ކަސްރަތަކީ ޖިސްމާނީ ގޮތުން ހަށިގަނޑު ދުޅަހެޔޮކުރުމަށް ކުރާ ކަމެކެވެ. އެހެންނަމަވެސް، އެކަމަކީ، ޖިސްމާނީ ގޮތުން ހަށިގަނޑު ދުޅަހެޔޮވުމުގެ އިތުރުން، ނަފްސާނީ ގޮތުންވެސް ހަށިގަނޑު ދުޅަހެޔޮކޮށްދޭ ކަމެކެވެ. ޑިޕްރެޝަން، އެންޒައިޓީ، ސްޓްރެސް ވުން އަދި މޫޑު ބަދަލުތަކުން ދުރުކޮށްދޭ ކަމެކެވެ.

ކޮންމެ ދުވަހަކުވެސް، ކަސްރަތު ކުރުން އެންމެ އެދެވިގެންވަނީ 30 މިނެޓާއި 60 މިނެޓު ކަމާމެދު، ކަމުގެ މާހިރުން ދެބަހެއް ނުވެއެވެ. އެހެންނަމަވެސް، އެންމެ 10 މިނެޓު ކަސްރަތުކޮށްލައިގެންވެސް، ނަފްސާނީ ގޮތުން އެތައް ފައިދާތަކެއް ކުރާކަމަށް އެކި ޖާނަލްތަކުގައި ކޮށްފައިވާ ދިރާސާތައް ހެކިވެއެވެ.

"ދަ ޖާނަލް އޮފް ހެޕިނަސް ސްޓަޑީޒް" ގައި ޝާއިޢުކޮށްފައިވާ ލިޔުމެއްގައި މިކަން ބަޔާންކޮށްފައިވާއިރު، މިކަމުގައި ވަކި ކަސްރަތެއް މޮޅު ކަމެއް، ހޯދިފައި ނުވާކަމަށް ނުވަތަ އެގޮތަށް ފާހަގަކުރެވިފައި ނުވާކަމަށްވެސް ބުނެފައިވެއެވެ. އެމީހަކު ކުރާހިތުން ކުރާ ކޮންމެ ކަސްރަތެއްވެސް، އެންމެ 10 މިނެޓަށް ކޮށްގެންވެސް، ނަފްސާނީ ގޮތުން ދުޅަހެޔޮވާކަމަށްވެސް ބުނެފައިވެއެވެ.

އެގޮތުން، އެއީ ދުވުމާއި ޖޮގިން އަދި ހިނގުންކަމުގައިވިޔަސް އަދި އެއީ ޔޯގާ އާއި ޖިމް ޖެއްސުންކަމުގައިވިޔަސް، އެކަމުގައި ތަފާތެއް ނެތްކަމަށް ބުނެފައިވެއެވެ.

ކޮންމެ ދުވަހަކު 10 މިނެޓުގެ އިތުރުން، ހަފްތާއަކު އެންމެ ދެ ފަހަރު ކަސްރަތުކުރާ މީހުންވެސް، އެނޫން މީހުންނާ އަޅާ ބަލާއިރު މާ އުފާވެރިކަމަށްވެސް، އެ ޖާނަލްގައި ބުނެފައިވެއެވެ.