ނިއުޔޯކްގެ ރައްޔިތެއް ކަމަށްވާ ސްކޮޓް ވިއެނާ، ތަފާތު 1500 ވައްތަރުގެ ޕިއްޒާ ފޮށި އެއްކޮށްގެން "ދުނިޔޭގެ އެންމެ ގިނައިން ޕިއްޒާ ފޮށި އެއްކުރި މީހާގެ ރިކޯޑު އާ ކޮށްފިއެވެ.

ސްކޮޓްގެ އެޕާޓްމެންޓްގައި ގިނަ އަދަދަކަށް ޕިއްޒާ ފޮށި ރައްކާކޮށްފައި ވާއިރު، އޭނާ ވަނީ ޕިއްޒާ ފޮށި އެއްކުރަން، އެންޓާޓިކާ އާއި ފެރޯ އައިލޭންޑްއަށް ވެސް ގޮސްފައެވެ.

ސްކޮޓްއަށް އެންމެ ގިނަ ޕިއްޒާ ފޮށި އެއްކުރި މީހާގެ ރެކޯޑާއި އެކު ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ލިބުނީ، 2013 ވަނަ އަހަރެވެ. އޭރު އޭނާ އެއްކޮށްފައި ހުރީ 595 ޕިއްޒާ ފޮށްޓެވެ.

އޭގެ ފަހުން މިހާތަނަށް އޭނާ އައީ، އެންމެ ގިނަ ޕިއްޒާ ފޮށި އެއްކުރި މީހާގެ ރެކޯޑް ދަމަހައްޓަން މަސައްކަތް ކުރަމުންނެވެ.

ސްކޮޓް ޕިއްޒާ ފޮށި އެއްކުރަން ފެށީ މީގެ 11 ވަރަކަށް އަހަރު ކުރިންނެވެ.

އެންމެ ގިނަ ޕިއްޒާ ފޮށި އެއްކޮށްގެން، ދުނިޔޭގެ ރެކޯޑް ފޮތަށް އެރި ސްކޮޓް: ފޮޓޯ މީސްމީޑިއާ

ސްކޮޓް ބުނާ ގޮތުން ބޭނުން ނުކުރާ ފޮށި އެއްކުރަނީ، ޕިއްޒާ އަށާ ފޮށި ސާފު ކުރުމަކީ ފަސޭހަ ކަމަކަށް ނުވާތީއެވެ.

ޕިއްޒާ ފޮށި އެއްކުރުމުގެ އިތުރުން ޕިއްޒާ އާއި ބެހޭ މައުލޫމާތު އެއްކުރުމާއި، ތަފާތު ޕިއްޒާތަކުގެ މައުލޫމާތު ފޯރުކޮށްދިނުމަކީ ވެސް ސްކޮޓް ވަރަށް ކުރާ ހިތްވާ ކަމެކެވެ.

ސްކޮޓް ދަނީ ބްރޫކްލީން އާއި މަންހަޓަންގައި "ޕިއްޒާ ޓުއާ"ގެ ނަމުގައި ތަފާޓު ޕިއްޒާތައް ދައްކާލުމުގެ މަސައްކަތްވެސް ކުރަމުންނެވެ.

މީގެ އިތުރުން، "ވީވާ ލަ ޕިއްޒާ: ދަ އާޓް އޮފް ދަ ޕިއްޒާ ބޮކްސް" ނުވަތަ "ވީވާ ލަ ޕިއްޒާ: ޕިއްޒާ ފޮށީގެ ވައްޓަފާޅި" މި ނަމުގައި ސްކޮޓް ވަނީ ފޮތެއްވެސް ލިޔެފައެވެ.