ނޯޓު: މިއީ މަދުން ނަމަވެސް އަހަރުމެންގެ މިރާއްޖޭގައި ތުއްތުކުދިން ގޮވައިގެން ދެމަނާދު ދޭތެރޭގައި އަދި ޖިންނި ޝައިތާނުން އެންމެ ގިނަވާ ވަގުތުތަކުގައި ބޭރަށްގޮސް އުޅޭ މައިންބަފައިންނަށް ޙާއްސަކޮށްގެން ގެނެސްދޭ ހިޔާލީ ވާހަކައެކެވެ.

ކުޑަކޮށް ވިއްސާރަ ދުވަހެކެވެ. އަހަރެމެން ތައްޔާރުވަމުން ދިޔައީ ހުޅުމާލެއަށް ދަތުރު ދިޔުމަށެވެ. ކުދިވެރިންނާއެކު މަޖާކޮށްލައި ބޭރަށް ނުދެވޭތާ ފުދޭވަރަކަށް ދުވަސް ވުމުން ހުރިހާ ކުޑަކުދިންތައް ގޮވައިގެން ދިޔުމަށް ހަމަޖެއްސީ އެންމެންގެވެސް ތާއީދާއެކުގައެވެ. އަހަރެންގެ ޢާއިލާއަކީ ފުދޭވަރަކަށް ތުއްތުކުދިން ގިނަ ޢާއިލާއެކެވެ. އަހަރެންގެ އެއްބަނޑު އެއްބަފާ ތިބެނީ ދެ ފިރިހެން ކުދިންނާއި އަހަރެން ލައިގެން ދެ އަންހެން ކުދިންނެވެ. އަހަރެމެން ކޮންމެ މީހަކުވެސް މީހުންނާ އިނދެގެންވަނީ ކުދިން ލިބިފައެވެ. އެންމެ ފަހުން ކުއްޖެއް ލިބުނީ އަހަރެންގެ ބޭބެއަށެވެ. ބޭބެއަށް އެންމެ ފަހުން ލިބުނު ކުއްޖާއަށް އަދި ވީ އެންމެ އަހަރެކެވެ. ދެން ހުންނާނީ ހަތަރު އަހަރުގެ ކުޑަ ފިރިހެން ކުއްޖެކެވެ. އަހަރެންގެވެސް ތިން އަހަރަށްދާ އަންހެން ކުއްޖެއް ހުންނައިރު އަހަރެންގެ ކޮއްކޮ ހަސީނާގެވެސް ހުންނަނީ ތިންއަހަރަށްދާ ކުއްޖެކެވެ. ކޮންމެއަކަސް ކުދިވެރިންގެ ސާމާނުތައް ތައްޔާރުކޮށް ނިމިގެން ސިޓިންގްރޫމަށް ނުކުތްއިރު މަންމައާއި ބައްޕަތިބީ ޓީވީން ގެނެސްދޭ ޕްރޮގްރާމަކަށް ގެއްލިފައެވެ. އަހަރެމެންނާއެކު ބައިވެރިނުވުމަށް މާކުރީއްސުރެން މަންމަމެން ތިބީ ނިންމައިގެންނެވެ.

"ދެން މަންމާ، ހިނގާބަލަ. ކިހާ މަޖާވާނެ" އަހަރެންގެ ކޮއްކޮ ޗުސްތަޅުވައިގަތެވެ.

"ކީއްކުރަންހޭ ދާންވީ. ތިއެންމެން ދޭބަލަ. މަންމަ ބުނެފީމެންނު މަންމަ އެހާ ހިތްހަމަ އެއް ނުޖެހެޔޭ ތިޔަ ކުޑަ ކުދިންތައް ގޮވައިގެން އިރުއޮއްސޭ އިރަށް މޫދަށް އެރެން ދާކަށް" މަންމަ މޫނު ފުސްކުރަމުން އަހަރެމެންނަށް ބަލާލިއެވެ.

"ބައްޕަވެސް ނުދާނަން. ދަރިފުޅުމެން ތިހާ ދާ ހިތްވަންޏާ ދޭ. އެކަމަކު ހަނދާންކުރާތީ. ބާބެކިޔުއެއް އެހެން ކިޔުއެއް ނުނިމުނަސް ހެޔޮ. ހަޔެއްޖަހާއިރަށް ކުދިވެރިން ގެސްޓު ހައުސްއަށް ވައްދަން ޖެހޭނެ" ބައްޕަގެ އަމުރަށް އެންމެން ކިޔަމަންވާންވެގެން ބޯ ޖަހާލާފައި ގެއިން ނުކުތީމެވެ.

