ދުވާލު ގަޑީގައި ޖިންނި ފެންނަ ކަމަށް ބައެއް މީހުން ގަބޫލެއް ނުކުރެއެެވެ. އެކަމަކު މިއީވެސް ދިމާވެފައި ހުންނަ ކަންކަމެވެ. ކޮންމެ ގަޑިއެއްގައިވެސް ރޫހާނީ ކަމަކާ ދިމާވެދާނެއެވެ. ރޫހާނީ ކަންކަން ނުވަތަ ޖިންނީގެ ކަންތައްތަކަކީ ވާ ކަންކަން ގަބޫލު ނުކުރާ މީހުން ވެސް އުޅެއެވެ.

މިއީ މާލޭގައި ދިރިއުޅެމުންދާ ޒުވާން އަންހެނަކު، އޭނާގެ އަމިއްްލަ އުފަން ރަށަށް ގޮސްގެން އުޅެނިކޮށް ދިމާވި ކަމެކެވެ.

އެއީ މީގެ އަހަރުތަކެއް ކުރިއެވެ. އެ ޒުވާނާ ރަށަށް ގޮސް އުޅުނީ މާމަ މެން ގޭގައެވެ. މާމަގެ ގެ ހުންްނަނީ ރަށުގެ ވަލު ތެރެއާ މާ ދުރެއްގައެއް ނޫނެވެ. ގޭގެ ބޭރުގައި ހުންނަނީ ވަށާ ފާރު ނުރާނާ ކަމުން ވަލު ތެރެ ވަރަށް ރީއްޗަށް ފެނެއެވެ. ބައެއް ފަހަރު ރޭގަނޑު ގަޑީގައި ބޭރަށް ނުކުންނަންވެސް ބިރު ގަނެއެވެ. އެއީ އެ ހިސާބު އަނދިރިވުމާއި، މީހުން މާ ގިނައިން އުޅޭ ސަރަހައްދަކަށް ނުވާތީއެވެ.

އެ ފަހަރު ރަށަށް ގޮސް އުޅުނު 15 ދުވަސް ތެރޭގައި ލައްކަ ކަންކަން ގޭތެރޭގައި ވެސް ހިނގިއެވެ. ބައެއް ފަހަރު އާއިލީ މައްސަލަ ގަނޑެއްގެ ތެރޭގައި ވެސް އުޅެން ޖެހެއެވެ.

މިއީ ވެސް އެފަދަ ދުވަހެކެވެ. އާއިލާ ތެރޭގައި ޖެހުނީ މައްސަލައެކެވެ. އެ މައްސަލަގަނޑުގެ ތެރެއިން ނުކުތުމަށް، އޭނާ ބޭނުންވީ ބޭރަށް ނުކުމެލާށެވެ. އެ ދުވަހުގެ މެންދުރެއް ހާއިރު ގެއިން އޭނާ ނުކުތެވެ. އޭނާ އެ ރަށުގައި ދާނެ ވަކި އެހެން ތަނެއް ނެތް ނަމަވެސް، އެ ގަޑީގައި ހާލަތަށް ބަލާއިރު، ގޭގައި ހުރުމަށް ވުރެ އެހެން ކަޮންމެ ތަނެއްގައި ވެސް ހުރުން ރަނގަޅު ކަމަށް ދެކިގެންނެވެ.

އޭނާ ގެއިން ނުކުމެގެން ދިޔަ ގޮތަށް ހުއްޓުމެއް ނެތި ދިޔައީ ރޮމުންނެވެ. އެއީ އާއްމުކޮށް އެފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ، އޭނާ ކަންތައް ކުރާ ގޮތެެވެ. ހިތްފުރެންް ދެން ރޯނީއެވެ. ހަމަޖެހިގެން އައިސް އަނެއްކާވެސް އެއްވެސް ކަމެއް ނުވާ ކަމަށް ހަދައިގެން ގެއަށް ވަންނަނީއެވެ.

