އަހަންނާއި މީރާ ލޯބީގެ ގުޅިގެން އުޅޭތާ އޭރު 4 އަހަރު ވެއްޖެއެވެ. އޭނާ އަކީ އަހަރެންގެ ހަޔާތުގައި ހުރި އެންމެ މުހިއްމު މީހާ އެވެ. މައިންބަފައިން ނުރުހޭ އިރުގައިވެސް އަހަރެން މީރާ އާއި އެކު އުޅުނީ ބައްޕަމެން ފަހުން ރުހޭނޭ ކަމަށް ބަލައިގެންނެވެ. ނަމަވެސް އަހަރެން މީރާ އާއި ކައިވެނި ކުރާ ހިސާބަށް ދިޔައިރުވެސް އެކަން ވާގޮތެއް ނުވިއެވެ.

ބައްޕަ އާއި މަންމަ އިތުރުން އާއިލާގެ ބައެއް މީހުންވެސް ބުނިގޮތުން މީރާ އާއި އެކު ޒަވާޖީ ހަޔާތެއް ފަށައިގެނެއް ނޫޅެވޭނެއެވެ. އެއީ މީރާ އާއި އަހަންނާއި ހުރި ތަފާތެއްގެ ބޮޑުކަމުންނެވެ. އަހަންނަކީ ރަށުގެ ގަދަރުވެރި އާއިލާ އަކަށް ނިސްބަތްވާ، ކިޔައިވައިގެން ހުރި މީހަކީމެވެ. ނަމަވެސް މީރާ އަކީ ގްރޭޑް 8ން ސްކޫލަށް ދިއުން ހުއްޓާލި ކުއްޖެކެވެ. އެއީ އޭނާގެ ކުށެއް ކަމަކަށް އަހަރެން ނުދެކެމެވެ. އެއީ މީރާ އަށް އެހެން ދިމާވީ އޭނާގެ ބައިންބަފައިންގެ ކައިވެނި ރޫޅި، މަންމަ އާއި އެކު އެކަނި އުޅެން ޖެހުމުގެ ސަބަބުންނެވެ. މީރާގެ ބައްޕަ އެމީހުންނަށް އެއްވެސް ވަރަކަށް އަޅައެއް ނުލައެވެ.

ކޮންމެއަކަސް، އަހަރެންގެ އާއިލާ ރުއްސަން ކުރި މަސައްކަތްތައް ފެނަށް ދިއުމުން އާއިލާގެ ނުގަބޫލުގައި ކައިވެނި ކުރަން ނިންމައިގެން މާލެ ދިޔައީމެވެ. ކައިވެންޏަށް ފަހު ބޮޑު ޕާޓީއެއް ބާއްވަން ގަސްތު ކުރި ނަމަވެސް، އާއިލާ މީހުންވެސް ނާންނާނެތީ، އެ ފައިސާ އިން ދެމީހުން ނިންމީ ހަނީމުނަކަށް ދާށެވެ.

ހަފްތާ އެއްވަރު ފަހުން އަހަރެމެން ދެމީހުން ތިބީ އެހެން ބައްރެއްގައެވެ. އޮސްޓްރޭލިއާގައި އަހަރެމެން ތިބި ހިސާބުގަނޑުން ވަށައިގެންވާ ބޮޑެތި އިމާރާތްތައް ފެންނަން ހުއްޓެވެ. ހޮޓަލުގެ އެންމެ މަތީ ރޫމްގައި ތިބި އިރު ދުނިޔޭގެ އެއްވެސް ކަމަކާއި ކަންބޮޑުވުމެއް ނެތެވެ. މީރާ އަހަރެންގެ ކައިރީ ހުރުން އެއީ އަހަރެންގެ ނަސީބޭ ހިތަށް އެރިއެވެ. އޭނާގެ މަޑު މުށި ކުލައިގެ ދެ ލޮލާއި، ތޫނު އެސްފިޔަތަކާއި ޗާލު ބުރުސޫރައަށް އެތައް ފިރިހެން ކުދިންނެއް މަރު ދެއެވެ. އެކަމަކު އޭނާ އަހަރެން ދޫކޮށްލާފައެއް ނުދެއެވެ. ބޭފަވާތެރިއެއްވެސް ނުވެއެވެ.

