ބެލްޖިއަމްގެ ސިޓީއެއް ކަމަށްވާ އެންޓްވާޕްގައި ދިރިއުޅެމުން އަންނަ ޖީން ވޭންގެ ގެއަށް ޕިއްޒާ ޑެލިވަރީ ކުރާ މައްސަލަ މިވަނީ ބޮޑުވެފައެވެ. އޭނާ ބުނެފައިވާގޮ ތުގައި، އެގެއަށް އޭނާ އޯޑަރު ނުކުރަނީސް ޕިއްޒާ ޑެލިވަރީ ކުރާތާ މިހާރު ނުވަ އަހަރުވީއެވެ.

ޖީން ބުނި ގޮތުގައި އެ ގެއަށް ޕިއްޒާ ޑެލިވަރީ ކުރަނީ އޯޑަރުކޮށްގެން ނުވީމަ، އެކަމާ އޭނާ މިހާރު ހުންނަނީ ބިރުގަނެފައެވެ. އެއް ދުވަހެއްގައި އެ ގެއަށް 14 ޕިއްޒާ ޑެލިވަރީ ކުރިކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

އުމުރުން 65 އަހަރުގެ ޖީން ބުނީ މީގެ ނުވަ އަހަރު ކުރިން ބެލް ޖަހާ އަޑަށް ދޮރު ކައިރިއަށް ދިއުމުން ހަވާލުވާން ޖެހުނީ ޕިއްޒާއަކާއެވެ.

"އަހަރެން ފުރަތަމަ ހީކުރީ އޮޅިގެން އޭނާއަށް ޑެލިވަރީ ކުރެވުނީ ކަމަށް.. ނަމަވެސް އެ ދުވަހުން ފެށިގެން އެގެއަށް އަބަދު ޕިއްޒާ އާދޭ." ޖީން ބުންޏެވެ.

ޖީން ބުނީ، މިގޮތަށް ޕިއްޒާތައް އެގެއަށް އަންނަނީ އެކި ޑެލިވަރީ އައުޓްލެޓްތަކުން ކަމަށެވެ.

"އެ ހަމަ އައިސްދާނެ ހަފްތާގެ މެދު ތެރޭގައި ވެސް، ހަފްތާ ބަންދުގައިވެސް، އެ ޑެލިވަރީ އަންނަން ވަކި ގަޑިއެއް ގަޑިއެއް ނޯވޭ. އަހަރެންނަށް އެއްރޭ ދޭއް ޖެހިއިރު ވެސް އައި ޑެލިވަރީއެއް" ޖީން ކިޔައިދިނެވެ.

ޖީން ބުނީ، 2019 ވަނަ އަހަރުގެ ޖެނުއަރީ މަސް ތެރޭގައި އެ ގެއަށް 10 މީހަކު ޕިއްޒާ ހިފައިގެން އައި ކަމަށެވެ. އަދި އެ ދުވަހު އެކަކުގެ އަތުގައި 14 ޕިއްޒާ އޮތް ކަމަށްވެސް އޭނާ ބުނެފައެވެ.

"އަހަރެންނަށް މިހާރު ނުނިދޭ، އަހަރެންނަށް ކޮންމެ ފަހަރަކު މަގުމަތިން ސްކޫޓަރުގެ އަޑެއް އިވިއްޖެނަމަ ހުންނަނީ ބިރުގަނެފައި. އަހަރެންން ހިތަށް އަރަނީ އަނެއްކާވެސް މީހަކު އައިސް ގެއަށް ޕިއްޒާއެއް ޑެލިވަރީ ކޮށްފާނެއޭ،" ޖީން ބުންޏެވެ.

ޖީން ބުނީ މިގޮތަށް އަންނަ ޑެލިވަރީތައް، ނެގުމެއް ނެތި ފޮނުވާލާ ކަމަށެވެ. އެހެންކަމުން އޭނާގެ އަތުން އެކަމަށް ފައިސާ ހަރަދު ނުވާ ކަމަށް އޭނާ ބުނެފައި ވެއެވެ. އަދި މި ޑެލިވަރީތަކުގެ ސަބަބުން، ކުންފުނިތަކަށްވެސް ގެއްލުން ވާނެ ކަމަށް ބެލެވޭ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ޖީންގެ އިތުރުން، އޭނާގެ ރައްޓެއްސަކަށްވެސް ދަނީ މިގޮތަށް ޕިއްޒާ ލިބެމުންނެވެ. ބައެއް ފަހަރު ދެ މީހުންނަށް އެއް ދުވަހެއްގައިވެސް ޕިއްޒާ ލިބެއެވެ.

އަދި މިއީ ދެމީހުން ދަންނަ މީހަކު ކުރާ ކަމެއް ކަމަށް ބެލެވޭ ކަމަށް ޖީން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު