ބޮލީވުޑްގެ މަޝްހޫރު މެގަ ސްޓަރ އަމީތާބް ބަޗަންއަށް ހޮސްޕިޓަލްގައި ހަތަރު ދުވަސް ވަންދެން ފަރުވާދިނުމަށްފަހު ގެއަށް ބަދަލުވެއްޖެއެވެ.

އޭނާއަށް ފަރުވާ ދީފައިވަނީ މުމްބައިގެ ނާނާވަތީ ހޮސްޕިޓަލުގައެވެ. މިދިޔަ އަންގާރަ ދުވަހު ހޮސްޕިޓަލުގައި އެޑްމިޓް ކުރި އިރު އަމީތާބު މި ދުވަސްވަރު ކުރާ މަސައްކަތަކީ "ކޯން ބަނޭގާ ކްރޯޅްޕަތީ" ހޯސްޓް ކުރުމެވެ. މި ޝޯގެ މަސައްކަތް ބަލިވެގެން މެދުކަނޑާލުމަށް ފަހު އަންނަ އަންގާރަ ދުވަހުން ފެށިގެން އަލުން ޝޯގެ ޝޫޓިން ފަށާނެ ކަމަށް ވެއެވެ.

އަމީތާބް ހޮސްޕިޓަލުގައި އެޑްމިޓް ކުރިއިރު އޭނާގެ ސިއްހީ މައްސަލައަކީ ކޮބައި ކަމެއް ރަސްމީ ސިފައެއްގައި އެއްވެސް ފަރާތަކުން ހާމަކޮށްފައި ނުވެއެވެ. ހޮސްޕިޓަލުން ބުނެފައިވަނީ އަމީތާބުގެ ހާލު މާ ގޯހެއް ނޫން ކަމަށާއި އޭނާއަށް ފަރުވާ ދީފައިވަނީ އެ ހޮސްޕިޓަލުގެ އޮބްޒަވޭޝަންގައި ކަމަށެވެ. އަދި އެތަނުގައި އަމީބާތްގެ ސިއްހީ ގިނަ ޓެސްޓުތަކެއް ހަދާފައިވާ ކަމަށްވެއެވެ.

އަމީތާބް މީގެ ކުރިންވެސް އޭނާގެ ފުރަމޭގައި މައްސަލަތަކެއް ޖެހިގެން ފަރުވާހޯދާފައި ވެއެވެ. 1982 ވަނަ އަހަރު ހިނގާދިޔަ އެކްސިޑެންޓަކަށްފަހު، އަބީމާތް އަށް ހެޕަޓައިޓިސް ބީ ޖެހުނެެވެ. އޭނާއަށް އެ ބަލި ޖެހުނީ ލޭ ބޭނުންވެގެން ލޭ ހަދިޔާކުރި މީހާގެ ގައިގައި ހެޕަޓިޓިސް ބީ ހުރުމުންނެވެ.

އެކަން ހިނގާދިޔަ ފަހުން، އޭނާގެ ފުރަމޭގެ 75 އިންސައްތަ ވަނީ މަސައްކަތް ހުއްޓިފައެވެ.