ގިނަބައެއްގެ މަޤުބޫލުކަން ހޯދާފައިވާ ސްޕެނިޝް ސީރީޒް، "މަނީ ހީސްޓް" ގެ އިންޑިއާ ވާޝަނެއްގެ މަސައްކަތް ފަށަން އުޅޭ ކަމުގެ އަޑުތައް ފާއިތުވެދިޔަ ދުވަސްތަކުގައި ވަނީ ފެތުރިފައެވެ. އިންޑިއާގައި ވެސް ބޮޑު ތަރުޚީބެއް ލިބިގެންދިޔަ މި ސީރީޒްގެ އިންޑިއާ ރީމޭކެއް އުފެއްދުމަށް އެޤައުމުގެ މަޝްހޫރު ތަރިންވެސް ބޭނުންވެ އެވެ.

މިގޮތުން ދާދިފަހުން އިންޑިއާގެ ޗެނަލަކުން "މަނީ ހެއިސްޓް" ގެ ޑައިރެކްޓަރ، އެލެކްސް ރޮޑްރިގޯ އާއި ކުރި އިންޓަވިއުއެއްގައި އޭނާ ވަނީ އިންޑިއާއިން މި ސީރީޒްއަށް ލިބެމުންދާ ތަރުޚީބު ފާހަގަކޮށް އެކަމަށް ޝުކުރު އަދާކޮށްފައެވެ.

މި އިންޓަވިއުގައި، ސީރީޒްގެ އިންޑިއާ ވާޝަނެއް އުފައްދާނަމަ ސީރީޒްގެ ރޯލްތަކާއި އެންމެ ގުޅޭ ތަރިން އިޚްތިޔާރު ކުރުމަށް ރޮޑްރިގޯ އަށް ފުރުސަތު ދީފައި ވެއެވެ. އިންޑިއާގެ ގިނަ އަދަދެއްގެ ފިލްމް ސްޓާރުންގެ ފޮޓޯ ދައްކާލުމަށްފަހު ޕްރޮފެސަރގެ ރޯލާއި އެންމެ ގުޅޭ ތަރިއަކީ ކޮބައިތޯ އެހުމުން އޭނާ ބުނެފައި ވަނީ، އެ ރޯލާއި އެންމެ ގުޅެނީ މަޝްހޫރު ޓެމިލް އެކްޓަރ، ވިޖޭ ކަމަށެވެ.

"މަނީ ހެއިސްޓް"ގެ އިންޑިއާ ވާޝަނެއް ފެނިދާނެ ކަމަށް ބުނާ އަޑުތައް ފެތުރެމުންދާއިރު، މި ސީރީޒް ނުވަތަ ސީރީޒްގެ މައްޗަށް ބިނާކުރާ ފިލްމެއްގައި ޕްރޮފެސާގެ ރޯލު ކުޅެން ބޭނުންވާކަން ބޮލީވުޑްގެ ތަރި އަޔޫޝްމަން ކުރާނާ ވެސް ވަނީ ހާމަކޮށްފައެވެ. އަދި އެފަދަ ފުރުސަތަކަށް އިންތިޒާރުގައި ހުރި ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

2017 އިން ފެށިގެން ނެޓްފްލިކްސްއި ގެނެސްދޭންފެށި ކްރައިމް ޑްރާމާ "މަނީ ހެއިސްޓް" އަކީ "ޕްރޮފެސަރު"ގެ ދަޢުވަތަކަށް ކުއްވެރިތަކެއް ޚާއްސަ ތަމްރީނުތަކެއް ހަދައިގެން، ބޭންކަކުން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގުމަށް ކުރާ މަސައްކަތުގެ މައްޗަށް ބިނާކޮށް ހަދާފައިވާ ޝޯއެކެވެ. ޝޯގައި ފެނިގެންދަނީ، ގިނަ އަދަދެއްގެ ރަހީނުންނާއެކު ބޭންކުގައި ތަޅުލެވިގެން ތިބެ، އެމީހުން ބޭނުންވާ އަދަދަށް ފައިސާ ޗާޕު ކުރުމަށް ކުރާ މަސައްކަތާއި މިގޮތުން މަސައްކަތްކުރާ ކުރުމުގައި ދިމާވާ ހާދިސާތަކެވެ.

މި ސީރީޒްގައި މިހާތަނަށް ނެރެފައި ވަނީ ހަތަރު ބައެވެ. މި ސީރީޒްގެ ފަސްވަނަ ބައެއް އަންނަ އަހަރު ފެނިގެން ހިނގައިދާނެ ކަމުގެ އަޑުތަކެއް ވެސް ވަނީ ފެތުރިފައެވެ.