"ލަ ކަސަ ޑަ ޕަޕެލް" ނުވަތަ މަޝްހޫރު ނަމުން ނަމަ "މަނީ ހައިސްޓް" އަކީ މިހާރު ނެޓްފްލިކްސް ބެލުންތެރިންގެ މެދުގައި އެންމެ މަގުބޫލު އެއް ސީރީޒެވެ. މި އަހަރުގެ މެދު ތެރޭގައި ސީރީޒްގެ 3ވަނަ އެޕިސޯޑު އެކީ އެކައްޗަކަށް ބެލުންތެރިންނާއި ހަމައަށް ދޫކޮށްލިއިރު މިހާރު އެންމެން ތިބީ 4ވަނަ ސީޒަންގެ އިންތިޒާރުގައި ކެތްމަދުވެފައެވެ.

ޕްރޮފެސާގެ މާސްޓާ ޕްލޭންގެ ދަށުން ކުށްވެރިންތަކެއް ފައިސާ ހޯދައި، އޭގެ ފަހުން ފުލުހުންނާއި ދެމެދު ހިނގާ ކަންކަމުގެ މައްޗައް ބިނާކޮށް ހަދާފައިވާ މި ސީރީޒްގެ 4ވަނަ ސީޒަން ނެރުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 18ވަނަ ދުވަހު ކަމަށް މީޑީއާ ރިޕޯޓުތައް ދަނީ ބުނަމުންނެވެ.

މަނީ ހައިސްޓުގެ ބައެއް އެކްޓަރުން

ރިޕޯޓުތައް ބުނާގޮތުން 3ވަނަ ސީޒަނުގައި ފެނިގެންދާ ޕަލްމެރޯ (ބާލިންގެ އެންމެ ގާތް އެކުވެރިޔާ) ވަނީ ޖެނުއަރީ 18ގައި 4ވަނަ ސީޒަން ރިލީޒް ކުރާނެކަން ޔަގީން ކޮށްދީފައެވެ. އަދި މައުލޫމާތު ލިބޭ ގޮތުގައި 3ވަނަ ސީޒަނުގައި ވަޒަން އަރައިގެން ފުރާނަ އާއި ހަނގުރާމަ ކުރަމުން ގެންދާ ނައިރޯބީވެސް 4ވަނަ ސީޒަނުގައި ފެނިގެން ދާނެއެވެ.

ސީރީޒްގެ ޕްރޮޑިއުސާ އެލްކްސް ޕިނާ ބުނެފައި ވަނީ އޭނާ މިވަގުތު މަނީ ހައިސްޓުގެ އިތުރުން އެހެން ނެޓްފްލިކްސް ސީރީސްތަކުގައިވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މަނީ ހައިސްޓުގެ 4ވަނަ ސީޒަނަކީ އެންމެ ފަހުގެ ސީޒަނަށް ވުން ވަރަށް ގާތެވެ. ނަމަވެސް، ސީރީޒްގެ ޕްރޮޑިއުސަރުގެ ފަރާތުން މިފަދަ އެހެން ސީރީޒްތައް އަންނަ އަހަރު ތެރޭގައި ފެނިގެން ދާނޭ ކަމަށް އޭނާ ވަނީ ބުނެފައެވެ.

މަނީ ހައިސްޓުގައި އެންމެ ފާހަގަވާ ކަމެއްގެ ގޮތުގައި އޮތީ ކޮންމެ ސީރީޒް އެއްވެސް ނިމޭއިރު ދެން ވާނެ ގޮތެއް އާދަޔާ ޙިލާފަށް ބޮޑަށް ބަލަން ބޭނުންވުމެވެ. ތި ހުރީ 4ވަނަ ސީޒަންގެ އިންތިޒާރުގައިތަ؟ އެހެންވެއްޖެނަމަ އަދި ކުޑަ ދުވަސްކޮޅެއް އިންތިޒާރު ކޮށްލާށެވެެ. އިންތިޒާރުގެ ފޮނިކަން ޖެނުއަރީގައި ލިބިގެން ދާނެއެވެ.