މަސްތުވާތަކެއްޗަކީ ކޯޗެއްކަން އަހަންނަށް އެނގުނީ އަހަރެންގެ އެކުވެރިންގެ ކިބައިންނެވެ. އެއީ އަހަރެންގެ އުމުރުން 19 އަހަރުގައެވެ. ކިޔެވުން ނިންމި ގޮތަށް ވަޒީފާއަކަށް ނުގޮސް މާލެ ތެރެއަށް ގިނަވެ އުޅުމުގެ ނަތީޖާއަކަށްވީ ގޯސް ރަށްޓެހިންނާއި، ދިމާވެ އެމީހުންނާއި އެކުވެރިކަން އާލާ ކުރެވުމެވެ. އެއިރު މުސްތަޤުބަލުގައި ހަރުދަނާ މީހަކަށް ވުމުގެ މާބޮޑު ވިސްނުމެއް އަހަރެންގެ ނެތެވެ. ވިސްނުމުގައި ހުންނަ ހަމައެކަނި ކަމަކީ އަމިއްލަ ހިތްހަމަ ޖެހުމާއި އުފަލެކެވެ. މަޖާކުރުމާއި، ސަކަރާތް ޖެހުމެވެ.

މަސްތުވާތަކެތީގެ ތެރޭގައި އަހަރެންގެ ދުވަސްތައް ކަނޑައްތު ކުރަމުން ދިޔައީމެވެ. މަސްތީ ހާލުގައެވެ. އެންމެ ފަހުން މަސްތުވާތަކެއްޗަކީ އަހަރެންގެ ހަޔާތުގެ މުހިންމު ބަޔަކަށް ވެއްޖެއެވެ. އެއާއި ނުލައި ނޫޅެވޭ ވަރުގެ އެއްޗަކަށް މަސްތުވާތަކެތި ވިއެވެ. މަސްތުވުމަށް އަތުގައި ފައިސާ ނެތުމުން، ރަށްޓެހިން ކައިރިން ސަލާން ޖަހައިގެންނާއި، އެކި މީހުންގެ އަތުން މަކަރާއި ހީލަތް ހަދައިގެން ފައިސާ ހޯދަމުން ދިޔައީމެވެ. ބޭނުމަކީ މަސްތުވެލައި ހިތް އުފާކޮށްލުމެވެ.

މުޅި ދުވަސް މަސްތީ ހާލުގައި ވޭތު ކުރުމަށް އަހަރެން ބޭނުންވާން ފެށިއެވެ. ނަތީޖާއަކަށްވީ، ބޮޑެތި ވައްކަންތައް ކުރެވެން ފެށުމެވެ. މީހުންގެ އަތުން ފޭރުމާއި، އަގުބޮޑެތި މުދަލުން ވައްކަން ކުރެވެން ފެށިއެވެ. ގޭތެރެއިންނާއި، ފިހާރަތަކުންނެވެ.

އުމުރުން 21 އަހަރުގައި ވައްކަމުގެ މައްސަލައެއް އަހަރެންގެ މައްޗަށް ސާބިތުވެ، ތިން އަހަރަށް އަހަރެން ޖަލަށް ލިއެވެ. އެއީ މަސްތުގެ ދުނިޔެއިން އަހަރެން ނުކުތުމަށް ފުރަތަމަ ވިސްނި ހިސާބެވެ. ޖަލުގައި އަހަރެން ވޭތު ކުރި ފުރަތަމަ ދުވަސްތަކަކީ ހަޔާތުގައިވެސް ވޭތު ނުކުރާ ފަދަ އުނދަގޫ ދަތި ދުވަސްތަކެކެވެ. މަސްތުވުމަށް ކެތްމަދުވި ނަމަވެސް އެކަން ކުރެވޭނެ ގޮތެއް ނެތެވެ. ގައިން ހޫނު އަރާވަރުން އިރުކޮޅު ކޮޅާ އަހަރެން ފެންވަރަމެވެ. ގައިގެ އެކިތަންތަން ހިރުވާ ހެން ހީވެއެވެ. މި ވާ ގޮތަކީ މާބޮޑަށް މަސްތުވާތަކެއްޗަށް "ސިކް"ވީއެވެ.

ޖަލުގައި އެއް އަހަރު ވޭތު ކުރެވުނު އިރު މަސްތުވާތަކެތި ބޭނުން ކުރާހިތް މަޑުމަޑުން ކެނޑެން ފެށިއެވެ. އަދި ދިރިއުޅުމާއިގެން ވިސްނެން ފެށިއެވެ. ފުރަތަމަ އަހަރެން ވިސްނީ ހަރުދަނާ މީހަކަށް ވުމަށެވެ. ޖަލުން ނުކުމެ ހަލާލު ގޮތުގައި ފައިސާ ހޯދޭނެ ގޮތެކެވެ. މި ވިސްނުމުގައި ޖަލުގައި ބާކީ އޮތް ދެ އަހަރު އަަހަރެން ހޭދަކުރީމެވެ. އެ ދެ އަހަރުގެ ތެރޭގައި ނަމާދުކޮށް، ޤުރުޢާން ކިޔެވުމަށް އަހަރެން އާދަވިއެވެ. އަދި އެކަމުގެ ސަބަބުން އަހަންނަށް ހަމަޖެހުން ލިބުނެވެ.