ފެރީއަށް އަރައިގެން ހުޅުމާލެއަށް ދެވުނުއިރު ހަވީރު ހަތަރެއްޖަހައި ބޮޑުވެއްޖެއެވެ. ގެނައި ސާމާނުތައް ކުއްޔަށް ހިފާފައިވާ އެޕާޓްމަންތަށް ގެންގޮސް ކުދިވެރިން ފެންވަރުވައި ތައްޔާރުކުރުމަށްފަހު އަހަރެމެން އެންމެން މިސްރާބުޖެހީ ކައިރީގައިވާ ބާބެކިޔު ހަދާ ސަރަހައްދާ ދިމާލަށް ދިޔުމަށެވެ. އަހަރެމެން ކޮޓަރިއެއް ކުއްޔަށް ހިފީ ހުޅުމާލޭގައި އެންމެންވެސް މޫދަށް އެރޭ ހިސާބުގައި ހުންނަ ގެސްޓް ހައުސްއަކުންނެވެ. މާކަ ދުރަކަށް ހިނގާކަށް ނުޖެހެއެވެ. ބާބެކިޔު ހަދާ ސަރަހައްދަށް އާދެވުނެވެ. ފިރިހެންވެރިންތައް އުޅެގަތީ ކުދިން ބައިތިއްބަން ޓެންޓު ޖަހާށެވެ. ދެ ޓެންޓު ޖެހިޖެހިގެން ބެހެއްޓުމުން ހުރިހާ ކުދިވެރިން އޭގެ ތެރެއަށް ވަދެ ކުޅުމާއިގެން މަޝްޢޫލްވެގަތެވެ. ފަހެއް ޖަހަންވާއިރަށް ސޮސެޖާއި ކުކުޅާއި މަސްފަދަ ބާވަތްތަކުގައި މިރުސްލައި ހުރިހާ ކަމެއް ނިމިއްޖެއެވެ. ދެން އޮތީ އެ ފިހުމުގެ މަސައްކަތެވެ. އެކަން ފިރިހެންވެރިންނަށް ދޫކޮށްފައި އަހަރެންނާއި އަހަރެންގެ ކޮއްކޮ ހަސީނާ އަދި ފަހަރި ސަލްމާ ދިޔައީ މޫދާ ދިމާލަށެވެ. އޭރު ފަޒާން ދޮންބެގެ އަންހެނުން އުޅުނީ ކުދިންނާ އެކުގައެވެ. ހުރިހާ ފިރިންތައް އުޅުނީ މަސްފިހުމުގައެވެ.

މޫދުކައިރީގައި އުޅުމަށްފަހު އަހަރެމެން ޓެންޓާ ދިމާލަށް މިސްރާބުޖެހީ ދޮންބެމެން ގޮވާ އަޑަށެވެ. އޭރު ހައެއް ޖަހަން ކައިރިވެއްޖެއެވެ. ކާން ތައްޔާރުކޮށް ކުދިވެރިންވެސް ޓެންޓުތަކުން ނެރެގެން ކާންދޭން ފެށީމެވެ. ކެއުމާއި ސަކަރާތް ޖެހުމުގައި ހޭދަވީ ކިހާ އިރެއްކަމެއްވެސް ނޭނގެއެވެ. އަހަރެންގެ ދަރިފުޅު އިނީ ފިރިމީހާ އަޖުހަދުގެ އުނގަށް އަރައެވެ. ބޭބެގެ ކުޑަ ދަރިފުޅު ބޭބެގެ އުނގުގައި އިންއިރު ދޮންބެގެ އަންހެނުން އިނީ އޭނަގެ ދަރިފުޅަށާއި އަހަރެންގެ ކޮއްކޮ ހަސީނާގެ ދަރިފުޅަށް ކާންދޭށެވެ. އަހަރެން ބަލާލި އިރު ބޭބެގެ ހަތަރު އަހަރަށްދާ ޔުނާލްއެއް ފެންނާކަށް ނެތެވެ.

