އަބީޝެކް އާއި އައިސްވާރިޔާގެ ލޯބީގެ ވާހަކައަކީ އެއްދުވަސްވަރެއްގައި ބޮލީވުޑްގައި އެންމެ ބާރަށް ދެކެވުމުން އައި އެއް ވާހަކައެވެ. މި ދެ ތަރިންގެ ލޯބީގެ ވާހަކަތައް އެކި މީހުން އެކި ގޮތަށް ދައްކަމުންދާއިރު މި ދެތަރިންގެ ޒަވާޒީ ހަޔާތަށްފަހު މިހާރު ދިރިއުޅެމުން އަންނަނީ އުފާވެރި ދުވަސްތަކެކެވެ. މި ދެތަރިން ލޯބީގެ ގޮތުން ގުޅުމުގެ ކުރިން ދެތަރިންވެސް ވަނީ އެހެން މީހުނާ އެކުވެސް ލޯބީގެ ގޮތުން ގުޅިފައެވެ.

މި ދެތަރިން ފާހަގަ ކުރެވިފައިވަނީ ބޮލީވުޑްގައި އެންމެ "ހާއްސަ" ލޯބިވެރިންގެ ތެރޭގައެވެ. އައިޝްވަރިއާ އާއި ލޯބީގެ ސިލްސިލާ ފެށުމުކުރިން އަބީޝޭކް ގުޅިގެން އުޅުނީ، ކަރީނާގެ ދައްތަ، ކަރިޝްމާ ކަޕޫރާއެވެ. އަބީޝޭކް ވަނީ ކަރިސްމާ އާއި ކައިވެނި ކުރުމަށްޓަކައި އެންގޭޖް ކޮށް ހަފްލާއެއްވެސް ބާއްވާފައެވެ. ނަމަވެސް ފަހުން ވަނީ އެ އެންގޭޖްމަންޓް ރޫޅާލައި ލޯބީގެ އެ ހުޅުން ނިމުމަކަށް ގެނެސްފައެވެ.

އަބީޝޭކް އާއި ގުޅުމުގެ ކުރިން އައިޝްވާރިޔާ ލޯބީގެ ގޮތުން ގުޅެ އެންމެ ގިނަ ދުވަހު އުޅެފައިވަނީ ސަލްމާން ޚާންއާއި އެކުގައެވެ. އައިޝްވަރިޔާގެ ނަޒަރުގައި ސަލްމާނާއި އެކު އުޅުމަށްފަހު މާ ގިނަދުވަހެއް ނުވަނީސް ރުޅިވާން ޖެހުނީ އޭނާއަކީ އަންހެނެއް ގެންގުޅެވޭނެ އަހްލާގެއް ހުރި މީހާކަށް ނުވާތީއެވެ. އެއަށްފަހު އަބީޝޭކް އާއި ގުޅުމުގެކުރިން ރީތީގެ ރާނީ އައިޝްވާރިޔާ ވަނީ ވިވެކް އަބްރޯރީ އާއި އެކުވެސް ލޯބީގެ ގޮތުން ގުޅިފައެވެ. އެ ގުޅުންވެސް މާ ގިނަ ދުވަހަކަށް ދިގުލައިގެންދާ ގޮތެއް ނުވިއެވެ.

މެ ދެ ތަރިން އެކަކު އަނެކަކު ދެކެ ލޯބީގެ ގުޅުން އުފެދިފައިވަނީ އެކުގައި ފިލްމް ކުޅެން ވަގުތު ހޭދަ ކުރުމުގެ ތެރޭގައެވެ. މި ދެފަންނާނުންގެ ފަރާތުން އެގިފައިވާ ގޮތުގައި މި ދެތަރިން ފުރަތަމަ ހިތްކީ 2005 ވަނަ އަހަރު "ބަންޓި އޯރް ބަބްލީ" ގެ ލަވައެއް ކުޅެމުން ދިޔަ އިރު ދިމާވި ހާދިސާތަކާއި ގުޅިގެންނެވެ. އަދި އޭގެ ފަހުން 2006 އަދި 2007 ގައިވެސް ދެމީހުން އެކުގައި ފިލްމު ތަކެއްގައި މަސައްކަތް ކުރަން ގިނަ ވަގުތު ހޭދަކުރުމަކީ ލޯބީގެ ގުޅުން ވަރުގަދަވެ އެކަން ފެށުމަށް މެދުވެރިވި ސަބަބެވެ.

