ގުދުރަތީގޮތުން ދުނިޔެއިން ފެންނަން ހުންނަ އެންމެ ހަރު އަދި ވަރުގަދަ މައުދަންކަމުގައިވާ އަލިމަސް ރަބަރުގަނޑެއްކަހަލަ ގޮތަށް ލަންބައި ދަމައި ހަދާނޭގޮތެއް ސައިންސްވެރިން ހޯދައިފިއެވެ. އެމެރިކާގެ މެސަޗުސެޓްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީއިން ކުރި ދިރާސާއަކުން ވަނީ އަލިމަސްތަކުގެ އެތެރޭގައި ހުންނަ ކުދި ކުދި ލޮލަށް ނުފެންނަ ކަށިތަކަކީ އެ އެއްޗިހީގެ 9 އިންސައްތައިގެ މިންވަރަށް ދަމައި އަދި ލަންބައި ހެދޭ އެއްޗިހިކަމަށާއި އަދި އެޔަށްފަހު އެނބުރި ކުރިން ހުރި ގޮތަށްވެސް އެ އަލިމަސް ގެނެވޭނޭކަން ހޯދައިފައެވެ.

އެ ސައިންސްވެރިންގެ ޓީމުން ވަނީ ކުރިން ތަހުލީލުކުރުމުގައި ބޭނުންކުރެވިފައިނުވާ ނެނޯމެކޭނިކަލް އުސޫލެއް ބޭނުންކޮށްގެން އިލާސްޓިކް ރަބަރުގަނޑެއްހެން އަލިމަހުގެ ބައްޓަން ގެއްލުވާލަން ކުރި މަސައްކަތް ކާމިޔާބުވެފައިވާކަމަށް ބުނެފައެވެ. އެ ޓީމުން ބުނާގޮތުގައި ދިރާސާގައި އެންމެ ފުރަތަމަ ބެލީ އަލިމަހުގެ އެތެރޭގައިވާ ކަށިތައް ބިންދައިގެން ދިޔުމުގެ ކުރިން ޅެންބެނީ ކިހާ މިންވަރަކަށްކަމެވެ.

އެ މިންވަރު ހޯދުމުން ކެމިކަލް ވެޕާރ ޑިޕޮސިޝަން ބޭނުންކޮށްގެން އުފެއްދުނު ހާއްސަ ޕްރޮސެސްއެއް ބޭނުންކޮށްގެން އަލިމަސް އެގޮތަށް ޅަންބައި ހަދައި އަދި އަބުރާ ކުރިން ހުރި ގޮތަށް ރުޖޫއުކުރިކަމަށްވެސް އެ ޓީމުން ވަނީ ހާމަކޮށްފައެވެ. ސައިންސްގެ ދުނިޔޭގެ ފަރާތްތަކުން ބުނާގޮތުގައި މިއީ ސިއްހީ ދާއިރާއަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެކެވެ.

މި ހޯދުމުގެ ސަބަބުން އިންސާނާގެ ހަށިގަނޑުގެ އެތެރޭގައިވާ ކުދި ކުދި ސެލްތަކަށް ފަރުވާދިނުމަށް ބޭނުންކުރެވޭ ބޭސްތަށް ފޯރުވުމަށް ފަސޭހަވެގެންދާނެއެވެ. އެކަމަށްޓަކައި ހިމަ ހިމަ އަދި ފަސޭހައިން ބިންދައިގެންނުދާނޭވަރުގެ ފްލެކްސިބަލް ނެނޯ ނީޑަލްސް ނުވަތަ ކަށިތަކެއް އުފެއްދިގެންދާނޭކަމަށް އެ ފަރާތްތަކުން ވަނީ ބުނެފައެވެ.