މޭގަން މާކެލް އާއި ޕްރިންސް ހެރީ އަކީ މިހާރު އެންމެ މަޝްހޫރު އަދި އެންމެ "ލޯބި" ދެމަފިރިންނޭ ބުނެވިދާނެއެވެ. ކައިވެންޏަށް އަދި މާގިނަ ދުވަސްތަކެއް ވެފައި ނުވާއިރު، މި ދެމަފިރިންނަށް ވަނީ ދަރިއަކު ވެސް ލިބިފައެވެ. އެއާއެކު ދެމަފިރިންގެ ލޯބީގެ ގުޅުން އިތުރަށް ވަނީ ވަރުގަދަ ވެގެން ގޮސްފައެވެ.

ޕްރިންސް ހެރީ އާއި މޭގަންގެ ލޯބީގެ ވާހަކަތައް ދެކެވެމުންދާ މި ދަނޑިވަޅުގައި އާ ވާހަކައެއް އަނެއްކާވެސް މިވަނީ ތިލަވެފައެވެ. އެގޮތުން ދެމަފިރިންގެ ކައިވެންޏަށް މަދު ދުވަސްކޮޅަކަށް ވެފައި ވަނިކޮށް، ޕްރިންސް ހެރީ، ކުރީގެ ލޯބިވެރިޔާ ކްރެސިޑާ ބޮންސް އަށް ކުރި އަސަރުގަދަ ފޯން ކޯލެއް ލީކުވެފައިވާ ކަމަށް ރިޕޯޓްތައް ދަނީ ބުނަމުންނެވެ.

އިނގިރޭސި ޝާހީ އާއިލާގެ ފަހުގެ މައުލޫމާތުތައް ހާމަކުރާ މަސްދަރަކުން މި ވާހަކަތައް އާންމު ކުރި ނަމަވެސް، ލީކުވިކަމަށް ބުނާ ކޯލުގެ އޯޑިއޯ އާންމުކޮށްފައެއް ނުވެއެވެ. ނަމަވެސް ފޯނުކޯލުގައި ދެކެވިފައިވާ ވާހަކަތައް އެފަރާތުން ހާމަ ކުރުމުން މިހާރު އެކަން ވަނީ ގިނަ ބައެއްގެ ސަމާލުކަމަށް އައިސްފައެވެ.

އިނގިރޭސި ބައެއް ނޫސްތަކުގައި މި ކަމާއި ގުޅޭގޮތުން، މައުލޫމާތު އެނގޭ ފަރާތްތަކާއި ހަވާލާދީ ބުނެފައިވަނީ، ޕްރިންސް ހެރީ ކުރީގެ ލޯބިވެރިޔާއަށް ކައިވެނީގެ ކުރިން ކުރީ "ވަދާއީ ކޯލް" ކަމަށެވެ. އެ ފޯން ކޯލުގައި އަސަރުގަދަ ވާހަކަތަކެއް ޕްރިންސް ހެރީ އާއި ކްރެސިޑާ އާއި ދެމެދު ދެކެވިފައިވާ ކަމަށް ވެއެވެ. އެގޮތުން އެ ކޯލުގައި، އާފެށުމަކުން މޭގަން އާއި އެކު އާ ދިރިއުޅުމެއް ފެށުމަށް ތައްޔާރުވަމުންދާ ކަމުގެ ޚަބަރު ޕްރިންސް ހެރީ ކްރެސިޑާ ދިން ކަމަށް ވެއެވެ.

ލޯބީގެ ގުޅުން ނިމުމަކަށް އައި ފަހުންވެސް ހެރީ އާއި ކްރެސިޑާއާ ދެމެދު އޮންނަނީ ވަރަށް އެކުވެރި ގުޅުމެއް ކަމަށް މީޑިއާތަކުން ބުނެއެވެ. ކްރެސިޑާ ވަނީ 2018 ވަނަ އަހަރު އޮތް މޭގަން އާއި ހެރީގެ ކައިވެނި ޕާޓީގައި ވެސް ބައިވެރިވެފައެވެ. މީޑިއާތަކުން ބުނާ ގޮތުގައި ކްރެސިޑާގެ ކައިވެނި ޕާޓީގެ ދައުވަތު އަދި ރަސްމީކޮށް ފޮނުވާފައި ނުވި ނަމަވެސް ހެރީ އާއި މޭގަން އަށް ދައުވަތު ދޭނެކަން ކްރެސިޑާ ވަނީ އަންގާފައެވެ.

ހެރީ އާއި ކްރެސިޑާ ބައްދަލުވީ 2012 ވަނަ އަހަރު އެވެ. ދެއަހަރު ވަންދެން ޑޭޓް ކުރުމަށް ފަހު އެމީހުންގެ ގުޅުން ނިމުމަކަށް އައީ 2014 ވަނަ އަހަރު އެވެ.

ކުރިން މޮޑެލް އެއްގެ ގޮތުގައި މަޝްހޫރުކަން ހޯދާފައިވާ ކްރެސިޑާ އަކީ މިހާރު ރިއަލް އެސްޓޭޓް ވިޔަފާރިވެރިއެކެވެ.