ދުނިޔޭގައި ދެ ބިލިއަނަށް ވުރެން ގިނަ މީހުން އެންޑްރޮއިޑް ފޯނުތައް ބޭނުން ކުރާ އިރުގައި، މިފަދަ ފޯނުތަކުގެ ވޯލްޕޭޕާ އަށް ވަކި ފޮޓޯ އެއް ލުމުން ފޯނު ކްރޭޝް ވާ މައްސަލަ އެއް ފެންމަތި ވާން ފަށައިފިއެެވެ.

ރިޕޯޓުތައް ބުނާގޮތުން އެންޑްރޮއިޑް ފޯނު ތަކުގައި އިރުއޮއްސޭ ގަޑީގައި ކޯރެއްގެ ފޮޓޯ ފެންނަ މި މަންޒަރު ފޯނުގެ ވޯލްޕޭޕާ އަށް ލުމުން ފޯނު ކްރޭޝް ވެއެވެ. ކްރޭޝް ވާ ފޯނުތަކުގެ ތެރޭގައި ސަމްސެންގް އާއި ގޫގްލް ޕިކްސެލް ފަދަ ބްރޭންޑު ތަކުގެ ފޯނުތައްވެސް ހިމެނެއެވެ.

މި ފޮޓޯ ލުމުން ފޯނު ކްރޭޝް ވަމުން ދާތީ މިހާރު އެންޑްރޮއިޑް އިން ވަނީ އެ ފޯނު ވޯލްޕޭޕާ އަަށް ލުމަށް އިލްތިމާސް ނުކުރާ ކަމަށް ބުނެފައެވެ. މި ކްރޭޝްގެ ސަބަބުން އެއްވެސް ކަމަކާއި ނުލައި ފޯނު ނިވިފައި ހުޅުވެއެވެ. މިކަން ހައްލު ކުރަން ކުރެވޭނެ ހަމައެކަނި ކަމަކީ ފޯނުގެ ފެކްޓްރީ ރީސެޓެއް ކުރުމެވެ. އޭރުން ފޯނުގައި ހުރި ހުރިހާ ފޮޓޯ އަކާއި ނަމްބަރުތައް ފަދަ ތަކެތި އެއްކޮށް ގެއްލޭނެއެވެ.

މި މައްސަލަ ބޮޑަށް ކުރިމަތިވާކަން ފާހަގަ ކުރެވިފައި ވަނީ އެންޑްރޮއިޑް ފޯނުތަކަށް ކަމުގައި ވާއިރު، ބައެއް ފަރާތްތަކުން އަންނަނީ މި ފޮޓޯ މީސް މީޑިއާ މެދުވެރިކޮށް ފޮނުވައި ވޯލްޕޭޕާ އަށް ލުމަށް ބުނަމުންނެވެ. އެހެންކަމުން މިކަމާއި މެދު ސަމާލުވެ ތިބުން ރަނގަޅެވެ.