ކޮރެއާގެ ސްމާޓްފޯން އުފައްދާ ކުންފުނި ސެމްސަންގް އިން މިދިޔަ މަހު ނެރުނު އެ ކުންފުނީގެ އެންމެ ފަހުގެ ފޯނުތަކުގެ ތެރޭގައި ހިމެނޭ ސެމްސަންގް ގެލެކްސީ އެސް 22 އަލްޓްރާ އިން ގިނެސް ވޮލްޑް ރެކޯޑު ހަދައިފިއެވެ.

ސެމްސަންގް އިން އާ ސްމާޓްފޯން ސީރީޒްއެއް ތައާރަފުކޮށްފައިވާއިރު އޭގެ ތެރޭގައި ސެމްސަންގް ގެލެކްސީ އެސް 22 އަލްޓްރާ ވެސް ހިމެނެއެވެ. ސެމްސަންގް އިން ރެކޯޑް ހަދާފައި މިވަނީ މާރިޗް މަހުގެ ފަސް ވަނަ ދުވަހުއެވެ. އެއީ ސެމްސަންގް އިންޑިއާއިން ހެދި ރެކޯޑެކެވެ.

އެއީ 17 ސިޓީއެއްގައި ޖުމްލަ 1820 ކަސްޓަމަރުން ވެގެން އެއްފަހަރާ މި ފޯނު އަންބޮކްސް ކޮށްގެން ހެދި ރެކޯޑެވެ. މިއީ ފޮށިން ފޯނު ނެގުމެވެ. މިއީ ތާރީހުގައި އަލަށް ނެރޭ ފޯނެއް އެއްފަހަރާ ގިނަބަޔަކު މިފަދަ ގޮތަކަށް ފޮށިން ކެނޑި ފުރަތަމަ ފަހަރެވެ. އެއާއި އެކު މި ސްމާޓްފޯން ’ގިނިސް ބުކް އޮފް ވޯލްޑް ރެކޯޑްސް‘ ގައި ވަނީ ހިމަނާފަ އެވެ.

މި ފޯނު ފޮށިން ފުރަތަމަ ނެގި މީހުންގެ ތެރޭގައި މި ސްމާޓްފޯން ’ޕްރީބުކް‘ ކުރި މީހުންވެސް ހިމެނެ އެވެ.

ގިނިސް ވޯލްޑް ރެކޯޑްސްގެ އޮފިޝަލެއް ކަމަށްވާ ސްވަޕްނިލް ޑަންގަރިކަރް ވިދާޅުވީ ސެމްސަންގް އިންޑިއާ އިލެކްޓްރޯނިކްސް ޕްރައިވެޓް ލިމިޓެޑް އިން 1820 ބައިވެރިންނާއެކު "މޯސްޓް ޕީޕަލް އަންބޮކްސިން މަލްޓިޕްލް ވެނިއުސް" ހެދުމުން ވަރަށް އުފާވާ ކަމަށެވެ.

ދުނިޔޭގެ އާ ރެކޯޑެއް މުގުރާލި މި ހަރަކާތަކީ 19 ތަނެއްގައި ބޭއްވި މީގެ ކުރިން ދުވަހަކުވެސް ބާއްވާފައިވާ ނުވާފަދަ އިވެންޓެކެވެ. ސެމްސަންގް ގެލެކްސީ އެސް 22 އަލްޓްރާ އާއެކު އެ ކުންފުނިން ހާއްސަ ލިމިޓެޑް އެޑިޝަން ފޮށިތަކާއި ގެލެކްސީ ވޮޗް 4 އަދި ގެލެކްސީ ބަޑްސް 2 ވެސް ފޮށި ފުރަތަމަ ހުޅުވި ފަރާތްތަކަށް ވަނީ ދީފައެވެ.

ސެމްސަންގް އަކީ ސްމާޓްފޯނުގެ ދުނިޔޭގައި އެންމެ ކުރިއަރާފައިވާ ބްރޭންޑުތަކުގެ ތެރޭގައި ހިމެނޭ އެއް ބްރޭންޑެވެ.