ދަތްތަކާއި ގައިގެ އެކި ގުނަވަންތައް ރީތި ކުރަން ބޭނުންވާ ގިނަ ބަޔަކު ރާއްޖޭގައިވެސް އުޅެއެވެ. އެގޮތުން މޫނުގެ ހަންގަނޑު އަލި ކުރުމަށާއި، ބޮލުގެ އިސްތަށިގަނޑު ފަންކުރުމާއި، ނިޔަފަތިފަދަ ތަންތަނުގައި ކުލަ ޖައްސައި ރީތި ކުރުމަށް ހިތް އެދޭ ގިނަ ބަޔަކު އުޅެއެވެ.

މިއީ އެފަދައިން އާދަޔާ ހިލާފު ގޮތަކަށް ދަތްތައް ރީތިކުރުމަށް މަސައްކަތް ކުރި ލ. އަތޮޅަށް ނިސްބަތްވާ މެދު އުމުރުގެ އަންހެނެއްގެ ވާހަކައެވެ. މިވާހަކަ ކިޔައިދިންނަމަވެސް ނަން ހާމަ ނުކުރުމަށް އޭނާ ވަނީ އެދިފައެވެ.

ކުޑައިރުއްސުރެ މިއަދާ ހަމަޔަށްވެސް ޝާހިމާ (އަސްލު ނަމެއް ނޫން) އަކީ މުރާލި އަންހެނެކެވެ. ކުރާ އެއްވެސް މަސައްކަތެއް އެއްވެސް މީހަކު އަލުން އަނބުރައި ކުރަން ނުޖެހޭނެހެން ކުރުމަށް އޭނާ އިސްކަން ދެއެވެ. އޭނާ ސާފުތާހިރު ކަަމަށްވެސް އެފަދައިން އިސްކަންދެއެވެ.

ޝާހިމާ ބުނި ގޮތުގައި ލައްފިލުވާ ނުވަތަ ބްލީޗް ލައިގެން ދަތް އުނގުޅަން ފެށީވެސް ދަތް ކިތަންމެ ހުދުކޮށް އުނގުޅަން މަސައްކަތް ކުރި ނަމަވެސް އޭނާ ހިތްހަމަ ޖެހޭ ވަރަށް ހުދުނުވާތީއެވެ. ދަތްތައް ހެދިބޮޑުވެފައި ހުންނަ ގޮތުން ދަތުގެ އެތެރެ ފަޅިއާއި ދެދަތުގެ ދޭތެރެ އެއްކޮށް ހުދުކުރުމަކީ ވަރަށް އުނދަގޫ ކަމެކެވެ. މިގޮތަށް އެއްކޮށް ދަތްތައް ހުދުކޮށް ހުންނަނީ ގަވައިދުން ޑެންޓިސްޓުނާއި ހަވާލުކޮށްގެން އެތަންތަން ސާފު ކުރާ މީހުންގެ ދަތްތައް އެކަންޏޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

"އެންމެ ފުރަތަމަ އެއްދުވަހަކު ދަތް އުނގުޅަން ހުރެފައި ހިތައްއެރީ ހަމަ ކަފަކޮޅެއްހެން ދަތްޕިލަ ސާފުކޮށްލާނީ ކިހިނެއްބާވައޭ. ދެން ވިސްނަން ހުއްޓާ ފެނުނީ ކައިރީގައި ހުރި ލައްފިލުވާ ފުޅި. އެހައި ބައިވަރެއް ނާޅަން އެކަމު ތިއްކެއް ވެލިކޮޅުގެ ތެރެއަށް އަޅާލައިގެން ފުރަތަމަ ދަތް އުނގުޅީ. އެދުވަހު ކުޑަކޮށް ހީވި ދަތްތައް ރީތިވިހެން. ދެން އެހެން މަދުމަދުން ހަފްތާއަކު އެއަފަހަރު ކަހަލަ ގޮތަކަށް ލައްފިލުވާ އަޅައިގެން ދަތް އުނގުޅަމުން އައިސް އާދައަކަށް ވީ" އެކަން ފެށުނު ގޮތް ޝާހިމާ ކިޔައިދިނެެވެ.

ޝާހިމާ ބުނިގޮތުގައި އޭނާގެ ދަތްތައް މިހާރު ވަރަށް ބައްޔެވެ. އަދި އެކަން ކުރަން ފެށިތާ ފަސް އަހަރެއްހާ ދުވަހުގެ ތެރޭގައި ލައްފިލުވާއިން ދަތް އުނގުޅުން މުޅިން ހުއްޓާލައިފައިވާ ކަމަށާއި، މިހާރު މާލޭގައި ދިރިއުޅެމުންދާތީ އަބަދުވެސް ދަތްތައް ޑެންޓިސްޓަކަށް ދައްކައި ޓްރީޓްމެންޓް ނަގަމުންދާކަމަށް އޭނާ ހިއްސާކުރިއެެވެ.

އެކި މީހުންގެ ވިސްނުމާއި ފިކުރު ހައްދަވާފައި ވަނީ ތަފާތުކޮށް ކަމުން، ބައެއް މީހުންނަކީ ކޮންމެ ކަމެއް "ޕާފެކްޓް" ނޫން ނަމަ ހިތްހަމަ ނުޖެހޭ މީހުންނެވެ. ބެލެވޭ ގޮތުގައި ޝާހިމާ އަކީ އެފަދަ މީހެކެވެ.

ޝާހިމާ ނޫނަސް މިފަދަ ކަންކަން ކޮންމެ މީހަކުވެސް ޅައުމުރުގައި ކުރެވިފައި ހުންނާނެއެވެ. އެހެން ނަމަވެސް އެކަންކަން އަދި އަދަށްވެސް ހިއްސާކުރަން ކެރެނީ މަދު ބަޔަކަށެވެ.