އެމެރިކާގެ ރިޔާސީ ދެވަނަ ދައުރަކަށް ކުރިމަތިލައިގެން އުޅޭ އެޤައުމުގެ ރައީސް، ޑޮނަލްޑް ޓްރަމްޕްގެ އެއްބަނޑު އެއްބަފާ ދައްތަ، މެރިއޭން ޓްރަމްޕް ބެރީ، ޓްރަމްޕް އާއި މެދު ނުރުހުން ފާޅުކޮށް ވާހަކަ ދައްކައިފިއެވެ.

2018 ވަނަ އަހަރާއި 2019 ވަނަ އަހަރާއި ދެމެދު އެމެރިކާގެ ލިޔުންތެރިޔަކާއި ބައްދަލުކޮށް މެރިއޭން ދިން އިންޓަވިއުއެއްގައި ދައްކާފައިހުރި ގިނަ ވާހަކަތަކެއްގެ ރެކޯޑިން މިހާރު ލީކުވެ ދައުރުވަމުން ދާއިރު، އެ އޯޑިއޯގައި ޓްރަމްޕްގެ ނާގާބިލުކަމާއި ގުޅޭ ގިނަ ވާހަތަކައް މެރިއޭން ދައްކާފައި ވެއެވެ.

އިންޓަވިއުގައި މެރިއޭން ބުނެފައިވާ ގޮތުން އޭނާގެ ހަނގު ކޮއްކޮއަކީ ވެރިކަން ކުރުމަށް އެކަށީގެންވާ ވަރުގެ ޤާބިލް މީހެއް ނޫނެވެ. އެހެންކަމުން ވެރިކަމަށް ޓްރަމްޕް ގެނައުމަށް ތާޢީދެއް ނެތް ކަމަށާއި، އެފަދަ މަޤާމެއް ޓްރަމްޕް އާއި ހަވާލު ކުރުމަކީ ވިސްނުންތެރި ކަމެއް ނޫންކަމަށް އޭނާ ބުނެފައި ވެއެވެ.

ޓްރަމްޕް އަކީ ދޮގުވެރިއެއް ކަމަށާއި އޭނާއަށް އިތުބާރުކޮށްގެ ނުވާނެކަމަށް ބުނެ މެރިއޭން އިތުރަށް ބުނެފައި ވަނީ، ޓްވީޓާ މެދުވެރިކޮށް ޓްރަމްޕް ދައްކާ ގިނަ ވާހަކަތަކަކީ ވެސް އެއްވެސް ހަޤީޤަތެއްނެތް ވާހަކަތަކެއް ކަމަށެވެ. އަދި ވެރިކަމުގައި ހުރި އެފަދަ ދޮގުތައް ޓްރަމްޕް ހަދާތީ ކަންބޮޑުވާ ކަމަށް ވެސް މެރިއޭން ވަނީ ބުނެފައެވެ. މެރިއޭން ޤަބޫލުކުރާ ގޮތުން ޓްރަމްޕް އަކީ ނަފްސާނީ މައްސަލަވެސް ހުރި މީހެކެވެ.

މެރިއޭން ބުނެފައިވަނީ، އޭނާ ޓްރަމްޕް އާއި މެދު ނުރުހޭ ގިނަ ސިފަތައް ޓްރަމްޕްގެ ފަރާތުން ފެނިފައިވާ ކަމަށެވެ. އެގޮތުން އޭނާ އަމިއްލަ މަސައްކަތުން ހާސިލްކުރާ ކާމިޔާބީތަކުގެ ހުރިހާ "ކްރެޑިޓެއް" ވެސް ޓްރަމްޕް ނަގަން މަސައްކަތްކުރާ ކަމަށް މެރިއޭން ވަނީ ތުހުމަތުކޮށްފައެވެ. އަދި އާއިލާގެ ހުރިހާ މެމްބަރުންގެ ރުހުން އޮތް ކަމަށް ބުނެ ޓްރަމްޕް ދައްކާ ވާހަކައަކީވެސް ހަޤީޤަތެއްނެތް ވާހަކަތަކެއް ކަމަށް މެރިއޭން ބުނެފައި ވެއެވެ.

މީގެ ކުރިން އެމެރިކާގެ އެޓާނީ ކަމާއި، އެޤައުމުގެ ފަނޑިޔާރުކަން ވެސް ކޮށްފައިވާ މެރިއޭންގެ މިވާހަކަތައް ލީކުވެފައި މިވަނީ ޓްރަމްޕް އާ ދައުރަކަށް އިންތިޚާބު ވުމަށްޓަކައި ވަރުގަދައަށް ކެމްޕެއިން ކުރަމުންދާ ދަނޑިވަޅެއްގައެވެ. އެހެންކަމުން މިކަމުން އޭނާއަށް އޮތް ތާއީދު ވަރަށް ބޮޑަށް ދަށްވެގެންދާނެ ކަމަށް ވަނީ ބެލެވިފައެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބު އޮންނާނީ އަންނަ ނޮވެމްބަރު މަހުގެ ތެރޭގައެވެ. ޓްރަމްޕް އާއި އެންމެ ވާދަވެރިކޮށް މި އިންތިޚާބުގައި ވާދަކުރައްވާނީ އެގައުމުގެ ކުރީގެ ނައިބު ރައީސްކަން ކުރެއްވި ޖޯ ބައިޑަން އެވެ. މިފަހަރުގެ އިންތިޚާބު ކުރިމަތިވިއިރު އެމެރިކާގެ ސިޔާސީ މަޝްރަހު ވަރަށް ބޮޑަށް ހޫނުވެފައި ވުމާއެކު ޓްރަމްޕް އެޑްމިނިސްޓްރޭޝަނާއި މެދު ގިނަ ބައެއްގެ ނުރުހުންވުން އެބަ އޮތެވެ. އޭގެތެރޭގައި އެޤައުމުގެ ސިޔާސީ އަދި ނުފޫޒުގަދަ ބޭފުޅުންނާއި، ކުރީގެ ރައީސުންވެސް ހިމެނެއެވެ. އެހެންކަމުން މި އިންތިޚާބުގައި ޓްރަމްޕް އަށް ބޮޑު ނާކާމިޔާބީއަކާއި ކުރިމަތިލާން ޖެހޭނެ ކަމަށް ވަނީ ބެލެވިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ދައްތަ ކާރީބުނޭ، އަނގަ މަޑުންލައިގެން ހުންނާށޭ.

    5
    31
  2. އަހުމަދު

    ތީ ހަމަ އަންނި. ބޮޑުތަނުން މިފަހަރު ފައިލްވާނެ!!

    48
    1