އިންޑިއާގެ މަދްޔާ ޕްރަދޭޝްގެ ވިލޭޖެއް ކަމަށްވާ ޑަމޯހްގެ ސްކޫލެއްގެ ޓެސްޓު ހޯލް ތެރޭގައި ނެގި ޓިކްޓޮކް ވީޑިއޯއެއް މީސް މީޑިއާގައި ދައުރުވާން ފަށައިފިއެވެ.

އެ ވީޑިއޯ ނަގަފާއި ވަނީ ޓެސްޓު ކުރިއަށްދިޔަ ކްލާސް ރޫމް ތެރޭގައެވެ. އެއީ އެ ސްކޫލްގެ މިޑް ޓާމް ޓެސްޓު ނެގުމަށްޓަކައި، ހުރިހާ ކުދިން ޕޭޕަރު ހެދުމަށްފަހު، އިންވިޖިލޭޓަރު ޕޭޕަރު ނަގަމުން ދިޔަ ގަޑީގައި ނަގާފައިވާ ވީޑިއޯއެކެވެ.

އެ ވީޑިއޯ ޓިކްޓޮކްއަށް ލާފައި ވަނީ މީހުންގެ ސަމާލުކަން ހޯދަން ކަމަށްވާއިރު، ވަރަށް ބޮޑަށް މީހުންގެ ސަމާލުކަން މި ވަނީ ލިބިފައެވެ. އަދި އެކަން ސްކޫލުންވެސް ދަނީ ބަލަމުންނެވެ.

އެ ވީޑިއޯއިން ފެންނަ ގޮތުގައި، ދަރިވަރަކު އެ ވީޑިއޯ ނަގާފައި ވަނީ، އިންވިޖިލޭޓަރު ޕޭޕަރުތައް ނަގަމުން ދިޔަ ގަޑިއެއްގައެވެ. އެ ވީޑިއޯއިން ބޮލީވުޑްގެ ލަވައެއްގެ އަޑުވެސް އިވެއެވެ. އަދި ބައެއް ކުދިން އިށީންދެގެން ތިބޭ މަންޒަރުވެސް ފެނެއެވެ.

އެ މައްސަލަ ސްކޫލުން ބަލަމުން އަންނައިރު، އެ މައްސަލާގައި އެ ވަގުތު ޓެސްޓު ހޯލުގައި ހަރަކާތްތެރިވި ދެ އިންވިޖިލޭޓަރުންނާއި، އެ ވީޑިއޯ ނެގުމުގައި ހަރަކާތްތެރިވި ދެ ކުދިން ވަނީ ސަސްޕެންޑްކޮށްފައެވެ.

އެ އިންވިޖިލޭޓަރުން ސަސްޕެންޑްކޮށްފައި ވަނީ ބަލަން ވާ ވަރަށް ކުދިންނަށް ރަނގަޅަށް ނުބެލި، ޓެސްޓު ހޯލަށް ފޯނު ވެއްދުމުންނެވެ.

މިކަމަކީ، ސިއްހަތަަށް ނުރަނގަޅު، ނަފްސާނީ މައްސަލައެެއްގެ ގޮތުގައި ސްކޫލް މެނޭޖްމެންޓުން ސިފަ ކުރެއެވެ.

ޓިކްޓޮކް ވީޑިއޯ ކުޅެގެން މީގެ ކުރިންވެސް ބައެއް މީހުން ސަސްޕެންޑްކޮށްފައި ވެއެވެ. އޭގެ ތެރޭގައި ބައެއް ހޮސްޕިޓަލްތަކުގެ ނަރުހުންނާއި، ފުލުހުންވެސް ހިމެނެއެވެ.