އިރާގާއި ސީރިޔާޣައި މުސްލިމުންގެ ނަމުގައި ހަރަކާތްތެރިވާ ހައްދުފަހަނައަޅާފައިވާ ނިރުބަވެރި ޖަމާޢަތް، އިސްލާމިކް ސްޓޭޓްސް (އައިއެސް) ގެ ލާއިންސާނީ އަމަލުތަކުގެ ސަބަބުން އެ ޤައުމުތައް ސުންނާފަތިވެ އެތައް އާއިލާއެއް ބިކަވެ ހާލުގައި ޖެހުނެވެ. އެ އަނިޔާވެރިކަން އިންތިހާއަށް ގޮސް މުޅި ދުނިޔެއަށް ޖަމާޢަތުގެ ނުރައްކާ ބޮޑުވެ ފެތުރެމުން ދަނިކޮށް އެ ޖަމާޢަތުގެ ލީޑަރު، އަބޫ ބަކުރު އަލް ބަޣްދާދީ ވަނީ މިދިޔަ ހަފްތާގެ ތެރޭގައި މަރާލާފައެވެ.

އައިއެސްގެ ދުއްތުރާތަކާއެކު ބިކަހާލުގައި ޖެހުނު އެތައް ބައެއްގެ ހިތަށް ބަޣްދާދީގެ މަރުގެ ޚަބަރުން ފިނިކަމެއް ލިބިގެން ދިޔަ ނަމަވެސް އެ ޖަމާޢަތުގެ ނުރައްކާ އަދިވެސް އޮތީތީ ގިނަ ބަޔަކު އެކަމާއި ކަންބޮޑުވެއެވެ. މިއީވެސް އެފަދަ އާއިލާއެއްގެ ވާހަކައެވެ.

އިރާގުގައި އައިއެސްގެ އަތްދަށުވެ ބޮޑެތި އަނިޔާތައް ލިބުނު އާއިލާތަކުގެ ތެރޭގައި އުއްމު އަލާގެ އާއިލާ ހިމެނެއެވެ. އޭނާގެ ފިރިމީހާ އައިއެސްގެ އަނިޔާވެރިކަމާއި ދެކޮޅަށް އަޑު އުފުލުމުގެ ނަތީޖާއަކަށް ވީ ހަނގުރާމަވެރިންގެ ވަކިތަކުގެ ދަށުވެ ޝަހީދުވެ ދިއުމެވެ. އެވަރުން ނުވެގެން އަލާގެ ހަނގު ފިރިހެން ދަރިފުޅުވެސް ޝަހީދުކޮށްލީއެވެ.

އަލް އަރަބިއްޔާ ނޫހަށް ދިން އިންޓަވިއުއެއްގައި އަލާ ބުނެފައި ވަނީ، ބަޣްދާދީގެ މަރުގެ ޚަބަރުން ހިތަށް އުފާވެރިކަމެއް ލިބުނު ނަމަވެސް އެއަށްވުރެ ބޮޑު ނުތަނަވަސްކަމެއް އޮތް ކަމަށެވެ. އަދި ބަޣްދާދީ މަރުވެދިޔަ ނަމަވެސް ޖަމާއަތުގެ ހަނގުރާމަވެރިންގެ ނުރައްކާ ވަކި ކުޑައެއް ނުވާނެ ކަމަށް އޭނާ ޤަބޫލު ކުރަނީ، އެ މަންޒަރު ލޮލުން ދެކެ އަތުން ހިފާފައި ވުމުންނެވެ.

"އެ ޖަމާޢަތުގައި ހަރަކާތްތެރިވާ އެންމެން މަރުވެއްޖެ ކަމުގެ ޚަބަރު ލިބުމާއި ހަމައަށް ހިތަށް ހަމަޖެހުމެއް ނުލިބޭނެ. އެއީ އަނިޔާވެރި ލާއިންސާނީ ބައެއް." އުއްމު އަލާ ބުންޏެވެ.