"ދައްތާ.. ކޮބާ ޔުނާލް؟" އަހަރެން ސުވާލުކޮށްލީމެވެ.

"ދެންމެއަކު ޓެންޓާ ދިމާލަށް ދިޔަ" މިހެން ބުނެފައި ދައްތަ ހިނގައިގަތީ ޓެންޓާ ދިމާލަށެވެ.

"އޭތް. އެސޮރު ކުބާ؟ ނެތޭ ފެންނާކަށް ޔަޒީދޫ" ބޭބެއާ ދިމާލަށް އަންނަމުން ދައްތަ ގޮވާލިއެވެ.

އެންމެން ހާސްވާން ފެށި ޔުނާލް ހޯދުމަށް ދެޓެންޓާއި ކައިރި ހިސާބުތައް ބެލުމަށްފަހުގައިވެސް ނުފެނުމުންނެވެ. އޭރު ދައްތައަށް ރޮވެމުންދެއެވެ.

ޔުނާލް ނުފެނުމުން އެންމެންގެ މޫނުމަތިންވެސް ބިރުވެރިކަން ފާޅުވަމުން ދަނިކޮށް ދައްތަ އަހަރެމެންގެ ބޭބެއަށް ބާރަކަށް ގޮވާލި އަޑުއިވުނެވެ.

"ޔަޒީދޫ... އެއިނީ ޔުނާލްތަ؟" ގަސްތަކާ ދިމާލަށް ބަލަމުން ދައްތަ ބުނެލިއެވެ.

އެންމެން އެއްފަހަރަކާ ދައްތަ އިޝާރަތްކުރި ދިމާލަށް ބެލީމެވެ.

"ޔާރައްބީ....." އަހަރެންނަށް މަޑުމަޑުން ބުނެލެވުނެވެ.

ޔުނާލްއިނީ ތަންކޮޅެއް ދުރުން ފެންނަން ހުރި ގަހެއްގެ އިފައެއް މަތީގައި ހަމަޖެހިލައިގެންނެވެ. އަހަރެމެންނާ ދިމާލަށް ބަލަހައްޓައިގެން އިންގޮތުން އަހަރެންގެ މެޔަށް ފިނިވެގެން ދިޔައެވެ. ކުޑަ ކުޑަ ކުއްޖަކަށް އެއޮއް ބޮޑު ގަހަށް އަރައި ވައިކޮޅެއް ޖެހިލިޔަސް ބިންދައިގެންދާނެހާ ކުޑަ އިފައެއްގެ މައްޗަށް އެރައި އިންނަން އެނގުނީ ކިހިނެއް ހެއްޔެވެ؟

ބޭބެ ލަސްކުރާކަށް ނަހަދައެވެ. ދޮންބެއާއި، ހަސީނާގެ ފިރި އަދުހަމާއި އަހަރެންގެ ފިރިމީހާ އަޖުހަދުވެސް ބޭބެގެ ފަހަތުން އެގަހާ ދިމާލަށް ދުއްވައިގަތެވެ. ބޭބެ ގަހަށް އަރައި ވަރަށް ހާލުން ޔުނާލްގެ ގައިގައި ހިފައި ޔުނާލް ގަހުން ބޭލުވިއެވެ. ދައްތަ ދުވެފައިގޮސް ޔުނާލްގެ ގައިގައި ބާރަށް ބައްދައިގަތެވެ.

"ދަރިފުޅާ... ކިތަށް ފަހަރު މަންމަ ބުނާނީ އެކަނި ނޫޅެއްޗޭ. ބޮޑެތި ކުދިން އުޅޭ ހިސާބުގައި މަންމަމެން ފެންނަ ހިސާބުން ދުރަށް ނުދައްޗޭ. ކީއްވެތަ ތިހެން ތިހަދަނީ؟" ރޮމުން ދައްތަ އެހެން ބުނިއިރު ޔުނާލް ހުރީ ދެލޯ ބޮޑުކޮށްގެން ދައްތަގެ ލޮލަށް ބަލާށެވެ.

އެވަގުތު ބޭބެ ގޮސް ދައްތަ ކައިރީގައި ދެން ހުއްޓާލާށޭ ބުނެ ޔުނާލް އުރާލިއެވެ.

