އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާރލްސް ފިލިޕް އާރތަރ ޖޯޖް ރަސްކަމާއި ހަވާލުވެވަޑައިގަތުމާއި ގުޅިގެން ބާއްވާ ތާޖު އެޅުއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި އޭނާގެ ދަރިކަލުން ޕްރިންސް ހެރީ އިނގިރޭސިވިލާތައް ވަޑައިގަންނާވެ ކަމަށާއި ނަމަވެސް ހެރީގެ އަނބިކަނބަލުން މޭގަން މާރކްލް ރަސްމިއްޔާތުގައި ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށް ޝާހީ އާއިލާ އިން ހާމަކޮށްފިއެވެ.

ޑަޗެސް އޮފް ސަސެކްސްގެ މަޤާމް ލިބިވަޑައިގެންފައިވާ މޭގަންގެ އިތުރުން ދެކަނބަލުންގެ ދަރިންވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިނުގަންނަވާނެ ކަން ރަސްމީ ގަނޑުވަރު ބަކިންހަމް ޕެލަސް އިން ވަނީ ކަށަވަރު ކޮށްދީފައެވެ،.

ޕްރިންސް ހެރީއާއި މޭގަން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމާއި ދޭތެރޭ ގިނަ ބަޔަކު ސުވާލު އުފެދިފައިވާ ދަނޑިވަޅެއްގައި ބަކިންހަމް ޕެލެސްއިން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި "މޭ 6 ގައި ވެސްޓްމިންސްޓަރ އެބީގައި ބާއްވާ ތާޖު އެޅުއްވުމުގެ ރަސްމިއްޔާތުގައި ޑޫކް އޮފް ސަސެކްސް ބައިވެރިވެވަޑައިގަންނަވާކަމުގެ ޔަގީންކަން އަޅުގަނޑުމެން އުފަލާއި އެކީ" އަރުވާ ކަމަށެވެ.

އަދި ހަމައެއާއިއެކު، އެ ރަސްމިއްޔާތު އޮންނަ ދުވަހުގައި ޑަޗެސް އޮފް ސަސެކްސްއާއި ދެކަނބަލުންނަށް ލިބިވަޑައިގެންފައިވާ ބޭފުޅުން ކަމަށްވާ ޕްރިންސް އާރޗީއާއި ޕްރިންސަސް ލިލިބެޓް އެމެރިކާގެ ކެލިފޯނިއާގައި މަޑުކުރައްވާނެ ވާހަކަވެސް ބަކިންގހަމް ޕެލެސް އިން ބަޔާންކޮށްފައިވެއެވެ.

މާރޗް މަހުގައި ސީއެންއެންއަށް މައުލޫމާތު ދެމުން ޕްރިންސް ހެރީގެ ތަރުޖަމާނު ވިދާޅުވީ މި ދެކަނބަލުންނަށް ޝާހީ އާއިލާއިން ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރަސްމީކޮށް ދައުވަތު އަރުވާފައިވާކަމަށެވެެ. އެހެން ނަަމަވެސް، އޭރު ރަސްމީކޮށް ދެކަނބަލުން އެއްވެސް ޖަވާބެއް ދެއްވާފައިނުވާ ކަމަށެވެ.

ޕްރިންސް ހެރީއާއި އަނބިކަނބަލުން މޭގަން އިން ނެޓްފްލިކްސްގައި އުފައްދާފައިވާ ޑޮކިއު ސީރީޒްގެ ސަބަބުންވެސް ޝާހީ އާއިލާއާއި ދެކަނބަލުންގެ ދެމެދު އޮތް ގުޅުން ހީނަރުވެފައިވެއެވެ. އަދި ޕްރިންސް ހެރީ ވަނީ އޭނާގެ އޮޓޯބަޔޮގްރަފީ "ސްޕެއަރ"ގައި ޝާހީ އާއިލާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެކަމުގެ ސަބަބުން ޕްރިންސް ހެރީއާއި އިނގިރޭސި ޝާހީ އާއިލާއާއި ދެމެދު އޮތް ގުޅުން އިތުރަށް ގޯސްވިއެވެ.