ދުނިޔެ އިން ޑައިނަސޯ ނެތިގެން ދިޔަ ހާދިސާ މެދުވެރިވި ހާދިސާ ފަދަ ހާދިސާއެއް ހިނގުމުގެ ފުރުސަތު މިހާރުވެސް އެބައޮތް ކަމަށާއި، އެފަދަ ބޮޑު ގިނިހިލައެއް މިހާރު ވެސް ދުނިޔެއަށް ވެއްޓުމުގެ ފުރުސަތު އެބައޮތް ކަމަށް ހިސާބު އިލްމާއި ޖައްވީ ކަންތައްތަކާއި ބެހޭ ތަޖުރިބާކާރެއް ކަމަށްވާ ރޮބަޓް ވޯކާ ބުނެފިއެވެ.

ރޮބަޓް ވޯކާ ބުނީ ޑައިނަސޯ ދުނިޔެ އިން ނެތިގެން ދިޔައީ މީގެ 66 މިލިއަން އަހަރު ކުރިން ދުނިޔެއަށް ވެއްޓުނު ގިނިހިލައެއްގެ ސަބަބުން ކަމަށެވެ. އެއީ 10 މޭލު ބޮޑު ގިނި ހިލައެއް ކަމަށް ސައިންސްވެރިން ބުނެއެވެ. ސައިންސްވެރިން ބުނާ ގޮތުގައި ގިނިހިލައެއް ވެއްޓުމުގެ ސަބަބުން 11 މެގްނެޓިއުޑްގެ ބިންހެލުމެއް އައިސް ޑައިނަސޯ ދުނިޔެ އިން ނެތިގެން ދިޔައީ އެވެ.

ވޯކާ ބުނާ ގޮތުގައި ދުނިޔެއަށް ގިނިގިލައެއް ވެއްޓުމުގެ ފުރުސަތު އޮތް ނަމަވެސް އަދި އެފަދަ ގިނިިލައެއް ދުނިޔެ އާއި އަމާޒުވާ ވަގުތެއްގައި ކުރާނެ ކަމެއް ސައިންސްވެރިންނަށް ހޯދިފައެއް ނެތެވެ. ގިނިހިލައެއް ދުނިޔެއާއި ދިމާއަށް އަންނަ ނަމަ ގިނި ހިލަ ގޮއްވާލުމަކީ ކުރެވިދާނެ ކަމެއް ކަމަށް ސައިންސްވެރިން ހިޔާލުފާޅުކުރި ނަމަވެސް ގިނިހިލައެއް ގޮއްވާލެވޭ ވަރުގެ ހަމަލާއެއް ދިނުމުގެ ގާބިލްކަން ސައިންސްވެރިންގެ ކިބައިގައި ނެތްކަމަށެވެ.

ވޯކާ ބުނާ ގޮތުގައި މިހާރު ލިބިފައިހުރި މައުލޫމާތައް ބަލާއިރު މިފަދަ ބޮޑު ގިނިގިލައެއް ދުނިޔެ އާއި އަމާޒުވަނީ މީގެ 120 ވަރަކަށް އަހަރު ފަހުން ނެވެ. އޭނާ ލަފާކުރަނީ އެގިނިހިލަ ދުނިޔެ އާއި އަމާޒުވާނީ 2135 ވަނަ އަހަރު އެވެ.

ސައިންސްވެރިން މިހާރު ހޯދަމުންދާ ކުރިއެރުންތަކަށް ބަލާއިރު އެދުވަސް އަންނައިރު ގިނިހިލަތައް ގޮއްވާލުމުގެ ގާބިލްކަން ސައިންސްވެރިންނަށް ލިބޭނެ ކަމަށް ގިނަ ފަރާތްތަކުން އުއްމީދު ކުރެއެވެ.