އިންޑިއާގެ ލަވަކިޔުންތެރިޔާ އަދި އިންޑިއަން އައިޑޮލް ސީޒަން 11ގެ ހޯސްޓް އަދިތްޔާ ނަރަޔަން، އެ ޝޯވގެ ތެރެއިން ދިމާވި ޖަޖް އަދި ލަވަކިޔުންތެރިޔާ ނެހާ ކައްކަރުއަށް ދޮނެއް ދިން މައްސަލައާއި ގުޅޭގޮތުން ވާހަކަދައްކައިފިއެވެ.

އެކަންތައް ހިނގާދިޔައިރު، އެންމެ ކައިރީގައި ހުރީ އަދިތްޔާ އެވެ. އޭނާ ވަނީ ބައިވެރިޔާ ނެހާ ކައިރިން ދުރުކުރުވާފައެވެ.

ޓައިމްސް އޮފް އިންޑިއާ އާ ވާހަކަދައްކަމުން އަދިތްޔާ ބުނީ، އެކަމަކީ އޭނާއަށްވެސް ލިބުނު ކުއްލި ސިހުމެއް ކަމަށެވެ. އަދި އޭނާ އެ ހާލަތުގައި ނެހާގެ ރައްކާތެރިކަމަށް މަސައްކަތް ކުރި ކަމަށް ބުންޏެވެ. އެގޮތުން ނެހާ އެ ބައިވެރިޔާ ކައިރިން ދުރަށް ޖެއްސުމަށް އޭނާ މަސައްކަތް ކުރި ކަމަށް އަދިތްޔާ ބުންޏެވެ.

އަދިތްޔާ ބުނީ، ނެހާއަށް ދޮނެއް ދިން މައްސަލާގައި، އެ ބައިވެރިޔާއާ މެދު ފިޔަވަޅެއް އެޅިކަމެއް އެނގިފައެއް ނުވާ ކަމަށެވެ.

"އަހަރެން އެ ވަގުތު ނެހާގެ ރައްކާތެރިކަމަށް ވިސްނިން. ފަހުން ވާނެ ގޮތް އެއީ އަހަރެންގެ އަތްމަތީގައި އޮތް ކަމެއް ނޫން". އޭނާ ބުންޏެވެ.

އަދިތްޔާ ކޮންމެވެސް ވަރަކަށް އެ ބައިވެރިޔާ ގުޅޭގޮތުންވެސް ވާހަކަދެއްކިއެވެ. އޭނާ ބުނީ، އެ ބައިވެރިޔާއަކީ ނެހާގެ ވަރަށް ބޮޑު ފޭންއެއްކަން އޭނާއަށް އެނގުނީ، އެ ބައިވެރިޔާގެ އަތުގައި ނެހާގެ ނަން ލިޔެފައިވާ ޓެޓޫއެއް ޖަހާފައި ވުމުންނެވެ.

"އަހަންނަަށް އިނގޭ އެ ބައިވެރިޔާ ބޭނުންވީ ގޯސްކަމެއް ކުރަން ނޫންކަން. އަހަރެންނަށް އެކަމުން އެނގުނީ ނެހާ ދެކެ އޭނާ ލޯބިވާ މިންވަރު". އޭނާ ބުނެފައި ވެއެވެ.

އަދިތްޔާ

އެ ބައިވެރިޔާ، ސްޓޭޖަށް އައިސްފައި ވަނީ ނެހާ އަށް ހަދިޔާވެސް ހިފައިގެންނެވެ. ރިޕޯޓްތައް ބުނާގޮތުގައި، ނެހާ އޭނާގެ އަތުން ހަދިޔާ ބަލާ ގޮސް،، އޭނާ ނެހާގެ ކޮލަށް ދޮނެއް ދީފައި ވަނީ، ނެހާ އޭނާގެ ގައިގާ ބައްދަން އުޅުނު ގަޑީގައެވެ.

އެ މަންޒަރު ފެންނަ ވިޑީއޯއެއްވެސް މީސް މީޑިއާގައި ދައުރުވިއެވެ. އެ މައްސަލަ ފުލުހަށް ހުށަހެޅުމަށް އެއްބަޔަކު ގޮވަމުން ދެއެވެ.

ނަމަވެސް ނެހާ އެގޮތް ބޭނުން ނުވިއެވެ. ނެހާ ވަނީ، އެކަން ފުލުހުންނަށް ހުށަހަޅަން ބޭނުންނުވެފައި ކަމަށް ލަވަކިޔުންތެރިޔާ ވިޝާލް ޑަޑްލާނީ ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު