ރީތީގެ ރަނީގެ ނަމުން ބޮލީވުޑްގައި މަޝްހޫރްވެގެންދިޔަ ކުޅަދާނަ އެކްޓްރެސް އައިޝްވާރިޔާ ރާއީ، މީސްމީޑިއާގެ އެޕެއް ކަމުގައިވާ އިންސްޓަގްރާމްގެ އެކައުންޓެއް ފުރަތަމަ ފަހަރަށް ހުޅުވައިފިއެވެ.

މީގެ ކުރިން އިންސްޓަގްރާމް ބޭނުންކޮށްފައި ނުވާ އައިޝްވާރިޔާ މިހާރު އިންސްޓަގްރާމް އެކައުންޓެއް ހުޅުވަން ގަސްތުކޮށްފައިވަނީ އޭނާގެ މަޝްހޫރުކަން ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުން ދިޔުމާއިއެކު ފޭނުންނަށް ޚަބަރުތަކުގެ އަޕްޑޭޓް ދިނުމަށާއި ފޭނުންނާއި އޮންނަން ޖެހޭ ގުޅުން ވަރުގަދަ ކުރުމަށް ކަމަށް ޚަބަރުތައް ބުނެއެވެ.

ނަމަވެސް އެކައުންޓެއް ހުޅުވި ކަމުގައިވިޔަސް އައިޝްވާރިޔާގެ އެކައުންޓް ވެރިފައި ނުވާތީއާއި އެކައުންޓްގެ ސައްހަކަން ޔަޤީން ނުކުރެވި، ގިނަ އަދަދެއްގެ ފޮލޯވަރުން މިހާރުވެސް ގެއްލިފައިވާ ކަމަށް ބުނެ އައިޝްވާރިޔާ މިވަނީ ނުރުހުން ފާޅުކޮށްފައެވެ.

މިހާތަނަށް އަދި އިންސްޓަގްރާމްގައި އައިޝްވާރިޔާ އޭނާގެ ފޮޓޯއެއް ހިއްސާ ކޮށްފައެއް ނުވެއެވެ. ނަމަވެސް އޭނާ ވަނީ ފިރިމީހާ އަބީޝެކް ބައްޗަންނާއި ދަރިފުޅު އަރާދިޔާގެ ފޮޓޯއެއް ހިއްސާކޮށްފައެވެ. ފުރަތަމަ ފޮޓޯއަށް ތިންހާހަށްވުރެ ގިނަ ފޮލޯވަރުން އޭނާއަށް ލިބިފައިވާއިރު، އޭނާއަށް ފޮލޯކުރާމީހުންގެ އަދަދު މިހާރު އުޅެނީ 94 ހާހަށްވުރެ މަތީގައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

ދާދިފަހުން ފިލްމު ފެސްޓިވަލް 2018 ގައި ފެނިލައިފައިވާ އައިޝްވާރިޔާ ދެން އެންމެ އަވަހަށް ބެލުންތެރިންނާއި ހަމައަށް ފެނިގެންދާނީ ރާޖް ކުމާރު ރާއޯގެ ފިލްމެއްގެ މަންޒަރަކުން އެކްޓަރު އަނިލް ކަޕޫރާއިއެކުގައިއެވެ.