އެމެރިކާގެ ނޭޝަނަލް އިންސްޓިއުޓް އޮފް އެލާޖީ އެންޑް އިންފެކްޝަސް ޑިސީސްގެ ޑިރެކްޓަރ ކަމާއި އަދި އެމެރިކާ ރައީސް ޖޯ ބައިޑެންއަށް ލަފާ އަރުވާ ޗީފް މެޑިކަލް އޮފިސަރުގެ މަގާމުގެ ހުރި ޑރ.އެންތަނީ ފައުޗީ އެމެރިކާ ސަރުކާރުން ވަކިވާން ނިންމިކަން އިއުލާން ކޮށްފިއެވެ.

އާއްމުންނަށް ޑރ.ފައުޗީ އެންމެ ބޮޑަށް އެންގެން ފެށީ ކޮވިޑް-19 ފެތުރެން ފެށި ހިސާބުންނެވެ. ނަމަވެސް އެމެރިކާގެ ސިއްހީ ދާއިރާގެ ސިޔާސަތުތައް އެކަށައަޅައި، މުހިއްމު ނިންމުންތައް ނިންމާ އެންމެ އިސް މީހާގެ މަގާމު އޭނާ އަދާކުރަމުން އަންނަތާ މިހާރު 40 އަހަރުވާން ވަނީ ކައިރިވެފައެވެ.

ޑރ.ފައުޗީ މިރޭ ދެއްވި ބަޔާނެއްގައި ވިދާޅުވީ ނޭޝަނަލް އިންސްޓިއުޓް އޮފް އެލާޖީ އެންޑް އިންފެކްޝަސް ޑިސީސްގެ ޑިރެކްޓަރުގެ މަގާމުން އޭނާ އިސްތިއުފާ ދޭން ނިންމާފައިވާ ކަމަށެވެ. މަގާމުން ވަކިވާނީ އަންނަ ޑިސެމްބަރ މަހުގައި ކަމަށް ވެސް އޭނާ މިރޭ ވިދާޅުވިއެވެ.

އުމުރުން މިހާރު 81 އަހަރުގެ ޑރ.ފައުޗީ ނޭޝަނަލް އިންސްޓިއުޓް އޮފް އެލާޖީ އެންޑް އިންފެކްޝަސް ޑިސީސްގެ ޑިރެކްޓަރު ކަމުގެ މަގާމަށް އައްޔަން ކުރީ މީގެ 38 އަހަރު ކުރިން އޭރު އެމެރިކާގެ ރައީސް ކަމުގައި ހުންނެވި ރޮނަލްޑް ރޭގަން އެވެ. އެއީ އެޗްއައިވީ/އެއިޑްސް ފެތުރި، އެމެރިކާ ސަރުކާރަށް އެބައްޔާއި ދެކޮޅަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައި އޮތް ދުވަސްވަރެކެވެ.

އެޗްއައިވީގެ އިތުރުން އެބޯލާ އާއި ޒިކާ ވައިރަސް ކޮންޓްރޯލް ކުރުމަށް ވެސް ޑރ.ފައުޗީ ގިނަ މަސައްކަތްތަކެއް ކުރިއެވެ. އަދި ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ވެސް އޭނާ ގިނަ ރޭވުންތަކެއް ރާވައި، ގިނަ ނިންމުންތަކެއް ނިންމިއެވެ. ނަމަވެސް ކޮވިޑް ފުރަތަމަ ފެތުރެން ފެށިއިރު އެމެރިކާގެ ރައީސް ކަމުގައި ހުންނެވި ޑޮނަލްޑް ޓްރަމްޕް އާއި ޑރ.ފައުޗީގެ ހިޔާލު ގިނަ ކަންކަމުގައި ވަރަށް ބޮޑަށް ތަފާތުވިއެވެ.

ޑރ.ފައުޗީ ވިދާޅުވީ އެމެރިކާ ސަރުކާރުގެ ވަޒީފާ އިން އޭނާ ވަކިވި ނަމަވެސް އަދި ރިޓަޔާ ކުރަން ނިންމާފައި ނުވާކަމަށެވެ.