ހަލުވިކަމާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ފަރުވާކުރާ ވެކްސިނެއް ތައްޔާރު ކުރުމުގެ މަސައްކަތް ކާމިޔާބު ވަމުންދާ ކަމަށާއި، ކުރިޔަށް އޮތް ދުވަސްތަކުގައި އެ ވެކްސިން ބޭނުންކުރެވެން ފަށާނެކަމުގެ އުންމީދު ބޮޑުކަމަށް، އޮކްސްފޯޑް ޔުނިވާސިޓީގެ ސައިންސްވެރިއަކު ބުނެފިއެވެ.

ޕްރޮފެސަރ، ސެރާ ގިލްބާޓް ބުނެފައިވަނީ، އޭނާގެ ޓީމުން ވަރަށް އަވަހަށް ކޮވިޑް-19 ގެ ވެކްސިން ތައްޔާރު ކުރާނެ ކަމަށާއި، މި ވެކްސިން އަކީ ކާމިޔާބު ވެކްސިނަކަށް ވާނެ ކަމުގެ 80 އިންސައްތަ ޔަޤީންކަން އެބައޮތް ކަމަށެވެ. އޭނާ ބުނެފައިވާ ގޮތުގައި ވެކްސިން ތައްޔާރު ކުރެވުނު ނަމަވެސް އޭގެ ތަހުލީލުތައް ކުރިޔަށް ގެންދިއުމާއި، ބޭނުންކުރަން ފެށުމުގެ ކުރިން ކުރިޔަށްގެންދަން ޖެހޭ އެހެނިހެން ކަންކަމަށް އަދި ދުވަސް ނަގާނެއެވެ.

"އަޅުގަނޑުމެން މި ދަނީ ހަފްތާއަކި 7 ދުވަހަކު، އަދި ދުވަހެއްގެ 24 ގަޑިއިރު މެދުނުކެނޑި މި މަސައްކަތް ކުރަމުން. އަޅުގަނޑުމެންގެ ޓީމުން މި ވައިރަސް އަށް ކާމިޔާބު ވެކްސިނެއް އުފައްދާނެ. އެކަމުގެ ޔަޤީންކަން އެބައޮތް. ކުރިޔަށް އޮތް ދުވަސްތަކުގައި މި ވެކްސިން ޓެސްޓް ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދާނެ،" ސެރާ ބުނެފައި ވެއެވެ.

ސެރާގެ ޓީމަށް ކޮވިޑް-19 އިން ރައްކާތެރިވުމުގެ ވެކްސިނެއް އުފެއްދުނު ކަމުގައި ވީނަމަވެސް، ވެކްސިން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ޑިސްޓްރިބިއުޓް ކުރެވެން ފަށާނީ މިއަހަރުގެ ފަހުކޮޅު ކަމަށް ކަމާއިބެހޭ މާހިރުން ބުނެއެވެ. ކޮވިޑް-19 އަށް ސީދާ ދެވޭނެ އެއްވެސް ފަރުވާއެއް ނުލިބި ދުނިޔޭގެ އެކި ކަންކޮޅުތަކުން މަރުވާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާއިރު، މިހާތަނަށް މި ބަލީގައި 103000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

މި ވައިރަސް އަށް ފަރުވާއެއް ހޯދުމަށް ދުނިޔޭގެ އެކި ޤައުމުތަކުން ކެނޑިނޭޅި މަސައްކަތް ކުރަމުންދާއިރު، މީގެ ކުރިންވެސް ބައެއް ޤައުމުތަކުން ވެކްސިނެއް އުފެއްދުމުގެ މަސައްކަތުގައި ކުލަ ޖެހެމުންދާ ކަމުގެ އިޝާރާތްތަކެއް ކޮށްފައި ވެއެވެ. އެގޮތުން މީގެ ދެ ދުވަސްކުރިން، މި ވައިރަސް އާއި ދެކޮޅަށް ބޭނުންކުރެވޭނެ ފަތްޕިލާވެލީގެ ބާވަތެއް މަޑަގަސްކާއިން ފެނިގެން، ލެބޯޓްރީތަކުގައި ތަހުލީލު ކުރުމަށް ދަނީ ތައްޔާރުވަމުންނެވެ. މީގެ އިތުރުން ރަޝިޔާއިން ވެސް އުފެއްދި ވެކްސިނެއް އިންސާނުންނަށް ދީގެން ޓެސްޓު ކުރުމަށް ވަނީ ތައްޔާރުވާން ފަށާފައެވެ.

މިހާތަނަށް ދުނިޔޭގެ 210 ޤައުމަކުން ނުވަތަ ސަރަޙައްދަކުން ކޮވިޑް-19 ފެނިފައި ވެއެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުން ވައިރަސް ޖެހުނު މީހުންގެ އަދަދު 1.7 މިލިއަން އަށްވުރެ އިތުރުވެފައި ވާއިރު، އަދި ބަލިން ރަނގަޅުވެފައި ވަނީ 388577 މީހުންނެވެ. މި ވައިރަސް އެންމެ ހަލުވިކަމާއެކު ފެތުރެމުންދާ އެމެރިކާއިން އެކަނިވެސް ބައިމިލިއަނަށްވުރެ ގިނަ މީހުންނަށް ވައިރަސް ޖެހި، އޭގެތެރެއިން 18700 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ޗައިނާގެ ހުއާން ސިޓީން ފެނުނު ކޮވިޑް-19 އަކީ ފަހުގެ ތާރީޚެއްގައި ވެސް ދުނިޔެ ދުށް މިފަދަ އެންމެ ނުރައްކާތެރި ބަލިމަޑުކަމެވެ. މި ވައިރަސްގެ ނުރައްކަލާއި ގުޅިގެން ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ވަނީ މުޅި ދުނިޔެއަށް ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތުވެސް އިއުލާނުކޮށްފައެވެ.