އެމެރިކާގެ މަޝްހޫރު ބޮކްސިން ތަރި، މައިކް ޓައިސަން ބުނާގޮތުން ކުރިން އޭނާ އަންހެނުން ދެކޭ ގޮތާއި މިހާރުގެ ވިސްނުން ތަފާތެވެ. އަދި ކުރިން ކައިވެންޏެއް ކުރާއިރު، އަނބިންނަކީ ކިހައި މުހިންމު ބައެއްކަން އޭނާއަށް ތަސައްވުރެއް ނުކުރެވެއެވެ. ނަމަވެސް އެ ހުރިހާ ކަމެއް ބަދަލުވެގެން ދިޔައީ ތިންވަނަ އަތްބާއި ކައިވެނިކުރި ފަހުން ކަމަށް އޭނާ ވަނީ ބުނެފައެވެ.

އެމެރިކާގެ ޓީވީ ޝޯއެއްގައި ވާހަކަ ދައްކަމުން ޓައިސަން ވަނީ އޭނާގެ ދިރިއުޅުމުގެ ގިނަ ވާހަކަތައް ހާމަކޮށްފައެވެ. އެގޮތުން އޭނާގެ ދިރިއުޅުމަށް ދިރުން ގެނެސްދިނީ މިހާރުގެ އުމުރުން 43 އަހަރުގެ އަނބިމީހާ، ސްޕައިސަރ ކަމަށް ބުނެ ޓައިސަން ވަނީ އޭނާއަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ.

ޓައިސަން ބުނިގޮތުގައި ކުރިން އޭނާ ޤަބޫލުކުރާ ގޮތުގައި އަންހެނުންނަކީ ހަމައެކަނި ހިތްހަމަޖެހުމެއްގެ ގޮތުގައި ތިބޭ ބައެކެވެ. ނަމަވެސް ސްޕައިސަރ އާއި ދިމާވި ފަހުން އެއީ ކިހާ މުހިންމު ބައެއް ކަމާއި، އަންހެނުންނަކީ ދިރިއުޅުން ފުރިހަމަކޮށްދިނުމުގައި ގިނަ ގުރުބާނީތަކެއްވާ ބައެއްކަން އެނގިގެން ގޮސްފައިވާ ކަމަށް ޓައިސަން ވަނީ ބުނެފައެވެ.

"އަހަރެންގެ އަނބިމީހާ އާއި ނުލައި އަހަރެން އެއްވެސް މީހަކަށް ނުވާނެ. ޒުވާން އިރު ނުވިސްނުނަސް މިހާރު އަހަންނަށް އެކަން އެބަ އެނގޭ. އޭނާއަކީ އަހަރެންނަށް ދިރިއުޅުމުގައި ގިނަ ކަންކަން ދަސްކޮށްދީފައިވާ ހެޔޮ އަތްބެއް،" ޓައިސަން ބުނެފައި ވެއެވެ.

ސްޕައިސަރ އާއި ޓައިސަންގެ ކައިވެންޏަށް ކުރިން އޭނާ ކުރި ކައިވެނިތަކަށްވުރެ ގިނަ ދުވަސް ވެފައި ވާއިރު، އެމީހުންނަށް ދެ ދަރިންވެސް ލިބިފައި ވެއެވެ. މިއާއެކު މިހާރު ޓައިސަންގެ 6 ދަރިން ތިބެއެވެ. ޓައިސަން ސްޕައިސާ އާއި ކައިވެނިކޮށްފައި ވަނީ 2009 ވަނަ އަހަރު އެވެ.

ސްޕައިސާ އާއި ކައިވެނި ކުރުމުގެ ކުރިން އޭނާ އެންމެ ފުރަތަމަ ކައިވެނިކޮށްފައި ވަނީ އެމެރިކާގެ މޮޑެލް އަދި އެކްޓްރެސް ރޮބިން ގިވެންސް އާއެވެ. ޓައިސަން ރޮބިން ގިވެންސް އާއި ކައިވެނިކޮށްފައި ވަނީ 1988 އަހަރުއެވެ. ނަމަވެސް އޭގެ އަހަރެއްހައި ދުވަސް ފަހުން އެ ކައިވެނި ވަނީ ނިމުމަކަށް އައިސްފައެވެ. އެ ދެމީހުންނަށް ދެ ދަރިން ލިބިފައި ވެއެވެ.

ޓައިސަން ދެވަނައަށް ކައިވެނިކޮށްފައި ވަނީ ކުރިން ޓައިސަންއަށް ޚިދުމަތް ކުރަމުން ދިޔަ ޕެޑްރީޝަނެއް ކަމަށްވާ މޮނިކާ ޓާނާއެވެ. މޮނިކާ އާއި ޓައިސަން ކައިވެނިކޮށްފައި ވަނީ 1997 ވަނަ އަހަރުއެވެ. އެ ދެމީހުން ވަކިވީ 2003 ވަނަ އަހަރު އެވެ. މި ދެމީހުންގެ ކައިވެންޏަށް ވެސް ދެ ދަރިން ލިބިފައި ވެއެވެ.

ބޮކްސިން ކުޅުމުގައި މީގެ ކުރިން ރަން ވަނަތަކެއް ހޯދާފައިވާ ޓައިސަން އެ ކުޅިވަރު ކުޅެން ފަށާފައި ވަނީ 1985 ވަނަ އަހަރުއެވެ. އެއަށްފަހު އުމުރުން 20 އަހަރުގައި އޭނާ ވަނީ މުޅި ދުނިޔެއިންވެސް އެންމެ މޮޅު ބޮކްސިން ތަރިއަކަށް ވެފައެވެ. އޭނާ ބޮކްސިން ކުޅުން ހުއްޓާލީ 2005 ވަނަ އަހަރު އެވެ. ޓައިސަން އަށް މިހާރު 53 އަހަރު ވެއްޖެ އެވެ.