އެ ދެ އަހަރުގައި ދެމީހުން އެކުގައި ވަނީ ތިން ފިލްމެއްގެ މަސައްކަތް ކޮށްފައެވެ. އެއި "އުމްރައޯ ޖާން"، "ގުރޫ" އަދި "ދޫމް 2" އެވެ. މީގެ ތެރެއިން "ދޫމް 2" ގެ މަސައްކަތް ވަނީ އެއް އަހަރާ ބައި ދުވަހު މަސައްކަތް ކޮށްފައެވެ. އަބީޝޭކް ބުނާ ގޮތުގައި އޭނާ އައިޝްވާރިޔާ ދެކެ ލޯބި ވެވުނީ އޭނާގެ އެހުންނަ އާދަޔާ ހިލާފް ރީތި ހިނިތުންވުމުގެ ސަބަބުންނެވެ.

"ގުރޫ" ފިލްމް ކުޅެމުން ދިޔަ އިރު މި ދެ ފަންނާނުންގެ ލޯބީގެ ވާހަކަ ބޮލީވުޑްގައި ގަދައަށް ދެކެވުނެވެ. އަދި އިތުރު ވާހަކަތަކެއް ނުދައްކާ ދެމީހުންވެސް ވަނީ އެވާހަކަތައް މީޑިޔާގައި ހާމަކޮށްފައެވެ. އަބީޝޭކް އައިޝްވާރިޔާއަށް ޕްރަޕޯސް ކޮށްފައި ވަނީ އެ ފިލްމްގެ ޕްރީމިއާއަށް ފަހު އިންގްލޭންޑްގައި ފިމްލްގެ ބައިވެރިން ތިބި ހޮޓެލްގެ ބެލްކަނީގައެވެ. އެއީ 2007 އޭޕްރީލް 20 ވަނަ ދުވަހުގައެވެ. މިކަން ހާއްސަވާ ސަބަބަކީ އޭނާ އައިޝްވާރިޔާގައި އަޅުވާފައިވާ އެންގޭޖްމަންޓް އަގޮޓިއަކީ "ގުރޫ" ގައި އޭނާ އައިސްވާރިޔާގެ އެޅުއްވި އަގޮޓިއަށްވެސް ވުމުންނެވެ.

މި ދެ ފަންނާނުންގެ ކައިވެނީގެ ހަފްލާ ގިނަ މީޑީއާތަކުން ވަނީ ކަވަރު ކޮށްފައެވެ. އެ ހަފްލާއަށް ބޮލީވުޑްގެ މަޝްހޫރު ފަންނާނުންނަށް ދައުވަތު ނުދިންނަމަވެސް، އެ ހަފްލާއަކީ ބޮޑު އަދި ރީތި ހަފްލާއެކެވެ. ދެމީހުންގެ ކައިވެނީގެ ފަހުންވެސް ދެމީހުންވަނީ އެކުގައި ފިލްމް "ރާވަން" ގައި ހަރަކާތްތެރިވެފައެވެ.

2011 ނޮވެމްބަރ 16 ވަނަ ދުވަހު އެ ދެމީހުންގެ ފުރަތަމަ ދަރިފުޅު އާރަދްޔާ އުފަންވުމާއި ގުޅިގެން އައިޝްވާރިޔާ ވަނީ ކުޑަ ދުވަސްކޮޅަކަށް ފިލްމު ކުޅުމާ ދުރުވެފައެވެ. އޭގެ ފަހުން 2015 ވަނަ އަހަރު އޭނާ އެބުރި ފިލްމީ ދުނިޔެއަށް އައިސްފައިވަނީ އިރްފާން ޚާން އާއި އެކު ކުޅުނު ފިލްމް "ޖަޒްބާ" އިންނެވެ.

އަބީޝެކާއި އައިޝްވަރިޔާގެ ގުޅުމަށް އެތަށް ދުވަހެއް ވެފައިވާއިރު، މި ދެފަންނަނާނުންގެ ގުޅުމަށް އެއްވެސް ހީނަރުކަމެއް ނައިސް ލޯތްބާއެކު ދެމީހުން ދަނީ ކުރިއަށެވެ. މިއީ ބޮލީވުޑްގައި ލާމަސީލު ދެމަފިރިން ކަމަށް ގިނަ ބަޔަކު ޤަބޫލުކުރަނީ މި ސަބަބަށްޓަކައެވެ.