އިންޑިއާގެ މަދްޔާޕްރަދޭޝްގެ އިންޑޯރގައި ހޯމް އައިސޮލޭޝަންގައި ބަހައްޓައިގެން ފަރުވާދެމުންދިޔަ ކޮވިޑް-19 އަށް ފައްސިވި ހަތަރު އަހަރުގެ ކުއްޖަކު ބަލިން ރަނގަޅުވެއްޖެއެވެ.

އިންޑިއާގެ ހެލްތް މިނިސްޓްރީން ވަނީ ހޯމް އައިސޮލޭޝަން ޕްރޮގްރާމްގެ ނަމުގައި ގޭގައި ކޮވިޑް-19 ޖެހިފައިވާ މީހުންނަށް ފަރުވާދެވޭނެ ގޮތް ހަދާފައެވެ.

އެގޮތުން އެ ޕްރޮގްރާމްގެ ތެރެއިން 153 މީހަކަށް ގޭގައި އެ ބައްޔަށް ފަރުވާދީ ވަނީ ރަނގަޅުކޮށްފައެވެ. އޭގެ ތެރޭގައި އެ ކުއްޖާވެސް ހިމެނެއެވެ.

އެ ކުއްޖާގެ ބައްޕައާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އެ ކުއްޖާ ކޮވިޑް-19 އަށް ފައްސިވުމުން އެ މީހުންނަށް ލިބިގެން ދިޔައީ ބޮޑު ހައިރާން ކަމެކެވެ. އެއީ ގޭގައި އިތުރު އެއްވެސް މީހަކު އެ ބައްޔަށް ފައްސިވެފައިނުވުމުންނެވެ.

"އަހަރެން ކަމާއި ބެހޭ އޮތޯރިޓީތަކާއި ހިއްސާ ކުރިން އަހަރެން ބޭނުންވަނީ ދަރިފުޅު ހޮސްޕިޓަލަށް ނުގެންގޮސް ގޭގައި ފަރުވާދޭންށޭ". އެ ކުއްޖާގެ ބައްޕަ ބުނެފައި ވެއެވެ.

އެ ޕްރޮގްރާމްގެ ކޯޑިނޭޓަރ ޑރ ގަންގަރޭޑޭ ބުނީ، މެއި ފަސް ވަނަ ދުވަހުން ފެށިގެން މި ބަލި ޖެހިފައި ތިބި މީހުންގެ ތެރެއިން ބަލީގެ އަލާމަތްތައް ނުފެންނަ 253 މީހަކަށް މި ޕްރޮގްރާމްގެ ތެރެއިން ފަރުވާދީފައިވާ ކަމަށެވެ.

"މީގެ ތެރެއިން 153 މީހަކު ވަނީ ރަނގަޅުވެފައި، އޭގެ ތެރޭގައި 4 އަހަރުގެ އެ ކުއްޖާ އާއި 78 އަހަރުގެ އަންހެނަކުވެސް ހިމެނޭ"،

އިންޑިއާއަކީ ކޮވިޑް-19 ޖެހޭ މީހުންގެ އަދަދުތައް ކޮންމެ ދުވަހަކުވެސް އެތައް ގުނައަކުން އިތުރުވަމުން އަންނަ އެއް ގައުމެވެ.

ކިޔުންތެރިންގެ ހިޔާލު