އެމެރިކާގެ ޖޯޖިއާގައި އުމުރުން 7 އަހަރުގެ ކުއްޖަކު އޭނާ އަށް ހަދިޔާ އަށް ލިބުނު އެޕަލް އެއާޕޮޑް ދިރުވާލައިފިއެވެ.

މި ހާދިސާ ހިނގާފައި ވަނީ މިދިޔަ ޑިސެމްބަރު މަހު ކްރިސްޓިއަން ދީނުގެ މީހުން ފާހަގަ ކުރާ ކްރިސްމަސް ދުވަސްކޮޅުގައެވެ. އެ އެއާޕޮޑަކީ އެ ކުއްޖާ އަށް ކްރިސްމަސް ހަދިޔާ އެއްގެ ގޮތުން އެ ކުއްޖާގެ މާމަ ދިން އެއާޕޮޑެއް ކަމުގައި ވާއިރު އެ ކުއްޖާ އޭތި ދިރުވާލުމާއި އެކު ވަނީ ވަގުތުން ހޮސްޕިޓަލުގެ އެމަޖެންސީ ބައިގައި ފަރުވާ ދޭން ފަށާފައެވެ.

މި ހާދިސާ ހިނގި ވަގުތު އެ ކުއްޖާގެ މަންމަ ހުރީ ވަޒީފާ އަށް ދިއުމުގެ މަގުމަތީގައި ކާރު ތެރޭގައެވެ. ހޮސްޕިޓަލުން ޓެސްޓުތައް ހެދުމަށް ފަހުގައި ބުނެފައި ވަނީ އެ އެއާޕޮޑް އަމިއްލަ އަށް އެ ކުއްޖާގެ ބޮޑުކަމުދާ ނިޒާމުގެ ތެރެއިން ދުވަސްކޮޅެއް ފަހުން ބޭރުވާނެ ކަމަށެވެ.

އެއާޕޮޑް ކުއްޖާގެ ބަނޑު ތެރޭގައި

ނަމަވެސް އެ ކުއްޖާގެ މަންމަ އެމެރިކާގެ ނޫސްތަކަށް މައުލޫމާތު ދެމުން ބުނެފައި ވަނީ މި ހާދިސާ އަށް ފަހު ގްރޭޑު 2ގައި ތައުލީމް ހާސިލް ކުރަމުން އަންނަ އެ ކުއްޖާ ފޯނާއި ކައިރިވާން ބިރު ގަންނަ ކަމަށެވެ. އެއީ ފޯނާއި އެއާޕޮޑް ކަނެކްޓު ވެދާނެތީކަމަށް އެ ކުއްޖާގެ މަންމަ ބުންޏެވެ.

މި ހާދިސާ އަށް ފަހު އެ ގައުމުގެ ގިނަ ބަޔަކު ވަނީ ކުޑަކުދިންނަށް މިފަދަ ސާމަނު ގަނެ ނުދިނުމަށް ގޮވާލާފައެވެ. ކުޑަކުދިންނަށް މިފަދަ ކުދިކުދި ސާމާނު ދިނުމުން އަގަޔަށް ލައިގެން އުޅޭ ގަޑީގައި އެތެރަށް ދިރުމުގެ ފުރުސަތު ވަރަށްވެސް ބޮޑުވާނެއެވެ. މިއީ ވަރަށް ނުރައްކާތެރި ކަމެކެވެ.