ކޮވިޑް-19 ފެތުރެމުން އަންނަ މި ދަނޑިވަޅުގައި ސައުދީ އަރަބިޔާގައި ރޯދަ ވީއްލުމަކަށް ޖަމާވި 4 އާއިލާއެއްގެ ބަޔަކު ބައްޔަށް ފައްސި (ޕޮޒިޓިވް) ވެއްޖެ ކަމަށް އެގައުން ހާމަ ކޮށްފިއެވެ.

އެގައުމުގެ ހެލްތް މިނިސްޓްރީން ބުނީ، އެ ހަތަރު އާއިލާގެ މީހުން ކޮވިޑް-19 އަށް ފައްސި ވެފައިވަނީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސްކޮޅު ރޯދާ ވީއްލުމަކަށް ގޮސްގެން އުޅެނިކޮށް ކަމަށެވެ. މިގޮތަށް މި އާއިލާތައް ފައްސިވެފައިވާ ކަން ހާމަކޮށްފައި ވަނީ އެގައުމުގެ ހެލްތް މިނިސްޓްރީން ކޮންމެ ދުވަހަކު ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

އެގައުމުގެ ހެލްތުން ވަނީ އެގޮތަށް ޖަމާނުވެ، އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމަށް އިލްތިމާސް ކޮށްފައެވެ.

ސައުދީގެ ހެލްތް މިނިސްޓްރީގެ ސްޕޯކްސްޕާކަސް މުހައްމަދު އަލް އަބްދަލީ ބުނެފައިވަނީ އެ ހަތަރު އާއިލާގެ މީހުންނަށް ވައިރަސް ޖެހިފައިވަނީ މީގެ ހަފްތާއެއްހާ ދުވަސް ކުރިން ކަމަށެވެ. އެހެން ނަމަވެސް އެ އާއިލާގެ މީހުން އެއްވެފައި ވަނީ ކޮންތަނަކަށް ކަން ހާމަކޮށްފައެއް ނުވެއެވެ. އަދި އިތުރު މައުލޫމާތު ނުދޭ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ސައުދީގައި ބަލި ކޮންޓްރޯލް ކުރުމަށް ގިނަ ފިޔަވަޅުތަކެއް އެޅި ކަމުގައި ވިއަސް ބަލި ކޮންޓްރޯލް ނުވާތީ އެގައުމުން ވަނީ ކުރިއަށް އޮތް އީދު ޗުއްޓީ އާއި ދިމާކޮށް މިމަހުގެ 23 އިން ފަށައިގެން 27 ނިޔަލަށް ހަރުކަށި ފުރަބަންދެއް (ފުލް ލޮކްޑައުން) އެއް ކުރުމަށް ނިންމާފައެވެ.

ސައުދީ އަރަބިޔާގައި މިހާތަނަށް ކޮވިޑް-19 ޖެހިގެން 44,830 މީހަކު ވަނީ ރިޕޯޓް ކޮށްފައެވެ. އެގައުމުން މިހާތަނަށް ބަލި ޖެހިގެން 17,622 މީހަކު ރަނގަޅުވެފައިވާއިރު، 273 މީހަކު ވަނީ ބަލި ޖެހިގެން މަރުވެފައެވެ. އަދި މިހާރުވެސް ހާލު ދެރަވެގެން 147 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ??

    ސްޕޯކްސްޕާކަސް.....