ފާތިމަތު ޒައިނާ (ޒައި) ދިވެހި އެފްއެމް އަޑު އަހަމުން އަންނަ އެހުންތެރިންނަށް އާ ނަމަކަށް ނުވާނެއެވެ. އެންމެ ކުޑައިރުން ފެށިގެން މާލޭގައި އުޅެމުންދާ ޒައި ސްކޫލް ހަޔާތް ފެށީ އާލިއާގައެވެ. އޭގެ ފަހުން އިސްކަންދަރު ސްކޫލުން ނިންމުމަށްފަހު ގްރޭޑް 10 ނިންމާލީ އަމީނިއްޔާ ސްކޫލްގައެވެ.

"އަސްލު ހަގީގަތަށް ބުނާނަމަ މާލޭގައި ނޫޅޭ ދުވަހެއް ހަނދާނެއް ނުހުރޭ، ވިހެއި ފަހުން ދެން އުޅުނު ކަންނޭނގެ ރަށުގައި. ވ. ރަކީދޫގައި. އެކަމަކު ހަނދާން ހުންނަން ފެށީއްސުރެ އުޅެމުން އައީ، މާލޭގައި، އެހެން ހުންނާނެ ތާ މަޖާ ކަންކަންވެސް ކުޑައިރު ކުރެވިފައި، އެ ކަންކަންވެސް ރަށުގައި ކުރި ހަނދާނެއް ނުހުރޭ".ޒައި ބުންޏެވެ.

ޒައި ބުނީ، އޭނާ ސްކޫލްގައި އުޅުނުއިރު އެންމެ ހަނދާން ވަނީ އަމީނިއްޔާ ސްކޫލްގައި އުޅުނު އިރު ކަމަށެވެ. އެގޮތުން އެންމެ ހަނދާންވާ ޓީޗަރެއްގެ ވާހަކަ ފާހަގަކުރިއެވެ.

"ކަމެއް ނުކުރިޔަސް ޓީޗަރު ގޮވާލާނެ، ޒައިނާ ކޮން ކަމެއްހޭ ތި ކުރަނީ...ޒައިނާ،، ހަަމަ އެ ހާލެއްގައި އުޅޭނީ ކަމެއް ނުކުރިޔަސް އުޅޭނީ އެހެން، އެ ވަރަށް ހަނދާން ހުރޭ،" ޒައިނާ ކިޔައިދިނެވެ.

ޒައި ބުނީ، އޭނާއަކީ ސްކޫލްގައި އުޅުނުއިރު ސަކަރާތް ޖަހާ އުޅެވުނުކަން ފާހަގަކޮށްފައެވެ.

ޒައި "ވަގުތު" އަށް އިންޓަވިއު ދެނީ - ވަގުތު އިމޭޖްސް: މުހައްމަދު އަފްޒަލް

"ބައެއް ޓީޗަރުން ކައިރީގައި އަހާލައިފިއްޔާ ބުނާނެ ވަރަށް މަޑުން އިންނަ ކުއްޖެކޭ، ޓީޗަރު ނެތް ތަންތަނުގައި ކަންނޭނގެ ގިނައިން ސަކަރާތް ޖެހިފައި ހުންނާނީ،" ޒައި ބުންޏެވެ.

ޒައިއަކީ އާއިލާގެ އެންމެ ހަގު ކުއްޖާއެވެ. އޭނާ އެންމެ ފުރަތަމަ މީޑިއާ ދާއިރާއަށް ނުކުމެ މަސައްކަތް ފެށީ ސަން އެފްއެމްގައެވެ. 2009 ހިސާބު އެތަނަށް ވަދެ އޭނާ ފުރަތަމަ މަސައްކަތް ފެށީ ޕްރެޒެންޓަރެއްގެ ގޮތުގައެއް ނޫނެވެ. އޭނާ މަސައްކަތް ފެށީ ޓެކްނިކަލް ސައިޑް ގައެވެ.

"އެއިރު ސަން އެފްއެމް ނުއެއް ފަށާ، ފަށަން ވެގެން މީހުން ބޭނުން ވެގެން އެތަނަށް އެޕްލައި ކުރީ، އެޕްލައިކޮށްގެން އެ މީހުން ބޭއްވި ޓެސްޓުތަކަކުން ފާސްވެގެން، ފުރަތަމަ އުޅުނީ ޕްރެޒެންޓަރަކަށް ނޫން، އުޅުނީ ޓެކްނިކަލް ސައިޑްގައި މަސައްކަތް ކުރަން ފެށީ، އެންމެ ފުރަތަމަވެސް މީޑިއާ ދާއިރާއަށްވަނީ،" ޒައި ބުންޏެވެ.