"ދަރިފޅާ. ކިހިނެއް އެގަހަށް އެރީ؟"

"އެދައްތައާއެކު" އެހެން ބުނެފައި ޔުނާލް އިޝާރާތް ކޮށްލީ ކުރިން ޔުނާލްއިން ގަހާ ދިމާލަށެވެ. އަހަރެންނަށް ބިރުންގޮސް ފިރިމީހާގެ އަތުގައި ބާރަށް ހިފާލެވުނެވެ.

"ކޮބާ އެދައްތަ؟ ބައްޕައަކަށް ނުފެނޭ" ބޭބެ ސުވާލުކޮށްލުމުން ޔުނާލް ބުނީ މިހާރު ނެތްކަމަށެވެ.

"ދެން އެހެން ނުދައްޗޭ އެއްވެސް ކުއްޖަކާއެކު މަންމައާއި ބައްޕަ އަށް ނާންގާ" ޔުނާލް އެއްބަސްވުމަށް ބޯ ޖަހާލިއެވެ.

އިތުރަށް އެތާގައި މަޑުކުރާކަށް އެކަކުވެސް ބޭނުމެއް ނުވިއެވެ. ގެނައި ސާމާނުތަކާއި ބާކީވި ކާއެއްޗެހި ހިފައިގެން އެންމެން ހިގައިގަތީ ގެސްޓް ހައުސްއާ ދިމާލަށެވެ. އަހަރެމެން ނެގީ ކުޑަ ވަރެއްގެ އެޕާޓްމަންޓެކެވެ. ދަތުރު އައީ ވެސް އޭގެ އަނެއް ދުވަހު މާލެދާ ގޮތަށް ކަމުން ގެއަށް ގޮސް ކުދިންނަށް ކޮންމެވެސް އެއްޗެއް ކާންދީފައި ނިންދެވީމެވެ.

ރޭގަނޑު ނުވަގަޑިބައި ވެއްޖެއެވެ. އަހަރެންނާއި އަހަރެންގެ ފިރިމީހާ އަޖުހަދު ތިބީ ސިޓިންގް ރޫމްގައި ފުޓްބޯޅަ މެޗެއް ބަލާށެވެ. އަހަރެމެން ތިބި ސޯފާއާ ޖެހިގެން ހުރި ސޯފާގައި ދައްތައާއި ބޭބެ ނިދާފައި ތިއްބެވެ. ކުއްލިއަކަށް ޔުނާލް ކޮޓަރިތެރެއިން ނުކުމެގެން އައިސް އަހުޖާދުކުރިމަތީގައި ހުއްޓުނެވެ. އަދި ވަރަށް މަޑުން ބުންޏެވެ.

"މަންމައާއި ބައްޕައަށް ގޮވަންތަ؟" ޔުނާލް އަހާލީ އަހަރެމެން ކައިރިންނެވެ.

އަހަރެން ނޫނެކޭ ބުނެ ޔުނާލް ކައިރިއަށް ގެނެސް ކިހިނެއްވީތޯ އެހުމުން ވަރަށް ނުބުނަން އިނދެފައި ބުނެލީ އެއްކަލަ ދައްތަ އައިސްފި ވާހަކައެވެ. އަހަރެންނަށް ދެލޯ ބޮޑުކޮށްލެވުނެވެ. އަހުޖާދު ވަރަށް ހަމަޖެހިލާފައި ބުންޏެވެ.

"ކޮބާ؟ ހިނގާ ތިއްތިއަށް އެދައްތަ ދައްކާލަން"

މިހެން ބުނެ އަހުޖާދު ކޮޅަށް ތެދުވުމުން ޔުނާލް އައިސް އަހުޖާދުގެ އަތުގައި ހިފައި ހިގައިގަތެވެ. އަހަރެންވެސް ބިރުގަތް ނަމަވެސް އަހުޒާދުއާއި ޔުނާލް ފަހަތުން ދިޔައީމެވެ. ސިޑިން ފައިބައިގެން ފައިވާނަށް އަރައިގެން ޔުނާލް ހިނގައިގަތީ ސީދާ ބާބެކިޔު ހަދަން އޭރު އަހަރެމެން ތިބި ހިސާބަށެވެ. ރޭގަނޑުގެ އެގަޑީގައި ޔުނާލް ގޮވައިގެން އެހެން ދާން ހިތްހަމަނުޖެހުނު ނަމަވެސް މިވާގޮތް ބަލަން ބޭނުންވާތީ އަހަރެމެން ދެމަފިރިން ޔުނާލްއާއެކު ދިޔައީމެވެ. ޔުނާލް އުރާލުމުން ދާންވީ ދިމާ ޔުނާލް ދިޔައީ ބުނަމުންނެވެ. ޔުނާލް ދެއްކި މަގުން ދަމުން އަހަރެމެންނަށް ދެވުނީ ހަމަ އެއްކަލަ ގަސް ހުންނަ ދިމާލަށެވެ.