އުއްމު އަލާގެ ދޮށީ ފިރިހެން ދަރިފުޅު އެ ނޫހުގައި ބުނެފައިވާ ގޮތުގައި، އައިއެސް އިން ވަނީ އެމީހުންގެ މުޅި އާއިލާގެ އުފާވެރިކަން ނިގުޅިގެންފައެވެ. އިރާގުގެ ސަލާދީން އަވަށުގައި ހަމަޖެހިގެން ދިރިއުޅެމުންދިޔަ އެ އާއިލާއަށް އައިއެސްގެ ހަނގުރާމަވެރިން ދިން ހަމަލާއަކީ ދުވަހަކުވެސް ހިތުން ފިލައިނުދާނެ އަނިޔާޥެރި ކަމެއް ކަމަށް އޭނާ ބުނެއެވެ. ބައްޕަ މަރާލުމަށްފަހު، ހިތް ނުފުރުމުން އެއްބަނޑު އެއްބަފާ ހަމަ އެކަނި ކޮއްކޮ، ސަފާ، ވެސް މަރާލުމުން އޭނާގެ ހިތުގައި ހަނގުރާމަވެރިންނަށް އޮތީ ނަފްތަރެވެ.

އުއްމު އަލާ ބުނެފައިވާ ގޮތުގައި އައިއެސްގެ ހަނގުރާމަވެރިން ވަނީ އޭނާގެ ބައްޕަ އާއި ބޭބެވެސް މަރާލާފައެވެ. އަދި ދުވަހެއް ދުވަހަކަށް އެ އަނިޔާވެރިކަން އިތުރުކޮށް މުޅި އާއިލާގެ އެންމެން "ދުއްވާލާނެ: ކަމުގެ އިންޒާރު ހަނގުރާމަވެރިން އޮތީ ދީފައި ކަމަށް އަލާ ބުންޏެވެ. ނަމަވެސް ތަޤުދީރު ނިޔާކުރި ގޮތުން، އެ އަނިޔާވެރިންގެ އަތްދަށުން ފިލައިގެން ޤައުމު ދޫކޮށް ދިއުމުގެ ފުރުސަތެއް ލިބުނީ ކަމަށް އޭނާ ބުންޏެވެ.

އަލާ އާއި އޭނާގެ އާއިލާ މިހާރު ދިރިއުޅެމުން ދަނީ ޖޯޑަންގައެވެ. އާއިލާއަށް ކުރިމަތިވި ބިރުވެރި އިންޒާރުތަކާއެކު ގެދޮރު ދޫކޮށް ހަނގުރާމަވެރިންގެ އަތްދަށުން އެ އާއިލާ ސަލާމަތްވީ ކިރިޔާއެވެ. މިއީ އައިއެސްގެ ހައްދުފަހަނައަޅާފައިވާ ނިރުބަވެރިންގެ އަނިޔާވެރިކަމާއި ކުރިމަތިވި އެތައް ހާސް އާއިލާއެއްގެ ތެރެއިން އެންމެ އާއިލާއެއްގެ ވާހަކައެވެ.

މީގެ އިތުރުންވެސް އެ އަނިޔާވެރިންގެ އަނިޔާވެރިކަމާއި ކުރިމަތިލާން ޖެހި ހިތާމަތައް ބަރުދާސްތު ކުރަމުންދާ އެތައް އާއިލާތައް އުޅެމުން ދެއެވެ. އަދި ހަނގުރާމަވެރިންގެ އަތްދަށުން ސަލާމަތްވެވޭނެ މަގު ބަންދުވެ ރަހީނުންގެ ގޮތުގައިވެސް އެތައް ހާސް ބަޔަކު ސީރިޔާ އާއި އިރާގުގެ އެކި ހިސާބުތަކުގައި ތާށިވެފައި އެބަތިއްބެވެ. އައިއެސްގެ ހަނގުރާމަވެރިން، ކުށެއްނެތް އެމީހުން ބޭނުން ކުރަމުންދަނީ ހަނގުރާމައިގެ އައްޑަނައިގެ ގޮތުގައެވެ.