އަށް ވަނަ ޤަރުނުގައި މީހުން ދިރިއުޅުނު ބޮޑު ސަހަރެއް ކެމްބޯޑިއާއިން ހޯދައިފިއެވެ.

ސައިންޓިސްޓުން ހޯދި ސަހަރަކީ "ޚްމާރް އެމްޕަޔާ"ގެ ސިޓީއެވެ. މި ސިޓީ ހޯދާފައިވަނީ އޭރިއަލް ސްކޭނިން މެދުވެރިކޮށް ކަމަށް ޚަބަރުތައް ބުނެއެވެ.

"މަހޭންދްރަޕަރްވަތަ" ނަމުން ނަން ދެވުނު އެ ސަހަރަކީ 8 ވަނަ ޤަރުނާއި ނުވަ ވަނަ ޤަރުނުގެ ދުވަސްތަކުގައި މީހުން ދިރިއުޅުނު ސަހަރެކެވެ. އެ ސަރަހައްދު ހޯދަން ސައިންޓިސްޓުން މަސައްކަތްކުރާތާ ދުވަސްތަކެއް ވަނީ ވެފައެވެ.

ސައިންޓިސްޓުން މި ސަހަރު ހޯދީ އޭރިއަލް ލޭޒަރ ސްކޭނިން ޓެކްނޮލޮޖީ މެދުވެރުކޮށެވެ. އަދި އެ ސަރަހައްދުގެ ބިން މަތިން ޤަދީމީ ހެކި ހޯދުމަށްވެސް ސައިންޓިސްޓުން މަސައްކަތްކޮށްފައިވެއެވެ. އެ ސަހަރު ހޯދުމަށް ސައިންޓިސްޓުން މަސައްކަތް ކުރަމުން އަންނަތާ 150 އަހަރު ވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ތާރީޚު ދިރާސާ ކުރާ ފަރާތްތަކުން ބުނެފައިވާ ގޮތުގައި އެ ސަހަރުން މީހުން ހުސްވެ ފަޅުވީ 15 ވަނަ ޤަރުނުގައި ތައިލެންޑުގެ އަސްކަރިއްޔާއިން އެ ސަހަރަށް އަރައި ކުރި ހަނގުރާމައިގައެވެ. އެ ހަނގުރާމައިގެ ސަބަބުން އެ ތަނުގައި ދިރިއުޅުނު މީހުން ވަނީ ކެމްބޯޑިއާގެ އެހެން ސަރަހައްދުތަކަށް ބަދަލުވެފައެވެ.

މި ސަރަހައްދު ފެނިފައިވަނީ ކެމްބޯޑިއާގެ އޮންގްކޯރު ވޮޓުންނެވެ. އެ ސަރަހައްދަނީ ޔުނެސްކޯގެ އާސާރީ ސައިޓެކެވެ.

ކިޔުންތެރިންގެ ހިޔާލު