ބޮލީވުޑުގައި އެފަދަ ދެވަނައެއް ނެތް އަނިލް ކަޕޫރާއި މަދޫރީ ޑިކްސިޓް އެންމެ ފަހުން އެކުގައި ފިލްމަކުން ފެނިފައިވަނީ މީގެ 18 އަހަރު ކުރިން "ޕުކާރު" އިންނެވެ. އެއަށްފަހު ދެ ތަރިން، އެއް ފިލްމަކުން ފެނިފައިނުވާއިރު، އަނެއްކާވެސް މި ދެ ފަންނާނުން އެކުގައި، މީހުން މުނިފޫހިކޮށްލަން އައުމަށް ދަނީ ތައްޔާރުވަމުންނެވެ.

އަނިލް އާއި މަދޫރީ، އެކުގައި ބެލުންތެރިންނާ ހަމައަށް އައުމަށް ނިންމާފައިވަނީ ކޮމެޑީ ޑްރާމާ ފިލްމު، "ޓޯޓަލް ދަމާލް" އިންނެވެ.

ފިލްމަށް ތައްޔާރުވުމުގެ ގޮތުން، ފިލްމުގެ ފުރަތަމަ ފޮޓޯ ޝޫޓުވެސް ކުރިއަށް ގެންގޮސްފައިވާއިރު، މި ފޮޓޯތަކަށް އެތައް ބައެއްގެ ތަރުހީބު ލިބިފައިވެއެވެ. އަދި، މީގެ 18 އަހަރު ކުރިންވެސް، މި ދެތަރިންގެ މެދުގައި ހުރި ކެމިސްޓްރީ އަށް އަދިވެސް ބަދަލު ނާންނަކަމަށް އެތައް ބަޔަކު ބުނެފައިވެއެވެ.

މި ފިލްމާ ގުޅޭގޮތުން، ފިލްމުގެ އިސް ފަރާތްތަކުންވެސް ބުނެފައިވަނީ މި ދެ ތަރިން އެކުގައި ފެނިގެންދާނެކަމަށެވެ. އަދި، މި ދެ ތަރިންވެސް އަދާކުރާނީ ދެމަފިރިއެއްގެ ރޯލުކަމަށްވެސް ބުނެފައިވެއެވެ. އެހެންނަމަވެސް، ފިލްމުގެ އެހެން އިތުރު މައުލޫމާތު ހިއްސާ ކުރެވެން ނެތްކަމަށްވެސް އޭނާ ބުނެފައިވެއެވެ.

ގިނަ އަދަދެއްގެ ބެލުންތެރިން ދަނީ އަނިލް އާއި މަދޫރީ އަނެއްކާވެސް އެކުގައި ބަލާލުމަށް، ޓޯޓަލް ދަމާލް ނެރޭނެ އިރަކަށް އިންތިޒާރު ކުރަމުންނެވެ.