އޭނާ އެތަނުގައި ހަތަރު އަހަރު ވަންދެން އުޅުނެވެ. ފުރަތަމަ ޓެކްނިކަލް މަސައްކަތުގައި އޭނާ ދުވަސްތައް ހޭދަކުރިއެވެ. އެއިރު އޭނާއަށް ޓެކްނިކަލް ސައިޑްގެ މަސައްކަތްތަކެއް ނޭނގެއެވެ. ނަމަވެސް އެތަނުގައި މީހުން ކުރާ މަސައްކަތް ބަލައިގެން ދަސްކޮށް، އެކަމުގައި އޭނާ އުޅުނެވެ. ޕްރެޒެންޓަރަކަށް ވާން ޝައުުގުވެރިކަން ހުންނަ ޒައި ދެ އަހަރު ވަންދެން ޓެކްނިކަލް ކަންކަމުގައި އުޅުމަށްފަހު، މަޑުމަޑުން އޭނާއަށް ޕްރެޒެންޓް ކުރަންވެސް ފުރުސަތު ލިބުނެވެ.

"އެ ޗާންސް ލިބުނީމަ ފުރަތަމަ އޮން އެއާ އެއްޗެހި ހަދަން ފެށީ، އެ އެއްޗެހި ހަދަން ފަށާފައި އޮން އެއާ ކުރި، ދެން އޭރު އެތަނުގައި ނަން ނޯޓު ކުރަން ޖެހޭނީ ފޯނުން ގުޅައިގެން، ފޯނުން ގުޅައިގެން އިންނަ އިރު ނަން ނޯޓު ކުރަން ވެސް އިންނަން، ދެން އޮޕަރޭޓަރެއްގެ ގޮތުގައި އުޅެފައި ޕްރެޒެންޓް ކުރަން ލިބުނީ ފުރަތަމަ ފަހަރަށް ލައިވްއަކަށް، އެއީ ކުޑަ ކުދިންގެ ޝޯއަކަށް"

ޒައި ބުނީ، ފުރަތަމަ ފަހަރަށް ޕްރެޒެންޓް ކުރަން ލިބުނު ފަހަރު ހުރީ ވަރަށް ބިރުން ކަމަށެވެ. އަދި ފުރަތަމަ މިކަން ނުވޭނެއޭވެސް ހިތައް އެރި ކަމަށް ޒައި ބުންޏެވެ. އެކަމަކު ކުދިންނާއި ވާހަކަދައްކަން ފެށީމަ ހަމައަކަށް އެޅިއްޖެ ކަމަށް ޒައި ބުންޏެވެ.

ސަން ގައި އުޅުނުއިރު ކުރެވުނު އެންމެ ހަނދާން ވާ މަސައްކަތަށް އޭނާ ފާހަގަކޮށްފައި ވަނީ، ރޭގަނޑު އަންނަ ގުޑްނައިޓް މެސެޖް ޝޯއެވެ.

"އެއީ އެންމެން ވާދައަށް ކުރި ކަމެއް، އެއީ ގުޑްނައިޓް މެސެޖް، އެ އަންނައިރު އެކި ޕްރެޒެންޓަރުން މި އަރަނީ، އަރާއިރުގައި ދެން ވަރަށް ވާދަވެރިކޮށް ދަނީ، އެކަކަށްވުރެ ގިނައިން އަނެކަކު މެސެޖް ހޯދަން ވެގެން ކުރާ މަސައްކަތް ވަރަށް ފާހަގަކޮށްލެވޭ". ޒައި ބުންޏެވެ.

ޒައި ސަން ގައި އުޅުމަށްފަހު އުމުރުން 21 އަހަރުގައި އޭނާ ވަނީ ވަޒީފާއިން ވަކި ވެފައެވެ. އަދި އޭނާ އެތަނުން ވަކިވީ ކައިވެނި ކުރާށެވެ. އަދި ކައިވެނި ކުރުމަށްފަހު އޭނާ އެއް އަހަރު ވަންދެން ވަޒީފާއަށް ނުގޮސް ގޭގައި މަޑު ކުރިއެވެ. އޭގެ ފަހުން ދެން އޭނާ މަސައްކަތް ކޮށްފައި ވަނީ ވީއެފްއެމްގައެވެ. އޭނާ ވީއެފްއެމްގައި ދެ އަހަރު ވަންދެން މަސައްކަތް ކޮށްފައި ވެއެވެ.

