ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 ގެ ސަބަބުން، އެކަމުގެ ނުރައްކާ އިންޑިއާއަށް ވެސް ކުރިމަތިވެ އެޤައުމު ފުރަބަންދުކޮށްފައިވާ މި ދަނޑިވަޅުގައި، ބޮލީވުޑް ތަރިން ދަނީ ކުރީގެ ގިނަ ހަނދާންތައް ފޭނުންނާއި ޙިއްސާ ކުރަމުންނެވެ. އެގޮތުން ކުރީގައި ނަގާފައިވާ ފޮޓޯތައް ދައްކާލައި، މީގެ ކުރިން ގިނަ ބަޔަކު އަޑުނާހާ ވާހަކަތައް އެފަރާތްތަކުން ދަނީ ކިޔައިދެމުންނެވެ.

ބޮލީވުޑްގެ އެންމެ މަޤުބޫލު ތަރިންގެ ތެރޭގައި ހިމެނޭ އަމީތާބް ބައްޗަށް ވެސް މި ވަނީ ފުރަބަންދުގެ މި ދަނޑިވަޅުގައި އެހެން ބައެއް މަޝްހޫރު ތަރިންނާއި ބައިވެރިވެ، ކުރީގެ ހަނދާންތައް އައުކޮށްފައެވެ.

އިންޑިއާގެ މަޝްހޫރު މަޖައްލާއެއް ކަމަށްވާ "ސްޓަރ އެންޑް ސްޓައިލް" ގައި ހިމެނުމަށް ނެގި ފޮޓޯއެއް ފޭނުންނާއި ޙިއްސާކުރަމުން އަމީތާބު ބުނެފައި ވަނީ، އެއީ އޭނާ ފިލްމް އިންޑަސްޓްރީގައި މަސައްކަތް ކުރަން ފެށި ދުވަސްވަރު، އޭނާގެ އެންމެ ފުރަތަމަ ފޮޓޯޝޫޓް ކަމަށެވެ.

އުމުރުން 77 އަހަރު މިހާރު ފުރިފައިވާ އަމީތާބް ބުނިގޮތުގައި މިއީ އޭނާގެ އެންމެ ފުރަތަމަ ފިލްމަށްފަހު އައި ހުށަހެޅުމެއް ކަމަށެވެ. އޭރު އޭނާއަކީ ތަރިއެއް ނޫން ކަމަށާއި، އެހެންކަމުން ފުރަތަމަ އެފަދަ މަޤުބޫލު މަޖައްލާއެއްގައި ފޮޓޯ ޖަހަން އުޅޭތީ ޖެހިލުންވެސްވި ކަމަށް އަމީތާބް ބުންޏެވެ. ނަމަވެސް އެކަމަށް އެއްބަސްވީ މަޖުބޫރުވުމުން ކަމަށް އަމީތާބު ބުނެފައި ވެއެވެ. އަމީތާބް ބުނެފައިވާގޮތުގައި، މި ފޮޓޯޝޫޓް ކުރިޔަށް ދިޔައިރު ވެސް އޭނާ ހުރީ ވަރަށް ލަދުންނެވެ.

އެދުވަހު ނަގާފައިވާ ފޮޓޯއެއް އާންމު ކުރަމުން އަމީތާބު މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި ވަނީ، އެ ފުރުސަތު ދިން އޭރު އިންޑިއާގެ އެންމެ މަޝްހޫރު ނޫސްވެރިންގެ ތެރޭގައި ހިމެނޭ ދެވަޔަނީ ޗައުބަލް އަށް ޝުކުރު އަދާކޮށް އޭނާއަށް ތައުރީފުކޮށްފައެވެ.

ފިލްމް އިންޑަސްޓްރީއަށް ވަދެ އަމީތާބް އެންމެ ފުރަތަމަ ކުޅުނު ފިލްމަށްފަހު ނަގާފައިވާ ފޮޓޯޝޫޓްގެ ހަނދާންތައް އައުކޮށް އޭނާ ވާހަކަ ދައްކާފައި ވާއިރު، އަމީތާބް މި އިންޑަސްޓްރީގައި މަސައްކަތް ފަށާފައި ވަނީ 1969 ވަނަ އަހަރުއެވެ. އެންމެ ފުރަތަމަ އޭނާ ކުޅުނު ފިލްމަކީ "ސާތް ހިންދުސްތާނީ" އެވެ.

ޚަވަޖާ އަހްމަދު އައްބާސް ޑައިރެކްޓްކޮށް އޭނާ ޕްރޮޑިއުސްކޮށްފައިވާ މި ފިލްމަށް ބޮޑު މަޤުބޫލުކަމެއް ލިބިގެން ގޮސްފައިވާއިރު، ފިލްމަށް ވަނީ ޤައުމީ ފެންވަރުގެ ގިނަ އެވޯޑުތަކެއްވެސް ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަކާރިއޯސް

    ރާއްޖޭގެ ކުރީ މަޝްހޫރު ނޫސްވެރިއަކު އޭނަ ލިޔާ ފިލްމީ ލިއުންތަކުގައި ބުނާގޮތަށް ޒުވާން ދައުރުގެ މިފޮޓޯ އިންވެސް އަމީތާބް ވަރަށް ރަނޑު ވައްތަރު ޖަހައެވެ.