ސަމްސަންގް ކުންފުނިން އަލަށް ނެރޭ ފޯނުތައް ކަމަށްވާ އަލްޓްރާ އެސް-22 އާއި އެސް-22 އަދި އެސް-22 ޕްލަސް ދައްކާލައިފިއެވެ. ރޭ ބޭއްވި އިވެންޓެއްގައި މި ފޯނުތަކުގެ އިތުރުން ގެލެކްސީ ޓެބް އެސް-8 ވެސް ވަނީ ދައްކާލާފައެވެ. އަލަށް ދައްކާލި ޓެބަކީ ސަމްސަންގްގެ ގެލެކްސީ ނޯޓްގެ ބަދަލުގައި ބޭނުން ކުރެވޭނެ ޓެބެކެވެ.

ސަމްސަންގް އިން ބުނި ގޮތުގައި އެކުނިން ރޭ ދައްކާލި އުފެއްދުންތައް ބާޒާރަށް ނެރުމަށް ހަމަޖެހިފައި ވަނީ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު އެވެ. އެސް-22 މޮޑެލްގެ ފޯނުގެ އަގުތައް ފެށެނީ 800 އެމެރިކާ ޑޮލަރުންނެވެ. އެސް-20 އަލްޓްރާގެ އަގުތައް ފެށެނީ 1200 އެމެރިކާ ޑޮލަރުންނެވެ.

އެސް-22 އާއި އެސް-22 ޕްލަސް ފޯނުގައި 50 މެގަޕިކްސެލް އަލްޓްރާ-ވައިޑު ކެމެރާއެއް ހިމަނާފައި ވާއިރު، 3x ޒޫމް ލެންސެއް ވަނީ ހަރުކޮށްފަ އެވެ. އަދި އެސް-22 އަލްޓްރާގައި 108 މެގަޕިކްސެލް ކެމެރާ އަކާ އެކު 10x ޒޫމް ލެންސެއް ހުންނާނެއެވެ. އެސް-22 އަލްޓްރާއާ އެކު ސެމްސަންގުގެ އެސް ޕެން ބޭނުންކުރެވޭނެ ކަމަށް ސެމްސަންގުން ވަނީ ބުނެފަ އެވެ.

ސަމްސަންގްގެ އާއުފެއްދުންތަކާއިއެކު ނޯޓްގެ އެއްވެސް މޮޑެލްއެއް އާއްމުކޮށްފައި ނުވުމުން ނޫސްވެރިން ވަނީ ސަމްސަންގް އިން ނޯޓްގެ އުފެއްދުންތައް ހުއްޓާލީތޯ ސުވާލު ކޮށްފައެވެ. ނަމަވެސް ސަމްސަންގް އިން އެއަށް ސީދާ ޖަވާބެއް އަދި ދީފައެއް ނުވެއެވެ.

ސަމްސަންގް އިން މިއަހަރު ނެރޭ ފޯނުތަކާއި ޓެބްގެ އެންމެ ހާއްސަ އަނެއް ސިފައަކީ މިހުރިހާ އުފެއްދުމެއްގައި ވެސް ބޭނުން ކޮށްފައިވާ ޕްލާސްޓިކަކީ ކަނޑުން ނަގާފައިވާ ކުނިން ތައްޔާރު ކުރި ޕްލާސްޓިކަށް ވުމެވެ. ފޯނުތައް ބަންދު ކުރާ ފޮއްޓަކީ ވެސް %100 ރިސައިކަލް އުފެއްދުމެއް ކަމަށް ސަމްސަންގް އިން ބުނެއެވެ.