އަކްޝޭ ކުމާރާއި ޖެކުއަލައިން އަކީ ވަރަށް ގުޅޭ ދެ ޖޯޑްކަން އެދެމީހުން އެކުގައި ކުޅުން 2 ފިލްމުން ކަމަށްވާ "ބުރަދާސް" އަދި "ހައުސްފުލް 3" އިން ވަނީ އެންމެނަށްވެސް ދައްކަދީފައެވެ.

މި ދެފަންނާނުން އެކުގައި ލީޑްކުރާ ލޯބީގެ ފިލްމެއް ނެރުމަށް މި ދެ ފަންނާނުންގެ ސަޕޯޓަރުންދަނީ އަބަދުވެސް ބުނަމުންނެވެ. އަދި މިދިޔަ އަހަރުގެ ފަހުކޮޅުގައި އެ ދެ ފަންނާނުންގެ ސަޕޯޓަރުންނަށް ވަނީ އުފާވެރި ހަބަރުތަކެއް ލިބިފައިވެސްމެއެވެ. ނަމަވެސް މިހާރު ހާލަތު މިވަނީ ބަދަލުވެފައެވެ. އެ ދެ ފަންނާނުން އެކުގައި ހަރަކާތްތެރިވާ ލޯބީގެ ފިލްމެއް މިއަހަރު ތެރޭގައިވެސް ނެރޭކަށް ނެތެވެ.

އަކްޝޭ ކުމާރުގެ ސްޕޯކްސްޕާސަން ވަނީ އަކްޝޭ މިވަގުތު ހުރިހާ އިސްކަމެއްވެސް ދެބީ "ޕެޑް މޭން" އިސްތިހާރު ކުރުމަށް ކަމަށާއި އަދި މި އަހަރު ކުޅުމަށްޓަކައި ގިނަ ފިލްމް ތަކެއްގައި މިހާރު ސޮއި ކޮށްފައި ވާ ކަމަށެވެ. އޭގެ ތެރޭގައި "ޓޮއިލެޓް އޭކް ޕްރޭމް ކަތާ"، "2.0" އަދި ކަރަން ޖޯހަރް އާއި ސަލްމާން ހާން ޕޮރޑިއުސް ކުރާ ފިމްލެއްވެސް ހިމެނެއެވެ.

މީގެ އިތުރުން ރީމާ ކަގްޓީގެ "ގޯލްޑް" އާއި ނީރަޖް ޕާންޑޭގެ "ކްރެކް" އަދި ބުޝާން ކުމާރުގެ "މޮގުލް" އަކީ ވެސް މިއަހަރުގައި އަކްޝޭ ކުޅުމަށް ހަމަޖެހިފައިވާ ފިލްމުތަކެވެ. މި ބިޒީ ސެޑިއުލްގައި އިތުރަށް މިއަހަރުގައި އަކްޝޭއާއި ޖެކުއަލައިން އުކުގައި އެހެން ފިލްމެއް ކުޅެން ހަމަ ޖެއްސޭނެ ތަނެއް ނުފެނެއެވެ.

ޖަކުއަލައިން އަށްވެސް މި އަހަރަކީ ބިޒީ އަހަރެކެވެ. މިއަހަރު ތެރޭގައި އޭނާގެ "ރީލޯޑް" ރިލީޒް ކުރާއިރު ސިދާތު މަލޯތުރާއާއި އެކުގައި ހެއްވާ މަޖާ އަދި އެކްޝަން ފިލްމެއްވެސް ކުޅުމަށްވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ވަރުން ދަވަން އާއި އެކުގައި "ޖުޑްވާ 2" އަދި ސުޝާންތް ސިންގް ރަޖްޕުޓް އާއި އެކު ދަރުމާ ޕްރަޑަކްޝަންގެ "ޑްރައިވް" ފިލްމުވެސް ހިމެނެއެވެ. އަދި މި އަހަރު ޖަސްޓިން ބީބާ އިންޑިއާއަށް ޒިޔާރަތްކޮށް ބާއްވާ ހަފްލާ ހުށައަޅިދިނުމަށްވެސް ހަމަޖެހިފައިވަނީ ޖަކުއަލައިންއެވެ.

މި ދެފަންނާނުންގެ މި ބިޒީ ސެޑިއުލްއާއި އެކީގައި މި ދެތަރިންގެ ލޯބީގެ ފިލްމެއް މި އަހަރު ތެރޭ ނިކުންނާނެ ތަނެއް ނުފެނެއެވެ. މި ފަދަ ފިލްމެއް ބެލުމަށް އެދޭ ފަރާތްތަކުން އަދި ދިގު އިންތިޒާރެއް ކޮށްލާށެވެ.