ކިމް ކަޑޭޝިއަންގެ 4 ދަރިން ތިބެފައި، ފެޝަން އާއި ރީތިކަމަށް އޭނާގެ އަމިއްލަ ބްރޭންޑެއް އޮވެ، ހިތްފުރޭ ވަރަށް ފައިސާ ލިބެމުންދާއިރުވެސް، ކިމް މިހާރު ބޭނުންވަނީ ވަކީލުކަމުގެ ދާއިރާއިން ކުރިއަށް ދިޔުމަށެވެ.