އެ ދުވަހު އޭނާ ގެއިން ނުކުމެގެން ދިޔައީ ގާތްގަނޑަކަށް މެންދުރު އެކެއް ޖަހާކަން ހާއިރުއެވެ. މީގެ ކުރިންވެސް ޖިންނި އާއި ރޫހާނީ އެތައް ކަމެއް ހިނގާފައިވާ ކަމަށް ރަށު ތެރޭގައި ވާހަކަ ދެކެވޭ އެ ވަލު ތެރެއަށް ވަދެގެން އޭނާ ދިޔައީ ބިރެއް ނެތިއެވެ. އެއީ ދުވާލު ވީމައާއެކު މާބޮޑަށް ފަރުވާލެއްވެެސް ނެތީއެވެ.

އޭނާ ވަލު ތެރެއިން ހިނގާލާފައި، ދިޔައީ ގޮނޑުދޮށާއި ދިމާލަށެވެ. ބޭނުންވީ އެކަނި ވެލައިގެން ހަމަޖެހިލާށެވެ. މަޑުން މަޑުން ހިނގާލާފައި ގޮސް ގޮނޑުދޮށާއި މާ ދުރު ނޫން ހިސާބެއްގައި ހުރި ރުއް ބުޑެއްގައި އިށީނދެލީމެވެ.

ކުއްލިއަކަށް ފަހަތުން މީހަކު ގޮވާލި އަޑު އިވުނެވެ.

މަންޖޭ.....

މަންޖޭ....

މިއީ އާއިލާ މީހުން އޭނާއަށް ގޮވާ ނަމެވެ. އެހެންކަމުން އެއީ އާއިލާ މީހެއް ކަމަށް ބަލައިގެން ފަހަތަށް ބަލާލީމެވެ. އެއްވެސް މީހެއްގެ ހިލަމެއް އޭނާއަށް ފެންނަން ނެތެވެ.

ތިން ވަނަ ފަހަރަށް އަނެއްކާވެސް ގޮވިއެވެ.

މަންޖޭ......

މިފަހަރު ގޮވާލުމުން މުޅި ސަރަހައްދު އޭނާ ހޯދާލިއެވެ. އޭނާ އަށް ކުއްލިއަކަށް ލޮލުގައި އަޅައިގަތީ ވަލު ތެރެއިން ތަންކޮޅެއް ދުރުގައި އޭނާގެ ބޮޑުދައިތަ ހުރި ތަނެވެ. އެ ދުވަސްވަރަކީ ބޮޑުދައިތަ ވިހަން ތައްޔާރުވެފައި ހުރި ދުވަސްވަރުކަމުން، އޭނާ ވަލު ތެރެއަށް އައީ ކީއްވެގެންކަން ނޭނގެއެވެ. އެ ދުވަހު ހިނގަން އުނދަގޫ ވެެގެން އުޅުނު ބޮޑުދައިތަ ގެއާ އެހާ ދުރުން ފެނުމުން މާބޮޑަށް ހައިރާން ވިއެވެ.

އެކަމަކު ބޮޑުދައިތަ އެ ހުރި ތަނުން ގުޑާވެސް ނުލައެވެ. ހަމަ ހުރީ ބަލަހައްޓައިގެންނެވެ. ކަޅިވެސް ޖަހާ ނުލާ ބަލަހައްޓައިގެން ހުރިހެން ހީވެގެންނާއި ބޮޑު ދައިތައަކީ، އޭނާއާ އެންމެ ގާތް އެކަކު ކަމުން، އޭނާ ކައިރިއަށް ނައިސް އެތަނުގައި އެހެން ނުހުންނާނެ ކަން ކަށަވަރު ވުމުން، އޭނާ ބިރުގަތެވެ. ރަށު ތެރޭގައި އެ ވަލާ ގުޅޭ ގޮތުން ކުރިން ދެކެވިފައި ހުރި ވާހަކަތަކާއެކު، މާބޮޑަށް ބިރު ގަނެއްޖެއެވެ.

