ހަލުވިކަމާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ގެ ބަލިމަޑުކަމުގައި އަދިވެސް ނޭނގޭ ގިނަ ކަންކަން ހުރި ކަމަށާއި، މިއީ ދުނިޔެއަށް އާ ބައްޔެއް ކަމުން ހޯދަންޖެހޭ މަޢުލޫމާތުތައް ގިނަ ކަމަށް، އެމެރިކާގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެލާޖީ އެންޑް އިންފެކްޝިއަސް ޑިޒީޒެސްގެ އިސް ތަޖުރިބާކާރު، ޑރ. އެންތަނީ ފައުޗީ ވިދާޅުވެއްޖެ އެވެ.

ވޮޝިންޓަނުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޑރ. ފައުޗީ ވިދާޅުވީ، ކޮވިޑް-19 ގައި ނޭނގޭ އެތައް ކަމެއް ހުންނާނެ ކަމަށް ޤަބޫލު ކުރެވޭއިރު، ހީވެސް ނުކުރާފަދަ ނުރައްކާތަކާއި މި ބަލިމަޑުކަން ގުޅިފައި ވެދާނެ ކަމަށެވެ. ނަމަވެސް މި ބަލިމަޑުކަން ދުނިޔެއިން ފެނުނު ފަހުން މިހާތަނަށް ކުރެވުނު ދިރާސާތަކުގައި ބޮޑެތި ކުރިއެރުންތައް ލިބިފައިވާކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ޑރ. ފައުޗީ ވިދާޅުވީ، މިފަދަ ބޮޑު ބަލިމަޑުކަމެއްގައި ހޯދަން ޖެހޭ މަޢުލޫމާތުތައް މަދު ދުވަސްކޮޅެއްގެ ތެރޭގައި އެއްކޮށް، ވައިރަސްގެ ހަޤީޤަތް މުޅީން ދެނެގަތުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. މިގޮތުން މި ވައިރަސް އާއި ގުޅިގެން އެނގެން ޖެހޭ ކަންކަން ހޯދުމަށް އެތައް މަހެއް ހޭދަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮވިޑް-19 ގެ ނުރައްކާ އިންތިހާއަށް ބޮޑުވެފައިވާ މި ދަނޑިވަޅުގައި ވެސް ބަލީގެ އިތުރު ހޯދުންތައް ހޯދުމުގެ މަސައްކަތް ކުރިޔަށްގެންދާކަން ހާމަކޮށް ޑރ. ފައުޗީ އިތުރަށް ވިދާޅުވެފައި ވަނީ ފަހުގެ ހޯދުންތަކުން، ކުރީގައި މި ބައްޔާއި ގުޅިގެން ޤަބޫލުކުރެވިފައިވާ ޤަބޫލުކުރެވުންތަކަށް އަދިވެސް ބަދަލު އައުން އެކަށީގެންވާ ކަމަށެވެ.

ޑރ. ފައުޗީ ވިދާޅުވިގޮތުގައި، މިއަދާއި ހަމައަށްވެސް ކޮވިޑް-19 ފެތުރޭ ގޮތާއި، ބަލީގެ އަލާމާތްތަކާއި ބަލީގެ އަސަރު މީހުންނަށް ކުރާ ގޮތާއި ގުޅޭ އިތުރު ދިރާސާތައް ދަނީ ކުރެވެމުންނެވެ. އެހެންކަމުން ކުރިން ނޭނގޭ ގިނަ މަޢުލޫމާތުތައް ކުރިޔަށް އޮތްތާ މި ބަލިމަޑުކަމާއި ގުޅޭގޮތުން ހާމަވެގެންދާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ކޮވިޑް-19 ގެ ހާލަތު ދުނިޔޭގައި ދުވަހެއް ދުވަހަކަށް ގޯސްވެ، ނުރައްކާ އިންތިހާއަށް ބޮޑުވަމުން އަންނައިރު މިހާތަނަށް މި ބައްޔަށް ފަރުވާއެއް ނުވަތަ ކާމިޔާބު ވެކްސިނެއް އުފެއްދި ބޭނުންކުރެވެން ފެށިފައެއް ނުވެއެވެ. ނަމަވެސް ދުނިޔޭގެ ކުރިއަރާފައިވާ ބައެއް ޤައުމުތަކުން ވެކްސިން އުފެއްދުމަށް ކުރަމުންދާ މަސައްކަތްތަކަށް މިހާތަނަށް ބޮޑެތި ކާމިޔާބީތައް ލިބިފައި ވެއެވެ.

މިހާތަނަށް ދުނިޔެއިން ކޮވިޑް-19 އަށް ފައްސިވީ މީހުންގެ އަދަދު 24 މިލިއަނަށް އަރާފައި ވާއިރު، އޭގެތެރެއިން 822,000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. މި ބަލިން މިހާތަނަށް ރަނގަޅުވެފައި ވަނީ 16.5 މިލިއަން މީހުންނެވެ. ތަޖުރިބާކާރުން ޤަބޫލުކުރާގޮތުން ބަލި ފެތުރުމަށް ހިފެހެއްޓުމެއް އަންނާނީ ވެކްސިނެއް ބޭނުންކުރެވެން ފެށުމުންނެވެ. އެފަރާތްތަކުން ލަފާކުރަނީ، އަންނަ އަހަރުގެ ކުރީކޮޅު މި ބައްޔަށް ދުނިޔޭގައި ވެކްސިނެއް ބޭނުންކުރެވެން ފެށޭނެ ކަމަށެވެ.