ޕްރިންސް ހެރީ އާއި މޭގަން މާކެލް މަޝްހޫރު އޯޑިއޯ ސްޓްރީމިން ކުންފުނި ސްޕޮޓިފައި އާއިއެކު ހެދި އެއްބަސްވުން ނިންމާލަން ތައްޔާރުވެއްޖެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ހެރީ އާއި މޭގަން 2020 ވަނަ އަހަރު ސްޕޮޓިފައި އާއިއެކު ހެދީ 20 މިލިއަން ޑޮލަރުގެ އެއްބަސްވުމެއް ކަމަށް ރިޕޯޓްތައް ބުނެއެވެ. އެއެއްބަސްވުމުގެ ދަށުން މޭގަން އާއި ހެރީ ވެސް ވަނީ ސްޕޮޓިފައި ގައި ޕްރޮގްރާމްތަކެއް ގެނެސްދީފައެވެ. ނުފޫޒުގަދަ އަންހެނަކަށް ވުމަށް ކުރަން ޖެހޭ ކަންކަމާއި ކުރިމަތިވާނެ ގޮންޖެހުންތަކާއި ގުޅިގެން މޭގަން ގެނެސްދިން ޕްރޮގްރާމަށް ސްޕޮޓިފައިގެ ގިނަ ބައެއްގެ ސަމާލުކަން ލިބުނެވެ. އެ ޝޯ އަކީ ސްޕޮޓިފައި އިން އެންމެ ގިނަ މީހުން އަޑުއެހި ޝޯތަކުގެ ތެރެއިން ޝޯއަކަށް ވެސް ވިއެވެ.

ނަމަވެސް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ސްޕޮޓިފައިގެ މެނޭޖްމަންޓުން ބޭނުންވާ މިންވަރަށް މޭގަން އާއި ހެރީ ކޮންޓެންޓް އުފައްދަމުންނެއް ނުދެއެވެ. އެހެންވެ އެއްބަސްވުން އިތުރަށް ކުރިއަށް ގެންދަން ކުންފުނިން ބޭނުން ނުވަނީއެވެ.

މިކަމާއި ގުޅޭ ގޮތުން މޭގަން އާއި ހެރީ ވެސް އަދި ސްޕޮޓިފައި އިން ވެސް ރަސްމީކޮށް އެއްވެސް ވާހަކައެއް ނުދައްކައެވެ.

ހެރީ އިނގިރޭސިވިލާތުގެ ޝާހީ އާއިލާ އާއި ވަކިވެ އެމެރިކާ އަށް ދިރިއުޅުން ބަދަލު ކުރުމުން މާލީ ގޮތުން ގިނަ ދަތިތަކެއް ކުރިމަތިވިއެވެ. އެދަތިތަކުން އަރައިގަތުމަށް ސްޕޮޓިފައިގެ އިތުރުން ނެޓްފްލިކްސް އާއިއެކު ވެސް ހެރީ އާއި މޭގަން އެއްބަސްވުމެއްގައި ސޮއިކޮށް ނެޓްފްލިކްސްގެ ޑޮކިއުމެންޓްރީއެއް ވެސް ވަނީ ކުޅެފައެވެ. އަދި ކުރިއަށް އޮތްތަނުގައި އިތުރު އުފެއްދުންތައް ނެޓްފްލިކްސް އާއި ގުޅިގެން އުފައްދަން ވެސް ހެރީ އާއި މޭގަން ވަނީ ނިންމާފައެވެ.