ހަނީމޫންގެ ދުވަސްތައްވެސް ނިމުމަކަށް އަންނަނީއެވެ. އެކި ދުވަހު އެކިއެކި ޙަރަކާތްތައް ދެމީހުން ރާވައިގެން ކުރިއަށް ގެންދަމުން ދިޔައިރު، އެއް ދުވަހު މީރާ ބޭނުންވީ ސައިކަލު ދުއްވަން ދާށެވެ. މިއީ އެހެން ޤައުމެކެވެ. ރާއްޖޭގައި ސައިކަލް ދުއްވުމާ ހާސް ތަފާތުވާނެއެވެ. އަހަރެން ނިސްބަތްވާ އައްޑޫގައި ސައިލަކު ދުއްވޭ ވަރަށް ވުރެން މާ ބާރަށް މިތާ ދުއްވޭނޭ ކަމަށް ބުނެ މީރާ އަހަންނަށް ހިތްވަރު ދެމުން ގެންދިޔައެވެ. ނުދަންނަ ޤައުމެއްގައި ސައިކަލު ދުއްވަން ފަސްޖެހިގެން ހުރެ، މީރާގެ އެދުންތައް ފުއްދައިދޭން އާނއެކޭ ބުނީމެވެ.

ހޮޓަލުގެ މުވައްޒަފެއް މެދުވެރިކޮށް ޑުކާޓީ ސައިކަލެއް ކުއްޔަށް ނަގައިފީމެވެ. ރަތް ކުލައިގެ އެ ޑުކާޓީގެ އަޑު އެހައިވެސް ބާރެވެ. މިއީ އަހަރެން މިފަދަ ބޮޑު ސައިކަލެއް ދުއްވާ ދެވަނަ ފަހަރު ކަމުން އެހައި ފަރިތަ ނުވާނޭ ކަމަށްބުނެ މީރާ އަށް އިންޒާރުވެސް ދިނީމެވެ. ނަމަވެސް އޭނާ އަހަންނަށް އިތުބާރު ކުރާކަން އިހްސާސް ކުރެވިފައި އަޒުމް ވަރުގަދަވިއެވެ.

ހެލްމެޓު އަޅައިގެން އިތުރު އެއްވެސް ސަލާމަތީ ވަސީލަތަކާއި ނުލައި ޑުކާޓީގައި ދެމީހުން ސައިކަލު ދުއްވަން ނިކުމެއްޖައީމެވެ. އެއީ ވަރަށް ތަފާތު އިހްސާސެކެވެ. ލޯބިވާ އަނބިމީހާ އާއި އެކު ބޮޑު ސައިކަލެއް އެހެން ބައްރެއްގައި ދުއްވައިލުމުން އެ ލިބޭ އުފާ ބަޔާންކޮށްދޭންވެސް ދައްޗެވެ.

މަޑު ދުވެއްޔެއްގައި އަހަރެން ދިޔައީ ވަށައިގެންވާ މާހައުލަށް ނަޒަރު ހިންގަމުން ވަރަށް ހަމަޖެހިލައިގެންނެވެ. ކުއްލިއަކަށް މީރާ އަހަރެންގެ ގައިގައި ބާރަށް ބައްދާލުމަށް ފަހު ބުންޏެވެ. " ބޭބީ، ދެން ތަންކޮޅެއް ބާރަށް ދުއްވަބަ."

އަހަރެން މީރާ ފޫހިކޮށްލަން ބޭނުން ނެތުމުން ސައިކަލުގެ ދުވެލި ބާރު ކޮށްލީމެވެ. އެވަރުވެސް މީރާ އަށް ކަމު ނުގޮސްގެން އޭނާ ބުނަންދެން ބާރު ކުރަމުން ގެންދިޔައީމެވެ. ދުވެލި ބާރުވާ ވަރަކަށް މީރާ އަށް މަޖާވާ ކަހަލައެވެ. 200ށް ސްޕީޑް އަރައިގެން ގޮސްފިއެވެ. މީރާ އަދިވެސް ބޭނުންވަނީ ބާރަށް ދުއްވާށެވެ. އެކަމަކު އަހަރެން އެކަމާއި ދެކޮޅު ހެދީމެވެ. މަޑުމަޑުން ސައިކަލު މަޑު ކުރަން ފަށައިފީމެވެ.

