އެމެރިކާގެ އޮހާޔޯގައި ފިރިހެނަކު ފުލުހުންނަށް ގުޅާފައި އޭނާގެ ޑްރަގްސް ކޮޅު ފުލުހުން ވަގަށް ނެގި ކަމުގެ ތުހުމަތުކޮށް، އެ ތަކެތި ރައްދުކޮށްދޭން އެދެފިއެވެ.

މެތިއު ނަމަކަށް ކިޔާ އެ މީހާ ބުނެފައިވާ ގޮތުގައި އޭނާގެ އަންހެނުންނާއި އެއްކޮށް ދުވަހު ކުއްޔައް ދޭ ކޮޓަރިއެއް ނަގައިގެން އެތާ ތިއްބައި އެ ހިސާބުގަނޑުގައި އަޑުގަދަވުމުގެ ސަބަބުން ދެ ފުލުހަކު ވަނީ އެކަން ބެލުމަށް އައި ވަގުތު އޭނާ އަންހެނުން އަތުން ޑްރަގްސް ކޮޅު ވަގަށް ނަގާފައެވެ.

" އަހަރެން ބޭނުން ތި މުވައްސަސާގެ ދެ ފުލުހަކާއި ދެކޮޅަށް މައްސަލަ ޖައްސަން. އެ ދެމީހުން ރޭގަ މަގޭ ޑްރަގްސް ކޮޅު ވަގަށް ނެގީ. އެގަޑީ މަ އޮތީ ނިދާފަ. އަންހެނުންގެ އަތްދަބަސް ތެރެއިން އެ ނަގައިގެން ދިޔައީ. ހޭލި ފަހުން މަށަށް އެކަން އެނގުނީ " މެތިއު ބުނެފައި ވެއެވެ.

މިއާއި އެކު މެތިއު އާއި ވާހަކަ ދެއްކި ފުލުސް އޮފިސަރު ބުނެފައި ވަނީ މެތިއު ބޭނުންކުރި މަސްތުވާތަކެތީގެ ބާވަތް ކަމުގައިވާ މަރުވާނާ އަކީ އެ ސްޓޭޓުގައި ހުއްދަ އެއްޗެއް ނޫން ކަމަށާއި އެހެންކަމުން އެ އަނބުރައި ނުލިބޭނެ ކަމަށެވެ.

ފުލުހުންނާއި މެތިއު އާއި ދެމެދު ދެކެވުނު ވާހަކަ އިން ތަންކޮޅެއް

މިހެން ބުނުމުންވެސް މެތިއު ވަނީ އެއީ އެންމެ 4 ގްރާމް ކަމަށް ބުނެ 100 ގްރާމް ގެންގުޅުމުގެ ހުއްދަ އެ ސްޓޭޓުގައި އޮންނަ ކަމަށް ބުނެ ވަރަށް ރުޅިއައިސްގެން ވާހަކަ ދައްކާފައެވެ. ނަމަވެސް، އެ އޮފިސަރު ވަރަށް މަޑުމައިތިރި ކަމާއި އެކު އެ ވާނީ ކޮންމެވެސް އެހެން ސްޓޭޓެއްގެ ގާނޫނުގައި އޮންނަ ގޮތް ކަމަށް ބުނެ، އިތުރަށް މައްސަލަ ޖައްސަން ބޭނުންނަމަ ސްޓޭޝަނަށް އައިސް ރަސްމީކޮށް މައްސަލަ ހުށަހަޅަން ބުނެފައެވެ. މިއާއިއެކު މެތިއު އަށް ވަނީ ހަމަބުއްދި ޖެހިފައެވެ.

އެމެރިކާގައި ބައެއް ފަހަރު މަރުވާނާ މަދުން ގެންގުޅޭ މީހުން ހައްޔަރު ނުކޮށް އެ ތަކެތި އަތުލާފައި ދޫކޮށްލައެވެ. މިއާއިއެކު މެތިއު އަށް ހީކުރެވުނު ގޮތުގައި އެ ސްޓޭޓުގައިވެސް އެ ޑްރަގު ހުއްދައެވެ. ނަމަވެސް، އޭނާ ރަސްމީ ސިފައެއްގައި އެ މައްސަލަ ޖެއްސިނަމަ އޭނާ އަށާއި އަންހެނުންނަށް ޖަލު ހުކުމެއް ނުވަތަ ޖޫރިމަނާ އެއް އައުން ވަރަށް ގާތެވެ.

މި ދެފަރާތުގެ ދެމެދުގައި ދެކެވުނު ވާހަކަ 5 މިނެޓަށް ދިގުލައިގެން ދިޔައިރު، އެ ސްޓޭޝަނުގެ މީސް މީޑިއާ އެކައުންޓުތަކުގައި މި ކޯލުގެ ރެކޯޑިން ވަނީ ހިއްސާ ކޮށްފައިކަންވެސް ފާހަގަކޮށްލެވެއެވެ. ފުލުހުންނަށް ޑްރަގްސް ވަގަށް ނެގި ކަމުގެ ތުހުމަތު ކުރުމުން އެތައް ބަޔަކަށް އެކަން ވަނީ ޖޯކަކަށް ވެފައެވެ.