އެންމެ ފަހުން އޭނާ ބާރު ބާރަށް ގެއާ ދިމާލަށް ހިނގައިގެންފިއެވެ. އާއްމުކޮށް އެކަހަލަ ކަމެއް ދިމާވެއްޖެ ނަމަ ފަހަތަށް ނުބަލަން ބުނެފައިވާތީ އެ އުސޫލުން ކަންތައް ކުރުމަށް ފަހު ގެއަށް ގޮސް ބެލިއިރު، ބޮޑުދައިތަ ޖޯލީގައި ވަރަށް ބޮޑަށް ބަނޑުގައި ރިއްސައިގަނެގެން އޮތެެވެ. ހީވަނީ ހަމަ ދެންމެ ދެންމެ ވިހާފާނެ ހެންނެވެ.

އެހެންކަމުން އޭނާއަށް ވަލު ތެރެއިން ފެނުނީ ބޮޑުދައިތަ ނޫންކަން ކަށަވަރު ވިއެވެ. ބޮޑުދައިތަ ހުރި ހާލަތުގެ ގޮތުން އެ ވާހަކަ އޭނާ ދައްކަންވެސް ބޭނުން ނުވީއެވެ.

ފަހުން އެކަމުގެ އެއްވެސް އުނދަގުލެއް، ނޫނީ އެފަދަ އެއްޗެއް އޭނާއަށް ފެނިފައެެއް ނުވެއެވެ.

ދުވާލި ގަޑީގައި ޖިންނިއެއް ފެނިދާނެތަ؟

ގިނަ މީހުން ބުރަ ވަނީ ދުވާލު ގަޑިގައިވެސް ޖިންނި ފެނިދާނެ ކަމަށެވެ. އެގޮތުން ބައެއް ފަރާތްތަކުން މީސް މީީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ދައްކާފައި ހުރި ވާހަކަތަކަށް ބަލާއިރު، ޖިންނި ކޮންމެ ގަޑިއެއްގައި ވެސް ފެނިދާނެއެވެ. ދުވާލު ގަޑީގައި ޖިންނި ނުފެންނަނީ އަލީގެ ސަބަބުން ކަމަށް ވެދާނެ ކަމަށް ބައެއް ފަރާތްތަކުން ގަބޫލު ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަން

    މިވެރިންނަށް ވަލުތެރެއިން ފެންނަނީ ޑްރަގް

    7
    4
  2. އިބްރާހިމް

    މާތް ރަސްކަލާނގެ ވަނީ ރޫހާނީ ތަކެތި ހައްދަވާ އަދި އެތަކެތީން ރައްކާތެރިވެވޭނެ ގޮތްތައް ބަޔާންކުރައްވާފަ، ބަޤަރާސޫރަތަކީ މީގެ އެންމެ ބޮޑު ހެކި، ހެދުނާއި ހަވީރު ކުރުސިކިޔަވައިފި އިންސާނާވަނީ ޖިންނީންގެ ކިބައިން ރައްކާތެރިކުރެވިގެން

    15
    1
  3. Anonymous

    ފުރަމާލޭގައި ވެސް ޖިންނި އުޅޭ ގެތައް ވެއެވެ. މުސަޅު ގެންގުޅޭ އެފަދަ ގެއެއްގެ ތެރެއިން ދުވާލު މެންދުރު ގަޑީގައި ވެސް ޖިންނިއެއް ފެނިފައި ވެއެވެ. އަދި ރޭގަނޑު އެ ގެއިން ޖިންނި ފެނުމަކީ އާންމު ކަމެކެވެ. އެއީ ހެންވޭރުގައި ހުންނަ ގެއެކެވެ. މައްޗަންގޮޅީގައި ވެސް ޖިންނި އުޅޭ ދެ ގެ ހުންނަ ކަމަށް އެނގިފައި ވެއެވެ.

    10
    2
  4. އަން ރިޒޯލްވްޑް

    ޖިންނި އަކީ އިންސާނުންގެ ލޮލަށް ފެންނަ އެއްޗެއްތަ؟

    1
    5