އޭރުވެސް އެބުނާހާ މަޑެއް ނޫނެވެ. ރާއްޖޭގެ މަގެއްގައި އަދިވެސް އެހައި ބާރަކަށް ނުދެވޭނެއެވެ. ކުއްލިއަކަށް ފަހަތުން އައި ކާރަކުން އަހަރެންގެ ސައިކަލުގައި ޖައްސައިފިއެވެ. އަހަންނަށް އެނގެނީ އެވަރެވެ. ހޭލެވުނުއިރު އޮވެވުނީ ހޮސްޕިޓަލެއްގައި ކަމުން އެކްސިޑެންޓެއްވީކަން ޔަގީން ކުރެވުނެވެ. އަހަރެންގެ ކައިރީ މީރާ ކޮޅަށް ހުރުމުން އޭނާ އަށް ބޮޑު ގެއްލުމެއް ނުވާކަންވެސް އެނގުނެވެ.

އަހަރެން ސައިކަލުގައި ޖެއްސި ކާރުގައި އިން މީހާ އިން ރާބޮއިގެން މަސްތުގެ ހާލަތުގައެވެ. އޭނާ ސައިކަލުގައި ޖެއްސި ވަގުތު ކޮންމެވެސްގޮތަކަށް މީރާ ވެއްޓުނީ އެ ކާރު މައްޗަށެވެ. އެއަށް ފަހު ބިންމައްޗައް ޖެހުމުން މީރާ އަށް މާބޮޑު އަނިޔާއެއް ނުވެއެވެ. ދުވަހަކުވެސް ނުހިނގޭނޭ ކަމުގެ ޙަބަރު ޑޮކްޓަރުން ދިނީ އަހަންނަށެވެ. އެ ޙަބަރާއި އެކުވެސް އަހަރެން މާބޮޑަށް ހާހެއް ނުވެއެވެ. އެއީ އަހަންނަކީ އަމިއްލަ ވިޔަފާރިއެއް ހިންގާ މީހެއްކަމުން މިކަމުގެ ސަބަބުން އަހަރެންގެ ހަޔާތަށް މާބޮޑު ބުރޫއެއް ނާރާނެތީއެވެ. އަދި މީރާ އަށްވެސް ގެއްލުމެއް ނުވުމުން އަހަރެން މާތްﷲ ހަސްރަތަށް ޝުކުރު އަދާ ކުރީމެވެ.

މިއީ އޭގެ 7 އަހަރު ފަހެވެ. މީރާ އަހަރެން ދޫކޮށްލާފައި ދިޔައީއެވެ. ކީއްވެކަން އެނގޭ ހެއްޔެވެ؟ އަހަރެން ބަލަން މަސައްކަތަކަށް ވީމައެވެ. އަހަރެންގެ ބައެއް ބޮޑެތި ވިޔަފާރިތައް ހުންނާނީ އޭނާގެ ނަން މަތީގައެވެ. އަހަރެންގެ ކަހަލަ ނުކުޅެދޭ މީހަކާއި އެކު އުޅެން އޭނާ ލަދުގަތީއެވެ. އަހަރެން މިއަދު މިއުޅެނީ މައިންބަފައިންނަށް މޫނުވެސް ދައްކާ ނުލައެވެ. އެމީހުންވެސް އަހަންނަކަށް ނުގުޅައެވެ. އުޅޭތަނެއް، ހާލެއްވެސް ނުބަލާ ހިނދު، ދިރި ހުރިތޯވެސް ބަލައި ނުލައެވެ.

އެކަމަކު މާތްﷲ އިރާދަފުޅާއި އެކު އަހަރެން އަދި ރަނގަޅެވެ. ދެފައިގެ ބޭނުން ނުކުރެވުނެއް ކަމަކު އަހަރެން ނުކުޅެދޭ ހާލުވެސް ލޯބިވާ އަންހެނަކު އެބަހުއްޓެވެ. އެއީ އާއިޝްއެވެ. އޭނާ އާއި އަހަންނާއި ދިމާވީ ހޮސްޕިޓަލުންނެވެ. އޭނާ އަކީ ނަރުހަކެވެ. މިހާރު އަހަރެންގެ ލޯބިވާ އަނބިމީހާއެވެ. އަހަރެންގެ ދެ ކުދިންގެ މަންމައެވެ. އާއިޝް އަހަރެންގެ މައިންބަފައިންނާއި ބައްދަލު ކުރަން ވަރަށް ބޭނުންވެއެވެ. އަދި އަހަރެން އެމީހުންނާއި ބައްދަލު ކުރަށް ވަރަށް ބޮޑަށް ބާރުވެސް އަޅައެވެ.

