ފިނިމޫސުމާއިއެކު ކޮވިޑްގެ ނުރައްކާތެރި ވޭރިއަންޓެއް އަތުވެދާނެ ކަމުގެ އިންޒާރު އެމެރިކާގެ ތަޖުރިބާކާރު ޑރ.އެންތަނީ ފައުޗީ ދީފިއެވެ.

ކޮވިޑްގެ ހާލަތު ދުނިޔޭގެ ގިނަ ގައުމުތަކުގައި މިހާރު ވަނީ ރަނގަޅު ވެފައެވެ. ކޮވިޑް ޖެހޭ މީހުންނާއި ކޮވިޑްގައި މަރުވާ މީހުންގެ އަދަދު ވެސް މިހާރު މަދެވެ. ނަމަވެސް ޑިސެމްބަރ މަހު ހުޅަނގުގެ ގައުމުތަކަށް ފިނި މޫސުން ފެށުމާއިއެކު ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވެ، ނުރައްކާތެރި ވޭރިއަންޓެއް އުފެދުން އެއީ ސަޕްރައިޒަކަށް ނުވާނެ ކަމަށް ޑރ.ފައުޗީ ވިދާޅުވެއެވެ.

"އާވެރިއަންޓެއް ފެނިގެން ހިނގައިދާނެ ކަމަށް އަހަރެމެން އެންމެން ވެސް ތައްޔާރަށް ތިބެން އެބަޖެހޭ. ކޮވިޑް ޖެހިފައި ތިބި މީހުން ނޫންނަމަ ވެކްސިން ޖަހައިގެން ދިފާއީ ނިޒާމް ކޮވިޑް ވައިރަހާއި ދެކޮޅަށް ތައްޔާރު ކުރަން ޖެހޭ." ޑރ.ފައުޗީ ވިދާޅުވިއެވެ.

ޑރ.ފައުޗީ ވިދާޅުވީ މީގެ ކުރިން ވެސް ކޮވިޑް ކޮންޓްރޯލް ކުރަން ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ އޮމިކްރޯން ވޭރިއަންޓް ކަމަށެވެ. ކޮވިޑްގެ އޮރިޖިނަލް ވޭރިއަންޓް ނުވަތަ ފުރަތަމަ ފެތުރުނު ކޮވިޑަށް ވުރެ އޮމިކްރޯން ފެތުރުން އަވަސް ވުމުން ބަލި ކޮންޓްރޯލް ކުރަން ދަތިވިއެވެ. އަދި ކޮވިޑްގައި މަރުވި މީހުންގެ އަދަދު އިތުރުވިއެވެ.

ތަފާސް ހިސާބަށް ބަލާއިރު އެމެރިކާގައި ވެސް ކޮވިޑްގައި މަރުވާ މީހުންގެ އަދަދު މިހާރު ވަނީ ކޮވިޑް ފެތުރެން ފެށިފަހުން ދަށަށް ނުދާ މިންވަރަކަށް ދަށަށް ގޮސްފައެވެ. ފާއިތުވި ހަތް ދުވަހުގެ ތަފާސް ހިސާބަށް ބަލާއިރު ކޮވިޑް ޖެހިގެން އެމެރިކާގައި ދުވާލަކު މަރުވި މީހުންގެ އެވްރެޖް އަދަދަކީ 323 އެވެ. ނަމަވެސް މިދިޔަ ފެބްރުއަރީ މަހާއި މާޗް މަހު އެއަދަދު ހުރީ 1000 އާއި 2500 އާއި ދެމެދުގައެވެ.

ކޮވިޑް ކޮންޓްރޯލް ކުރަން އެމެރިކާއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ވެކްސިން ޖަހަން ގިނަ ބަޔަކު ދެކޮޅު ހަދަމުން ދިއުން ކަމަށް އެމެރިކާގެ ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވެއެވެ.