ދިއްލީގެ ސިޓީ ހޮސްޕިޓަލަކުން ހަށިގަނޑުގެ ބަރުދަނުގެ ދެބައިކުޅަ އެއްބައި ބަރުދަން ހުރި ޓިއުމަރއެއް ނަގައިފިއެވެ. 50 ކިލޯ ގްރާމުގެ މި ޓިއުމަރ ނަގައިފައިވަނީ ނިއު ދިއްލީގެ 52 އަހަރުގެ އަންހެނެއްގެ ބިސްރަވަ (އޯވަރީ)އިންނެވެ.

ޑޮކްޓަރުން ބުނާ ގޮތުގައި މިއީ މިހާބޮޑު ޓިއުމަރ އެއް ނެގި ފުރަތަމަ ފަހަރެވެ. މީގެ ކުރިން އެންމެ ބޮޑު ޓިއުމަރއެއް ނަގާފައިވަނީ 2017 ވަނަ އަހަރެވެ. އެއީ 34 ކިލޯ ގްރާމުގެ ޓިއުމަރއެކެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެ މީހާގެ ހަށިގަނޑުގައި ޓިއުމަރެއް އުފެދިފައިވާކަން އެނގުމުގެ ކުރިން، ފާއިތުވި މަސްތަކުގެ ތެރޭގައި އޭނާގެ ބަރުދަން 106 ކިލޯއަށް އަރައިގެން އެކަމުގެ އުނދަގޫތަކުގައި އުޅެން ޖެހުނެވެ. އަދި އާދަޔާ ޚިލާފަށް ބަރުވެ، ހަށިގަނޑަށް ތަފާތު އުދަނގޫތައް ވާން ފެށުމުން ޑޮކްޓަރަށް ދެއްކީއެވެ. އަދި އެ ޑޮކްޓަރަށް ދެއްކުމުން ހާއްސަ ޑޮކްޓަރަކަށް ދެއްކުމަށް ލަފާދިން ކަމަށް އާއިލާއިން ބުނެފައިވެއެވެ.

އެންމެ ފުރަތަމަ ފާހަގަވި އަލާމާތްތަކަކީ ނޭވާލާން އުދަނގޫވުމާއި ދަށް ބަނޑުގައި ރިއްސުމާއި ހިނގުމާއި ނިދުމުގައި ތަފާތު އުދަނގޫތައް ކުރިމަތިވުމެވެ.

ޓެސްޓްތައް ހެދުމުން އެނގުނީ ރަހިމުގައި ޓިއުމަރއެއް ބޮޑުވަމުން އަންނަކަމެވެ. އެކަމުގެ ސަބަބުން ބަނޑަށް ތަދުވުމާއި ކާނާ ހަޖަމުކުރުމުގައި އުދަނގޫތަކާއި ކުރިމަތިވިއެވެ.

ސާޖަރީ ޑޮކްޓަރުންގެ ޓީމަކުން އޯގަސްޓް މަހުގެ 18 ވަނަ ދުވަހު 50 ކިލޯ ގްރާމުގެ ޓިއުމަރ ރަހިމުން ނަގާފައިވަނީ ތިން ގަޑިއިރާއި ތިރީސް މިނިޓް ވަންދެން ކުރި އޮޕަރޭޝަނަކުންނެވެ.

ޑރ. ޕްރަޝާދު ވިދާޅުވި ގޮތުގައި އޭނާގެ 30 އަހަރުގެ ކެރިއާރގައި މިހާބޮޑު ޓިއުމަރއެއް ނަގާފައި ނުވާކަމަށެވެ. އަދި މީގެއިތުރުން ފަހުގެ މެތަޑްތައް ބޭނުންކޮށްގެން ސާޖަރީ ކުރުމަށްވުރެ ކުރީގެ ގޮތްތައް ބޭނުންކޮށްގެން ސާޖަރީ ކުރުމަކީ ކާމިޔާބު ގޮތެއް ކަމަށް ވެސް ޑޮކްޓަރުންގެ ޓީމުން ފާހަގަކޮށްފައިވެއެވެ.

މި ސާޖަރީއަށްފަހު އަންހެންމީހާގެ ބަރުދަން 56 ކިލާ ގްރާމަށް ލުއިވިއެވެ. އަދި އޭނާގެ ހާލު ރަނގަޅުކަމަށް ވެސް ޑޮކްޓަރުން ފާހަގަކުރެއެވެ