"އޮސްޓިން ޕަވަރސް" ސީރީޒްއިން ގިނަ ބައެއްގެ މަޤުބޫލުކަން ހޯދި، ވާން ޓްރޯޔަރ މަރުވެއްޖެއެވެ.

"އޮސްޓިން ޕަވަރސް" ސީރީޒްގައި "މިނީ-މީ"ގެ ރޯލުން ފެނިގެންދިޔަ ޓްރޯޔަރގެ މަރުގެ ޚަބަރު އޭނާގެ ފޭނުންނާއި އާއިލާއިން ޙިއްސާކޮށްފައިވާއިރު، އެކަމާއި ގުޅޭ އިތުރު މަޢުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.

ޓްރޯޔަރގެ ކުއްލި މަރާއި ގުޅިގެން އޭނާގެ އާއިލާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޓްރޯޔަރ އަކީ ވަރަށް ރަނގަޅު ހިތްހެޔޮ މީހެއް ކަމަށާއި، އޭނާ އަބަދުވެސް ބޭނުންވަނީ އެންމެން ހެއްވާލާފައި އުފާވެރިކޮށް ތިބޭ މަންޒަރު ދެކެން ކަމަށެވެ. އަދި އެނާ ދުނިޔެއާއި ވަކިވެ ދިއުމަކީ އާއިލާ އާއި ފޭނުންނަށް ލިބިގެންދިޔަ ވަރަށް ފުން ހިތާމައެއް ކަމަށް ޓްރޯޔަރގެ އާއިލާއިން ބުނެފައިވެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި ޓްރޯޔަރގެ ހާލު ބޮޑުވެގެން އޭނާ ވަނީ މި މަހުގެ ކުރީކޮޅުގައި ލޮސް އެންޖެލްސްގެ ހޮސްޕިޓަލެއްގައި އެޑްމިޓް ކޮށްފައެވެ. އެއަށްފަހު އޭނާގެ ހާލު ރަނގަޅުނުވެ ދިޔައީ އިތުރަށް ގޯސްވަމުން ކަމަށްވެސް ރިޕޯޓްތަކުގައި ބުނެފައިވެއެވެ.

"މިނީ-މީ"ގެ ރޯލުން ގިނަ ބައެއްގެ މަޤުބޫލުކަން ހޯދި ޓްރޯޔަރ ވަނީ މަޝްހޫރު ހެރީޕޮޓަރ ސީރީޒްގެ "ހެރީޕޮޓަރ އެންޑް ދަ ފިލޯސޮފަރސް ސްޓޭން" އާއި "ދަ އިމޭގިނޭރިއަމް އޮފް ޑޮކްޓަރ ޕަރނަސަސް" ފަދަ ފިލްމުތަކުންވެސް ފެނިގެން ގޮސްފައެވެ.

ޓްރޯޔަރ މަރުވިއިރު އުމުރުން 49 އަހަރެވެ.