މިހާރު އޮލިމްޕަހުގައި ދައްކަމުން އަންނަ ލޯބީގެ އަސަރުގަދަ ފިލްމް "ތިޔަ ލޮތްބާއި ދުރަށް" ފިލްމްގެ ޝޯވއެއް ރޭވެސް ދެއްކިއިރު، ރޭގެ ޝޯވގެ ތެރެއިން މައްސަލަތަކެއް ދިމާވާން މެދުވެރީ އޮލިމްޕަސްގެ ޕްލޭބެކް ސިސްޓަމަށް ދިމާވި މައްސަލައަކާއި ގުޅިގެންކަމަށް ފިލްމްގެ ޑައިރެކްޓަރ މަރިޔަމް މޫސާ (މަރީ) ބުނެފިއެވެ.

މަރީ ބުނީ އޮލިމްޕަސްގެ ޕްލޭބެކް ސިސްޓަމްގައި މައްސަލަ ޖެހި ފިލްމްގެ ބައެއް ހިސާބުތަކުން އޯޑިއޯ އާއި ވީޑިއޯ ދިމާ ނުވުމުގެ މައްސަލަ ކުރިމަތިވި ކަމަށެެވެ. މަރީ ބުނީ، މިކަން ދިމާވީ، އޮލިމްޕަހުގެ ޕްލޭބެކް ކޮމްޕިޔުޓަރަށް ދިމާވި މައްސަލައަކާއި ގުޅިގެން ކަމަށް އޮލިމްޕަސް ބޭފުޅުން ބުނެފައިވާ ކަމަށެވެ.

"މިކަމާއި ގުޅިގެން ފިލްމް ބަލަން ވަތް ބައެއް ބޭފުޅުން ވަނީ ހިތްހަމަ ނުޖެހިފައި. އަދި މިކަމާއި ފިލްމްގެ މެނޭޖްމެންޓްގެ ފަރާތުން މައާފަށް އެދެން"، މަރީ ބުންޏެވެ.

މަރީ ބުނީ، އެ ފިލްމްގެ ކުރިއަށް އޮތް ތިން ޝޯވއެއް މި މަސް ތެރޭގައި ދެއްކުމަށް ހަމަޖެހިފައިވާއިރު، އެ ޝޯވތަކަށް ދިމާވި މައްސަލަތައް ހައްލުކޮށްދޭނެކަމުގެ ޔަގީންކަން އޮލިމްޕަހުން ދީފައިވާކަމަށެވެ.

ޓެކްނޯ މީޑިއާއިން ގެނެސްދޭ މި ފިލްމު ޝޯވތަކެއް އޮލިމްޕަހުގައި އާއި އަތޮޅު ތެރޭގައިވެސް އެޅުވުމަށް ހަމަޖެހިފައިވެއެވެ. މާލޭގައި އޮންނަ ޝޯވތައް ދެން އޮންނާނީ މިމަހުގެ 26،27 އަދި 28 ވަނަ ދުވަހުގެ ރޭ އޮލިމްޕަހުގައެވެ.

މީގެ އިތުރުން މާލެއާއި ހުޅުމާލޭގައި އަދި ހދ.ކުޅުދުއްފުއްޓާއި، ލ.ގަން އަދި ފުވައްމުލަކުގެ އިތުރުން އައްޑޫ ސިޓީގައިވެސް މި ފިލްމުގެ ޝޯތައް އެޅުވުމަށް ހަމަޖެހިފައިވާއިރު، ރާއްޖޭގެ އިތުރު ރަށްތަކުން ފިލްމުގެ ޝޯތައް އެ ރަށެއްގައި ދެއްކުމަށް ޝައުގުވެރިވެލައްވާނަމަ ފިމްމުގެ ޓިކެޓް އަދި ޝޯތަކުގެ މައުލޫމާތު ދިނުމަށް ހާއްޞަކޮށްފައިވާ 9884044 ނުވަތަ 7907789 ނަންބަރު ފޯނާ ގުޅުއްވައިގެން ކުރިއަށް ގެންދިއުމަށް ޓެކްނޯ މީޑިއާއިން ވިދާޅުވިއެވެ.