ގިނަ ބައެއްގެ މަގުބޫލުކަން ލިބިފައިވާ ގޭމް އޮފް ތްރޯންގެ ޓޯމުންޑް ޖައިޓްސްބޭންގެ ރޯލުން ފެނިގެންދިޔަ ކުރިސްޓޮފާ ހީވުޖޫ ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ކުރިސްޓޮފާ މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ އޭނާ ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށާއި އަދި މިވަގުތު އޭނާ އާއި އާއިލާ ތިބީ ހޯމް ކަރަންޓީނުގައި ކަމަށެވެ. ހާލު ރަނގަޅުކަމަށް ފާހަގަކޮށް ކުރިސްޓޮފާ ބުނީ އޭނާގެ ގައިން ފެނިފައިވަނީ ރޯގާގެ އަލާމާތް ކަމަށެވެ.

އޭގެ އިތުރުން، ގިނަ ގިނައިން އަތް ދޮވުމަށާއި 1.5 މީޓަރުގެ ދުރުމިނެއް ބެހެއްޓުމާއި ކަރަންޓީނުވާން ޖެހިއްޖެނަމަ ކަރަންޓީނު ވުމަށް ކުރިސްޓޮފާ ވަނީ ބުނެފައެވެ. އަދި މި ވައިރަސް އިތުރަށް ފެތުރިނުދިނުމަށް ކުރަން ހުރި ހުރިހާ ކަމެއް އެންމެނެ ގުޅިގެން ކޮށްފިނަމަ މި ބަލިން ސަލާމަތް ވެވިދާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

މިހާރު ހަލުވި ކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އަށް ކުރިސްޓޮފާގެ އިތުރުން ހޮލީވުޑްގެ މަޝްހޫރު ތަރިން އިދްރިސް އެލްބާ، ޓޮމް ހޭންކްސް، ރީތާ ވިލްސަން، އަދި އޮލްގާ ކުރިލެންކޯ ވެސް ވަނީ ފައްސި ވެފައެވެ.

ދުނިޔޭގެ 166 ގައުމަކުން މި ބަލި ފެނިފައިވާއިރު، ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 198،521 އަށް އަރައިފައެވެ. އަދި 7988 މީހަކު މި ބަލި ޖެހިގެން މަރުވެފައިވާއިރު، 82.763 މީހުން ވަނީީ ރަނގަޅު ކުރެވިފައެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ވަނީ މި ބައްޔަކީ މުޅި ދުނިޔެއަށް ފެތުރޭ ބައްޔެއް ގޮތުގައި ކަނޑައަޅައިފައެވެ.

ކޮވިޑް-19 އަށް މިހާތަނަށް ފަރުވާއެއް ހޯދިފައެއްނުވެއެވެ. ނަމަވެސް މި ވައިރަހަށް ވެކްސިނެއް ހަދާ މިހާރު އަންނަނީ އިންސާނުންނަށް ޓެސްޓު ކުރަމުންނެވެ. ސައިންސްވެރިން ބުނާ ގޮތުގައި މި ބައްޔަށް ވެކްސިނެއް ލިބޭނެ ދުވަހެއް ނޭނގެއެވެ.