އޭނާ ފުރަތަމަ ވީއެފްއެމްއަށް ވަދެ މަސައްކަތް ކުރަން ޖެހުނީ ރިޔާސީ އިންތިހާބުގެ ކަންތައް ކުރިމަތިވެފައި އޮތުމުން އެ މަސައްކަތުގައެވެ. އަދި އޭގެ ފަހުން އުޅުނީ ވީއެފްއެމްގައި ޕްރެޒެންޓަރެެއްގެ ގޮތުގައެވެ.

ޒައި ދިވެހި އެފްއެމްގައި

"ސަން އިން ކެނޑުނު ފަހުން އަނެއްހެން ޓެކްނިކަލް ސައިޑްގައެއް ނޫޅޭން، ބޮޑަށް އުޅުނީ ޕްރެޒެންޓިންގައި"

ވީއެމްއެފްގައި ޒައި އަށް ކޮށްލެވުނު އެންމެ ފާހަގަކޮށްލެވޭ މަސައްކަތީ ގޭމް ޝޯއެވެ .އެގޮތުން އޭނާ ފާހަގަކޮށްލި ގޭމް ޝޯއަކީ "ތަޅުދަނޑި ފަތި" ޝޯ އެވެ. ޒައި ބުނީ، އޭނާ އަމިއްލައަށް ޕްރޮގްރާމްތައް ހަދަން ފެށީއްސުރެ ބޮޑަށް ދެވެނީ ގޭމް ޝޯތަކަށް ކަމަށެވެ.

ޒައި ވީއެފްއެމް އިން ކެނޑިގެން އަހަރެއްހާ ދުވަހުގެ ބްރޭކްއަކަށްފަހު ވަނީ ދިވެހި އެފްއެމްއަށެވެ. ދިވެހި އެފްއެމްގައި މަސައްކަތް ކުރުމަކީ އޭނާގެ ހުވަފެނެކެވެ. އެ ހުވަފެން ހާސިލްވެއްޖެއެވެ.

"ޕްރެޒެންޓިން ދާއިރާއަށް ނުކުތީއްސުރެ ހިތައް އަރާ،... ދިވެހި އެފްމްއަށް ދެވުނީމަ އެ ޓާގެޓް ހާސިލްވީއޭ.".ދިވެހި އެފްއެމްއަށް 2015 ވަނަ އަހަރު ވަން ޒައި ބުންޏެވެ.

ޒައި ބުނީ، އެފްއެމްގައި އޭނާ ބޮޑަށް އުޅެނީ އެޑިޓިންގައި ކަމަށެވެ. އަދި ބޮޑަށް ކުރެވިފައި ހުންނަނީ ޑްރާމާތަކުގެ މަސައްކަތުގައިކަން ވެސް އޭނާ ފާހަގަކުރިއެވެ. އަދި އޭނާ ދެން އުޅޭނީ ލައިވް ޝޯތަކުގައެވެ. އޭނާ ދިވެހި އެފްއެމްގައިވެސް ގޭމް ޝޯތަކާއި އެއްޗެހި ހެދިއެވެ. އޭގެ ތެރެއިން އޭނާ އެންމެ ފާހަގަކޮށްލި މަސައްކަތަކީ "ޗެލެންޖް އެސެޕްޓެޑް ގޭމް" ޝޯއެވެ.

ޒައި ދިވެހި އެފްއެމްގައި މަސައްކަތް ކުރާތާ ފަސް އަހަރު ވަނީ

ޒައި ބުނީ، ދިވެހި އެފްއެމްއަކީ ގިނަބަޔަކު އަޑުއަހާ އެއް ރޭޑިއޯ ޗެނަލްއަށް ވީ ނަމަވެސް، މިހާރު މަޑުމަޑުން އެކަން އޮބެމުންދާ ތަން ފެންނަމުންދާ ކަމަށެވެ. އެއީ މިހާރު އެ ޗަނަލްގެ އަޑު ގިނަބަޔަކަށް ނީވެނީއެވެ. މިހެން ދިމާވަނީ ބައެއް ރަށްތަކަށް ރޭންޖް ނުލިބޭތީ ކަމަށް ޒަައި ބުންޏެވެ.

ޒައިއަކީ ދެ ކުދިންގެ މަންމައެކެވެ. އަދި މީހެއްގެ އަންބެކެވެ. އޭނާ ފާހަގަކުރާގޮތުގައި، އޭނާގެ ހުރިހާވެސް އެއްޗަކީ ދަރިންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހައްވަ އަލި

    ޒައު ތި ދިވެހި އެފެމްގަ މަތީ ފެންވަރުގައި ގުނާލެވެ ވަރުގެ ވަރަށް މޮޅު ކުއްޖެ (zai is the best keep going like this allways) ވަރަށް ލޮބިވެ ޒައިި........???

    5
    2