"ޖޯކާ" ފިލްމުގެ ސީނަކުން ފެނިގެން ދިޔަ ސިޑި ބަރިއެއް މައްޝޫރުވެ، އެތަން ޓޫރިސްޓުން ޖަމާވެ ފޮޓޯ ނަގާ ތަނަކަށް ބަދަލުވެއްޖެ އެވެ.

މިމަހުގެ ކުރީކޮޅު ނެރުނު "ޖޯކާ" ފިލްމުގައި ފެންނަ ނިއު ޔޯކުގެ އެ ސިޑި ބަރިއަށް ގިނަބަޔަކު ދަނީ ޒިޔާރަތް ކުރަމުންނެވެ. އަދި ގިނަ ބަޔަކު ދަނީ ފޮޓޯ ނެގުމަށް ފަހު ސޯޝަލް މީޑިއާގައި އާއްމު ކުރަމުންނެވެ.

އެ ސިޑި ބަރިއަކީ "ޖޯކާ" ގެ ރޯލު ކުޅޭ ޔޯކިން ފީނިކްސް ފިލްމުގައި ނަށަމުން ފައިބާ މަންޒަރު ކުޅެފައިވާ ސިޑި ބަރި އެވެ. އަދި މިހާރު އެސިޑިބަރި ގައި ކުޅެފައިވާ ސީން ވަނީ ވަރަށް ގިނަ މީހުންނަށް ކަމުގޮއްސައެވެ. އަދި ގިނަބަޔަކު ދަނީ އެސީން ގެ ތަފާތު ކަމުގެ ވާހަކަ ދައްކަމުންނެވެ. އަދި އެކަމުގެ ސަބަބުން މިހާރު އެ ސިޑި ބަރި ވެސް މި ވަނީ މަގުބޫލުވެފަ އެވެ.

މި ފިލްމު ވަނީ ބޮކްސް އޮފީސް ރިކޯޑުތައް މުގުރާލާފައި ކަމަށް ބައެއް ނޫސްތަކުން ބުނެއެވެ. އެ ފިލްމު ހުޅުވުމާއެކު ވަނީ 96 މިލިއަން ޑޮލަރު ލިބިފަ އެވެ. އަދި މިއީ އޮކްޓޯބަރު މަހުގެ ތެރޭގައި ނެރުނު ފިލްމަކަށް މިހާތަނަށް ލިބުނު އެންމެ ބޮޑު އަދެދެވެ.

މިދިޔަ ހަފްތާ ބަންދު ނިމުނުއިރު، ފިލްމަށް ވަނީ ޖުމްލަ 543 މިލިއަން ޑޮލަރު ލިބިފައި ކަމަށް އެފިލްމު އުފެއްދި ފަރާތުން ބުނެެއެވެ. ފިލްމު ރިލީޒް ކުރުމުގެ ކުރިން ވެސް ވަނީ ވެނިސް ފިލްމް ފެސްޓިވަލުގެ އެންމެ މަތީ އެވޯޑު ލިބިފަ އެވެ. އެހެންވެ، އޮސްކާ އެވޯޑު ލިބުން އެންމެ ގާތީ އެ ފިލްމަށް ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.