ޔުނާލް އެގަހުގެ ކޮޅަށް އިޝާރާތް ކޮށްލަމުން އެއިނީ ކަމަށް ބުންޏެވެ.

"ކޮބާ؟ ތިއްތިއަކަށް ނުފެނޭ" އަހަރެންނާ ދިމާލަށް ބަލާލަމުން އަހަރެންނަށް ފެނޭތޯ އަހާފައި ނުފެނޭ ކަމަށް ބުނުމުން އަހުޖާދު ޔުނާލް ކައިރީގައި ބުންޏެވެ.

"އެކަމަކު އެއިނީ ހަމަ ބަލަހައްޓައިގެން" ޔުނާލް އެހެން ބުނުމުން އެއީ އިންސާނެއް ނޫންކަން އަހަރެމެން ދެމަފިރިންނަށް އެނގުނެވެ. އަދި ކިތަންމެ ބިރުގަތަސް އަހަރެންގެ ކޮނޑުގައި ހިފައި އަނެއްކޮޅަށް އަނބުރުވާފައި އަހުޖާދު ބުނީ މަޑުމަޑުން ހިނގާލާފައި ގެސްޓް ހައުސްއަށް ދާންވީ ކަމުގައެވެ. ދުއްވައިނުގަންނާށޭ ބުނުމުން އަހަރެން ހުރީ ވަރަށް ބިރުންނެވެ. މަދު މަދުން މީހުން އެސަރަހައްދުގައި އުޅުނަސް މުޅިތަނަށް ވެރިވެފައިވަނީ ނާމާންކަމެވެ. ގަސްތަކުގެ ތެރެއިން އަހަރެމެން ކުރިއަށް ހިގައިގަތީ މަގުމައްޗަށް ނުކުންނާށެވެ. ޔުނާލްވެސް އޭރު ވަރަށް ބަސްއަހައިގެން އަހުޖާދުގެ އަތުތެރޭގައި އޮތެވެ. ފަހަތް ނުފެންނާނެހެން ޔުނާލް ބާއްވާފައި އޮތްއިރު އަހަރެންނަށް ކުރިއަށް ދެވުނީ ވަރަށް ހާލުންނެވެ.

ފަސްވަރަކަށް މިނެޓްފަހުން ގެސްޓް ހައުސް ދޮރު މައްޗަށް ދެވުނެވެ. އަހަރެންނަށް ފަހަތް ބަލާލަން އުޅެވުނެވެ. ނަމަވެސް އަހުޖާދު އަނެއްކާވެސް އަހަރެން ހުއްޓުވިއެވެ. އެފަދަ މަޚްލޫޤްތަކަށް އަހަރެމެން ބިރުގަނެއްޖެކަން އަންގައިން ނުވާނެކަން އަހަރެންނަށްވެސް އެނގެއެވެ. އަދި ފަހަތް ބަލައި ދުއްވައިގަތުންފަދަ ކަމެއް ކޮށްފިނަމަ އަހަރެމެންނާ ދިމާކޮށްފާނެކަމީ ވަރަށް ކައިރީގައިވާ ކަމެއްކަމުން އެއްވެސް މީހަކު އަނގައިން ނުބުނެ މައްޗަށް އެރީމެވެ. ޔުނާލް އެރޭ ބޭއްވީ އަހަރެމެން ކައިރީގައެވެ. ދިހައެއް ޖަހައި ބޮޑުވި ފަހުން އަހުޖާދު ޔުނާލް ކައިރީގައި އެ ދައްތަ އަދިވެސް އެބައިންހޭ އެހުމުން ޔުނާލް ބޯޖަހާލިއެވެ.

"މިފަހަރު އިނީ ކުރިމަތީގައި އެހުރި ގަހުގަ" ޔުނާލް ބުނެލިއެވެ.