މާތްﷲގެ އިރާދަފުޅާއިރު ހުރަގެއިން އަހަންނަށް މިނިވަންކަމުގެ ނޭވާއެއް ލެވުނު އިރު އަހަރެން ވަނީ މުޅިން ބަދަލުވެފައެވެ. ކުރިން އުޅުން ލާނެތް އުޅުން އަހަރެން މިވަނީ ދޫކޮށްލާފައެވެ. ޖަލުން މިނިވަންވެ، އެކުވެރިއެއްގެ ވިޔަފާރީގައި އަހަރެން މަސައްކަތް ކުރަން ފެށީމެވެ. އިސްލާމްސްތެރިކަމާއި ތެދުވެރިކަމާއި އެކުގައެވެ. ނަތީޖާއަކަށްވީ، އަހަންނަށް ކުރިއެރުން ލިބުމެވެ. މަޤާމާއި، ގަދަރާއި އިއްޒަތް މައްޗަށް ޖެހުމެވެ. މިއަދު އަހަންނަކީ އާއިލާއެއްގެ ޒިންމާ އުފުލަމުން އަންނަ ބައްޕައަކީމެވެ. ކަޅު މާޒީން އަހަރެން ލިބިގަތީ ފިލާވަޅެކެވެ. މަސްތުގެ ދުނިޔެއިން ނުކުމެވުނީތީ މިއަދު ﷲ އަށް ހަމްދުކުރަމެވެ. ބުންނަން ހެއްޔެވެ؟ މަސްތުވާތަކެތީގެ ވަބާއަކީ މުޅި ދިރިއުޅުން ބަނަކޮށްލާ ކަޅު ބޯ ވިލާގަނޑެކެވެ. އެ ވިލާގަނޑާއި ނަމަަނަމަ ކައިރި ނުވާށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ކުދިޖަޒީރާ

    މަސްތުވާ ތަކެތި އެތެރެކޮށް މާކެޓުކުރާނީ މާލޭގެ ބޮޑުންނާއި ނުފޫޒުގަދަ ފަރާތްތައް ސާމިލުވެވިގެން ބޮއެ ހަލާކުވަނީ ނިކަމެތި އާއްމު ކުދިންކޮޅު އޭގެ ނުރައްކާ އެންމެނަން، އަމާން ކަމެއްނެތް، ﷲ ގެ ރަޙުމަތުން ސަލާމަތްވި މީހުންނަށް ހެޔޮގޮތް މިވަނީ ވިސްނިފައެވެ.

    42
    1
  2. ނަމާދުކޮށް، ޤުރުޢާން ކިޔެވުމަށް ސަމާލު

    ނަމާދުކޮށް، ޤުރުޢާން ކިޔެވުމަށް ސަމާލުވޭ- އެއިރުން ހަމަޖެހުން ލިބޭނެއެވެ.
    ހުރިހާ ކަމެއް ރަނގަޅުވާނީ އެއިރުން. މީގެ މާނައެއް ނޫން އެހެނިހެން ރަނގަޅު ކަންތައްތައް ނުކުރާށޭ! އެކަމު އެންމެ ބޮޑު ސަމާލުކަމެއް މި 2 ކަމަށް ދޭށޭ މިބުނަނީ.
    އަދި ދިރިއުޅުމާއިގެން ވިސްނެން ފެށިއެވެ. ފުރަތަމަ އަހަރު ވިސްނީ ހަރުދަނާ މީހަކަށް ވުމަށެވެ. ޖަލުން ނުކުމެ ހަލާލު ގޮތުގައި ފައިސާ ހޯދޭނެ ގޮތެކެވެ. މި ވިސްނުމުގައި ޖަލުގައި ބާކީ އޮތް ދެ އަހަރު އަަހަރެން ހޭދަކުރީމެވެ. އެ ދެ އަހަރުގެ ތެރޭގައި ނަމާދުކޮށް، ޤުރުޢާން ކިޔެވުމަށް އަހަރެން އާދަވިއެވެ. އަދި އެކަމުގެ ސަބަބުން އަހަންނަށް ހަމަޖެހުން ލިބުނެވެ.

    19
  3. ހެޔޮއެދޭމީހާ

    ޢަލްޙަމްދު ލިއްލާހި. ތިޔަކަމުން ސަލާމަތްވީތީ. ތިޔައީ އަމިއްލައަށް ތިޔަކަމުން ސަލާމަތްވާން އަޒުމު ކަނޑައަޅައި މަސައްކަތް ކުރުމުން ނޫނީ ވަނެކަމެއްނޫން.

    52
  4. ބުރޯ

    މިހާރު ވެސް މަސްތުވާތަކެތި ނުހުއްޓުވިގެން އުޅެނީ ޑްރަގް ރިހިބިލިތޭސަން ގެ ސަބަބނުން. އެއީ ކުރަންޖެހޭ ކަމެއްނޫން . އެ މީހަކަށް ކަނޑައެޅޭ ހުކުމް ތަންފީޒު ކޮށް ނިމޭއިރު މީހާ ހުންނާނީ އިސްލާހުވެފާ . އެމުއްދަތުނިމި ދެވެނަފަހަރަށް އެމަގުގައި ހިގައިފިނަމަ ކުރިން އައި ހުކުމް ޑަބަލް ވާންޖެހޭނެ. އިސްލާހު ކޮށް މުޖްތަމައަށް ނެރުމަކީ މިއީ ރިހި ބިލިޓޭސަންގެ ސަބަބުން ބޭނުންކުރާމީހުންވަނީ ގިނަ ..ކުށަށް އަދަބު ނުދެވޭނަމަ މުޖްތަމައު އިސްލާހެއްނުކުރެވޭނެ.

    14
    1
  5. ބަކުރު

    ފޭކް

    3
    8