މީރާ ވީތަނެއްގައި އުޅުމަށް އަހަރެން ދޫކޮށްލިއެއް ކަމަކު އަހަރެންގެ މައިންބަފައިން ދޫކޮށްލަން ފެނޭ ހެއްޔެވެ؟ އެމީހުންނަށް އަހަރެން ނުކުޅެދޭކަން އެނގޭ އިރުވެސް ހާލުވެސް ބަލައިލަން ނާދެއެވެ. ކަން މިހެން އޮތްއިރު އަހަރެން އެމީހުން ކައިރިއަށް ދާން ފެނޭ ހެއްޔެވެ؟ މިއީ އަހަންނަށް މިހާރު އެންމެ ވިސްނޭ ކަންތަކެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. Anonymous

    ފަންސާސް ފަސް އަހަރުގެ މުސްކުޅި އަންހެނެއް، ފަސްދަރިންގެ މަޔެއް، ދެ ދަރިންގެ މާމައެއް ދެކެ ލޯބިވި ފަންސަވީސް އަހަރުގެ ޒުވާން ފިރިހެނަކު ވަރަށް ބާރަށް ލޯބިން އުޅެއުޅެފަ ފިލައިފިއެވެ. އޭނާ ހޯދައިގެން އޭނާ ލޯބިވި މުސްކުޅި މާމަޔާ ހަވާލުކުރާށެވެ.

    15
  2. ޝަޒީމާ ސޯލިހު / މަނދޫ

    އަޅުގަނޑާވެސް ތިޔަ ކަހަލަ މީހަކު ދިމާވިއެވެ. އޭނާ އަކީ އުތުރުގެ ރަށެއްގެ ވެރިކަން ރަށަކު ކުއްޖެކެވެ. އޭރު އަޅުގަނޑު އުޅުނޫ ލ. އަތޮޅު ބަނޑައިދޫ ކުއްޖަކާ އިދެގެންނެވެ. ދެން އަޅުގަޑުގެ ދަތަ އަޅުގަޑުގެ ދިރިއުޅުން ހަލާކޮށްލިއެވެ. ދެން އަޅުގަޑު އެސޮރަކާ އިދެގެން 1 އަހަރު ދުވަސް ނުވަނީސް އެސޮރު އަޅުގަޑަށް އަނިޔާ ކުރާތީ ވަރިވީއެވެ. ކުރިން އަޅުގަޑު އިދެގެން އުޅުނު ސޮރު މާރަގަޅެވެ. މިހާރު އިދެގެން މިއުޅޭ ސޮރުވެސް އެހައި ރަގަޅު ނޫނެވެ. އެއްދުވަހަކު އަޅުގަޑު މި ސޮރުގެ ކުރީގެ ބިޓަކަށް ގުޅުމުން ބުނީ އޭނާ އާ ވެސް އިނދެގެންނެވެ. މިހާރު އިންނަނީ ކުޑަ ކުއްޖަކާ ބެހިގެން 5 އަހަރަށް ޖަލުގައެވެ. މިހިރީ ކަންތައް ދިމާވާ ގޮތެވެ. އިބަރަތް ހާސިލް ކުރާޅަ

    16
    2
  3. މޫންޓީ ކައުންސައިލެންސަރު

    މަންޖެއަށް މަށައި ނުބެހި ނުރެވެނޫ؟؟؟

    7
    3
  4. ޢަފީ

    އާއިލާ ކައިރިއަށް ގޮސް އެމީހުންގެ ހިތް ހެޔޮ ވީމަ ތިޔައްވުރެ އަދި މާ ރަނގަޅު ގޮތެއް ވެސް މެދުވެރި ވެދާނެ.

    46
  5. އައިސަ

    އާނ. ފެނޭ. ގޮސް މައިންބަފައިންނާ ބައްދަލުކޮށް ހިތް ހަލާލު ހޯދާ. ދަރިންނަށް ކާފަމާމަގެ ލޯބި ހޯދައިދީ.
    މައިންބަފައިންގެ ބަލިފަޔަކީ ދަރިން. އެމިހުން ކުރިމަތީ ޙަޤީޤީ ނިކަމެތިކަމާއެކު ދަރިން ވާތަން ދެކޭކަށް މައިލަނގޮނޑިއަކަށް ކެތެއްނުވާނެ. އަވަހަށް ދޭ މައިންބަފައިންނާ ބައްދަލުކުރަން. ﷲގެ ބަރުބާރަށް ގޮސް ދައްކާނި ކޮން ބަހަނާއެއް. ދޮންކަލޯ އަވަހަށްދޭ.

    40
    1
  6. އަހުމަދު

    މަންމަ އާއި ބައްޕަގެ މައްޗަށް އެހެން މީހުން އިސްކުރީމަ ވާނެ ގޮތް ތީ. އުފަން ނުވަނީއްސުރެން އެ މަންމަ އުފުލި ބުރައާއި ވޭން އަދި ބައްޕަގެ ގުރުބާނީ ގަ އެހެން މީހަކަށް ޓަކާ ކޮޅުފައިން ޖެހީމަ ވީގޮތް ތީ. އެ ދެމީހުން އުރެދުމަކަށް އަމުރު ނުކުރާހާ ހިނދަކު އެ ދެމީހުންނަށް ކިޔަމަން ވާން ޖެހޭ...

    26
    1
  7. ރަން ރީނދޫ

    ބަލަ އަހަރުން ތިޔަ ހުރިހާ ހާސަރު ނުދަމާތީ ނޫހުގަ ނުޖަހަނީ. މަގޭ މި ހިތް ހަލާކު ވީކޮންމެ ފަރަކަށް ޑޮލަރެއް އަތުލިނަމަ،މިލިއަނަރަކަށް މަވީސް.

    8
    2
  8. ޙަސަނު

    މަންމައާއި ބައްޕަ ކައިރިއަށް ދާށެވެ. އާއިލާގެ އެހެން މެމްބަރުނާއިވެސް ބައްދަލުކުރާށެވެ. އެންމެނާއިވެސް ހެޔޮހިތުން ވާހަކަ ދައްކާށެވެ. މަންމައާއި ބައްޕަ އެއް ރިޕްލޭސް އެއް ނުކުރެވޭނެއެވެ. އޭރު އެމީހުން ނުރުހުނު ސަބަބުތައް ބައިވަރު އޮވެދާނެއެވެ. އެހުރިހާ ކަމެއް ހަނދާން ނައްތާލާށެވެ. ސުވަރުގެ ވަދެވޭނީ މަންމެގެ ފައިތިލަ ދަށުންނެވެ. މަންމަ އާއި ބައްޕަވެސް ތިޔަ ދަރިފުޅު ހޯދާނެ ކަން ޔަގީނެވެ. ވ ސަލާމް.

    16
  9. ދާއޫދު

    އެންމެ ރަނގަޅު ރީތި ގޮތަކީ މަންމަމެންގެ ގާތުން މަޢާފަށް އެދި މަންމަމެނަށް ތިބާގެ ވެދެވެން އޮތް އެހީތެިކަމާ ލޯތްބާއި އަޅާލުން ދީގެން އުޅުން.

    11
  10. މަހާ

    ތީގަ މީރާ ބޮލަށް އެކަނި ތިކަމެއް ނުޖެހޭނެ. މައިންބަފައިން ދޫކޮށްލީ ކާކު؟ އިންނަން ނިންމީ ކާކު؟ ސައިކަލު ދުއްވީ ކާކު؟ މީރާ ބުންޏެއް ކަމަކު އޭނައަށް ނޫނެކޭވެސް ބުނެވުނީސް ދޯ. މީރާ ބަޑިއެއް ބޮލުގަ ޖައްސާފަތަ އެކަންތައް ކުރުވީ؟

    5
    3
  11. ފާފު

    ލޯބީގެ ސަބަބުން ބަރުބާދެއް ނުވާނެ. ލޯބީގެ ސަބަބުން ވާނީ އުޖާލާ. އާބާދު. ނަފުރަތާ، މަކަރާ، ހަސަދައިގެ ސަބަބުން ބަރުބާދުވެ ފަނާވާނީ.

  12. ކުދެދިޔެ

    އެއްވެސް އިންސާނެއްގެ ލޯބީގަ ގެއްލިގެން ނުވާނެއެވ. އުސޫލުތައްމުގުރައިގެން ނުވާނެއެވެ. ހައްދުފަހަނަޅައިގެން ނުވާނެއެވެ.