"ކޮން ގަހެއް؟" އަހަރެންނަކަށް މަޑަކުން ނޯވެވުނެވެ.

"ގެސްޓް ހައުސް ކުރިމަތީ އިނެއްނު ބޮޑު ބޮޑު ގަހެއް ދޯ" ޔުނާލް ދެލޯ ބޮޑުކޮށްލަމުން އަހަރެންނާ ދިމާލަށް އެނބުރި ކިޔައިދިނެވެ.

އަހަރެން އަހުޖާދުގެ އިޝާރާތަށް މަޑުން އޮތީއެވެ. އޭރު އަދި އެއްވެސް މީހެއް ކައިރީގައި ވީގޮތެއް އަހަރެމެން ކިޔައެއް ނުދެމެވެ. އެހެންނޫނީ އެންމެން ބިރުން އުޅެން ހަދައިގެން އޭތީގެ އުދަނގޫ އެއްވެެސް މީހަކަށް ފޯރާކަށް އަހަރެމެން ބޭނުމެއް ނުވެއެވެ. މިހާރުވެސް ފަހަތު އަޅުވާލައިގެން އައިސް އެއިންނަނީ ކުރިމަތީގައި ހުރި ގަހުގައި ވިއްޔާއެވެ. އެއީ ކޮން ސިފައަކަށް އިންނަ އެއްޗެއްތޯވެސް އަހާލާކަށް އަހަރެންނަކަށް ނުކެރުނެވެ.

އެގާރަޖަހައިފިއެވެ. ޔުނާލް އޭރުވެސް ނުނިދައެވެ. އެކަމަކު ކޮންމެވެސް ވަރަކަށް ވަރުބަލިކަމާއި ނިދީގެ އަސަރު އެކުޑަ މޫނުމަތިން އޭރު ފެނެއެވެ.

"ޔުނާލް. އަދިވެސް އެދައްތަ އެބައިންތަ؟" އަހުޖާދު މިފަހަރުވެސް ސުވާލުކޮށްލިއެވެ.

ކުޑަކޮށް ވިސްނަން އޮވެފައި ޔުނާލް ބޯ ހޫރާލިއެވެ.

"ނޫން. ގޮއްސި އުދުހިފައި. އެހެން ޔުނާލްވެސް އުދުހިލަން ބޭނުން"

"ފަހުން ތިވާހަކަ ދައްކާނީ. އިހަށް ނިދާލާ އިނގޭ" ޔުނާލް ދައްކާ ވާހަކައިން އަހަރެން ބިރުގަންނާތީ ކަންނޭގެއެވެ. ޔުނާލްގެ ވާހަކަ މެދުކަނޑާލުމަށްފަހު އަހުޖާދު އުޅެގަތީ ޔުނާލް ނިންދަވާށެވެ. މުޅިރޭ ނިމިގެން ދިޔައީ އަހަރެން ހޭލާ އޮއްވައެވެ. އަހުޖާދުވެސް ނުނިދައެވެ. ޤްރްޢާން ޖަހާފައިވާ އަޑު މުޅި އެޕާޓްމަންޓްގައި ހުރިއިރު ފަތިސް ނަމާދުގެ ބަންޤީގެ އަޑުވެސް އިވެންފެށީ ފަނޑުގޮތަކަށެވެ. އަހަރެން ފުންމައިގެން ތެދުވެ ނަމާދުކުރީމެވެ. އަދި ބޭބެމެން އެންމެނަށް ގޮވައި އެމީހުން ލައްވާވެސް ނަމާދުކުރުވީމެވެ. ހެނދުނު އިރުއެރީ ޔުނާލްގެ ގަދަ ހުމާ އެކީގައެވެ. ހުންގަދަ ކަމުން ދެލޯ ހުޅުވާލެވޭނެ ވަރެއްވެސް އެކުޑަ ކުއްޖާގެ ގައިގައި ނެތެވެ. އަހަރެމެން އަވަސް އަވަހަށް ތައްޔާރުވެގެން މާލެ ދާން ފުރީ ޔުނާލްގެ ހާލު ދަށްވުމުންނެވެ. ދިޔަ މަގުމަތީގައި ފެރީގައި ތިބެ އޭގެ ކުރީ ރޭގައިވި ހުރިހާ ކަމެއް އަހަރެމެން އެންމެނަށް ކިޔައިދިނީމެވެ. ދައްތަގެ ލޮލުން ކަރުނަ ހުސްވާ އިރެއް ނާދެއެވެ. ނަމަވެސް ބޭބެގެ ހިތްވަރާއި އަހަރެމެން އެންމެންގެ އެހީއާއެކު ދައްތަވެސް ހަމަޔަކަށް އެޅުނެވެ. ހޮސްޕިޓަލަށް ގެންދިޔުމަށްވުރެން އެންމެ ރަނގަޅުވާނީ ގެއަށް ޔުނާލް ގެންދިޔުމަށް ކަމަށް ބޭބެ ބުންޏެވެ. އެއީ އަހަރެމެންގެ ބައްޕައަކީ ކޮންމެވެސް ވަރަކަސް ރުގްޔާ ކުރަން ދަންނަ މީހަކަށްވާތީއެވެ.

