ބަންގްލަދޭޝްގެ ފިރިހެނެއްގެ ހެނދުނު ސަޔަށް ތައްޔާރުކުރި ކާއެއްޗެއްގެ ތެރެއިން އިސްތައްޓެއް ފެނުމުން އޭނާ، އޭނާގެ އަނބިމީހާގެ ބޯ ބާލައިފިއެވެ.

މިމައްސަލަ ހޫނުވެ، ފުލުހުންގެ ސަމާލުކަމަށް މިކަން ގެނައުމުން ފުލުހުން ވަނީ މިދިޔަ އަންގާރަ ދުވަހު ފިރިމީހާ ހައްޔަރުކޮށްފައެވެ.

ފުލުހުން ބުނީ މިހާދިސާ ހިނގާފައި ވަނީ ބަންގްލަދޭޝްގެ އުތުރުގައި އޮންނަ އަވަށެއްގައި ކަމަށެވެ. އަނބިމީހާގެ ބޯ ބޭލި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ 35 އަހަރުގެ ފިރިހެނެކެވެ. އަނބިމީހާގެ ބޯ ބޭލި މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައީ އަންހެނުންގެ ހައްޤުގައި ވަކާލާތު ކުރާ ޖަމިއްޔާގެ ސަމާލުކަމަށް އެކަން އައުމުން އެޖަމިއްޔާ އިން ފުލުހުންނަށް މައްސަލަ ހުށަހެޅުމުންނެވެ.

"ހެނދުނު ސަޔަށް ތައްޔާރުކުރި ކިރާއި ބަތް އެކުލެވޭ ކާއެއްޗެއްގެ ތެރެއިން އިސްތައްޓެއް ފެނިގެން ފިރިމީހާ ވަނީ އޭނާގެ އަނބިމީހާގެ ބޯ ބާލުވާފައި. އެމައްސަލަ ފުލުހުން ގެންދަނީ ބަލަމުން." ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އަނބިމީހާ އަށް އަނިޔާކުރި މައްސަލައިގައި ފިރިމީހާގެ މައްޗަށް ދައުވާ އުފުލަން ނިންމާފައިވާ ކަމަށާއި އޭނާގެ މައްޗަށް އުފުލަނީ 14 އަހަރުގެ ޖަލު ޙުކުމެއް އަންނަ ވަރުގެ ދައުވާއެއް ކަމަށެވެ.

ބަންގްލަދޭޝް އަކީ ވެސް އަންހެނުންނަށް އަނިޔާ ކުރުމުގެ ގިނަ ހާދިސާތަކެއް ހިނގަމުންދާ ގައުމެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި އެގައުމުގައި ކޮންމެ ދުވަހަކު އަންހެނުން ރޭޕް ކުރުމުގެ ވެސް ތިން ހާދިސާ އެވްރެޖްކޮށް ހިނގައެވެ.

ނަމަވެސް އަންހެނުންނަށް ކުރިމަތިވާ އަނިޔާތައް ހުއްޓުވަން ސަރުކާރަށް އެކަށީގެންވާ ފިޔަވަޅުތަކެއް ނޭޅޭ ކަމަށް ޙައްޤުތައް ހިމާޔަތް ކުރުމަށް ގޮވާލާ ޖަމިއްޔާތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު