ރޭގަނޑުވުމުން ދިއްލޭ ގަސްތަކެއް ސައިންސްވެރިން ކާމިޔާބުކަމާއެކު ހައްދައިފިއެވެ.

"ބަޔޮލޫމިންސައިންސް" ގެ ނަމުން ނަންދެވިފައިވާ ސައިންސްގެ ޒަރިއްޔާއެއް މެދުވެރިކޮށް ހައްދާފައިވާ މި ގަސްތަކަށް ރޭގަނޑު އަލިކަން ލިބެނީ، އެކަމަށް ޚާއްސަ ދިރޭ ބައިތަކެއް ނުވަތަ އޯގަނިޒަމްއެއްގެ އެހީގައެވެ. މި ބައިތަކުގެ ސަބަބުން ގަސް ހެދެން ފަށާއިރުން ފެށިގެން މަރުވަންދެން އެއިން އަލިކަން ފަނޑުނުވެ ހުންނާނެ ކަމަށް ސައިންސްވެރިން ބުނެއެވެ.

މިކަމާއި ގުޅޭ ހޯދުންތަކަށްފަހު ސައިންސްވެރިން ބުނެފައިވަނީ، މިފަދަ އަލިކަމެއް ގެނުވައިދޭ "ޖީން" ބައެއް ކަހަލަ މަޝްރޫމް ގަސްތަކަށްވެސް ލިބިފައި ވެއެވެ. އާދައިގެ އެހެން ގަސްގަހަށްވެސް މި ސިފަ ގެނެސްދޭނެ ގޮތެއް ހޯދާފައި މިވަނީ މި ޖީން ނަގައި ދިރޭ ގަހެއްގައި އިންދައިގެން ކަމަށް އެފަރާތްތަކުން ބުނެފައި ވެއެވެ.

އެހެން ލޫމިންސައިންސް ޓެކްނޮލޮޖީތަކާއި ޚިލާފަށް ގަސްގަހާއި އޭގެ ފަތްތައް، ދިރުން ހުރިހައި ހިނދަކު ދިއްލޭ މި ބަޔޮލޫމިންސައިންސް އަކީ އެއްވެސް ކެމިކަލެއް ނުވަތަ އެފަދަ މާއްދާއެއް ބޭނުން ނުކޮށް މިބަދަލު ގެނެސްދޭނެ ގޮތެއް ކަމަށް ސައިންސްވެރިން ބުނެއެވެ. އެހެންކަމުން މި ޒަރިއްޔާއިން ހައްދާ ގަސްތަކަށް އެކަމުގެ ސަބަބުން އެއްވެސް ގެއްލުމެއް އަދި ނޭދެވޭ އަސަރެއް ނުކުރާނެ ކަމަށް އެފަރާތްތަކުން ބުނެއެވެ.

"މި ހޯދުންތަކާއެކު ގަހެއް ހެދިބޮޑުވަމުން އަންނަ ގޮތާއި ފެން ނުލިބި ގަސް މޯޅިވާން ފެށުމުން އަދި މަރުވާން ކައިރިވުމުން ވެސް ދެނެގަނެވޭ. މިފަދަ ހާލަތެއްގައި ގަސް ދިއްލިފައި ހުންނަ ހުރުމަށް ބަދަލު އަންނާނެ، ނުވަތަ އޭގެ އަލިކަމަށް ފަނޑުކަން އަންނާނެ. އެއީ އެ އަލިކަން ގެނުވައިދެނީވެސް ގަހާއި އެކުގައިވާ ދިރޭ އޯގަނިޒަމްތަކެއްގެ ޒަރިއްޔާއިން ކަމަށްވާތީ،" ދިރާސާވެރިއަކު ބުނެފައި ވެއެވެ.

ސައިންސްވެރިން ބުނެފައިވަނީ މި ހޯދުންތަކާއެކު ގަސްގަހުގައި އަޅާ މަލާއި އޭގެ ފަތްތައްވެސް ދިއްލޭ ގޮތަށް ބަދަލު ގެނެވޭނެ ކަމަށެވެ. އެހެންކަމުން ކުރިޔަށް އޮތްތަނުގައި މިކަމާއި ގުޅިގެން ކުރާ މަސައްކަތްތައް އިތުރަށް ފުޅާކޮށް، ފިނިފެންމާ ފަދަ މާތައް ދިއްލޭނެ ގޮތެއް ހޯދުމުގެ މަސައްކަތް ކުރަމުންދާނެ ކަމަށް އެފަރާތްތަކުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ގަސްތަކުން ދިއްލޭ އަލީގެ ކުލަ ބަދަލުވާގޮތާއި ވިދާ ގޮތްތަކަށްވެސް މި ޒަރިއްޔާގެ އެހީގައި ބަދަލު ގެނެވިދާނެ ކަމަށް އެފަރާތްތަކުން ޤަބޫލުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އެމަންޖެ

    ތިޔަ ހޯދުންތައް ބޭނުން ކޮއްގެން ކެނެރީގޭ ބުއްޅަބޭ ދިއްލާ ލެވީއްޖާ ވަރައް އުފާވާނެ.

    62
    9
    • ދޮނާ

      ޑޮކްޓަރ އަކަށް ދައްކާ......

      10
      2
  2. އަލްޖެބްރާ

    އަހަރެމެންނަށް މާ ކުރީގައި ވެސް އެނގިފައި އޮތް ކަމެއް

    16
    30
  3. ނޭޗަރ

    ބަޔޮލޫމިންސައިންސްއަކީ ރާއްޖޭގެ ކަނޑުތަކުގެ އައްސޭރިފަށުގައިވެސް އުޅޭ އޯގަނިޒަމްއެއް.

    14