ޓެކްސީގައި ގެއަށް ދަމުން ވީގޮތް ބައްޕައަށް ގުޅައިގެން ކުޑަކޮށް ކިޔައި ދިނީމެވެ. ބައްޕަ ހުރީ އަހަރެމެން ގެއަށް ދިޔަ އިރު އެކަމަށް ތައްޔާރުވެގެންނެވެ. މަންމަގެ މޫނުމަތިން ފެންނަނީ ރުޅިވެރިކަމާއި ހާސްކަމެވެ. މަންމަމެން ބުނާބަސް އެއީ ބޯދާބަސްކަމަށް ދެކެ އެއަޑުނާހާތީ ދިމާވާ ކަންތައް ކަމަށް ބުނެ މަންމަ ޔުނާލް ކައިރިއަށް ޖެހިލިއެވެ. ތިން ދުވަހުު ބަރާބަރަށް ރުޤްޔާ ކުރި ފަހުން ޔުނާލް ހަމައަކަށް އެޅުނެވެ. ބައްޕަ ބުނިގޮތުން ވިއްޔާ ޔުނާލް އެކަނި ޓެންޓަށް އެރޭ ދިޔައިރު އެމަޚްލޫޤް އިނީ ޓެންޓު މަތީގައި ކަމަށާއި ޔުނާލް ފެނުމުން އެސޮރު ގޮވައިގެން އެގަހަށް އެރީ ކަމަށެވެ. އަދި ފަހުން ބަލާ އައީވެސް އެސޮރާ އަވަލަވައިގެން ކަމަށާއި ދެން މީގެ ފަހުންވެސް ކުދިން ގޮވައިގެން އެގަޑީގައި ނޫޅުމަށް ބައްޕަ ނަސޭހަތްދިނެވެ.

އަހަރެމެންގެވެސް އަމިއްލަ ތަޖުރިބާ މިކަމުގައި ކުރެވިފައިވުމުން ބައްޕަ ދެއްކި ވާހަކަ އަޑުއަހައި އެގޮތަށް ޢަމަލުކުރުމަށް އަޒުމްކަނޑައެޅީމެވެ. އަހަރެމެންގެ ނަޞޭޙަތަކީ އެއްވެސް މީހަކު އެމީހުންގެ ކުޑަ ދަރިންނާމެދު އަހަރެމެން ވިފަދަ އިޙްމާލެއް ނުވުމަށެވެ. އަދި ޖިންނި ޝައިތާނުން ބިމަށް ތިރިކުރާ ވަގުތުތަށް ކަމަށް ބުނެފައިވާ ވަގުތުތަކުގައި އެކުދިން ބޭރަށް ނެރޭއިރު ޙާއްސަ ސަމާލުކަމެއްދީ ޒިކްރުކޮށް ދުޢާތައް ކިޔައިގެން އުޅުމަށް ނަޞޭޙަތްތެރިވަމެވެ. އެހެންނޫނީ އަހަރެމެންނަށް މިދިމާވިފަދަ ހާދިސާއެއް މިއަށްވުރެން ހިތާމަވެރިކޮށް ދިމާވުމަކީ ހަމަ ވަރަށް ގާތުގައިވާ ކަމެކެވެ.

ނިމުނީ

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ާ

    أعوذ بالله من الشيطان الرجيم

  2. Anonymous

    ތެދުވާހަކަ އެއްތީ

  3. ސަހާ

    ރަނގަޅު ވާހަކަ އެެއް