މީގެ އެތައް ޒަމާނެއް ކުރިން ވަޅުލެވިފައިވާ ބޮޑު ޝަހަރެއް މިސްރުގެ ވެރިކަންކުރާ ގާހިރާގެ ހަނަފަސް ހިސާބަކުން ފެނިއްޖެ އެވެ.

ގާހިރާގެ އަހުރާމުތައްވެސް ހުންނަ ގިޒާގައި މަޝްރޫޢެއް ހިންގުމަށް ބިންގަނޑު ކޮނުމުގެ މަސައްކަތް ކުރިޔަށް ގެންދަނިކޮށް ފެނުނު މި ޝަހަރަކީ ފަހުގެ ތާރީޚެއްގައި ވެސް މިސްރުން ހޯދި އާސާރީ އެންމެ ގިނަ ތަރިކަ އެއްތަނަކުން ފެނުނު ސަރަޙައްދަށް ވާނެކަމަށް އާކިއޮލޮޖިސްޓުން ވަނީ ބުނެފައެވެ.

މި ސަރަޙައްދު އިތުރަށް ބަލައި ހޯދުމުގެ މަސައްކަތް އެފަރާތްތަކުން މިހާރުވެސް ކުރިޔަށް ގެންދާއިރު، އިތުރު ގިނަ އަދަދެއްގެ ތަކެތި މި ސަރަޙައްދުން ފެންނާނެ ކަމަށް ބެލެވިފައި ވެއެވެ. މިގޮތުން މީގެ އެތައްހާސް އަހަރެއްކުރީން މަރުވެ، ކުނިނުވާގޮތަށް މީހުންގެ ހަށިތައް ރައްކާކޮށްފައިވާ ގިނަ އަދަދެއްގެ ސަންދޯއްވެސް މި ސަރަޙައްދުން އަންނަނީ ފެންނަމުންނެވެ. މީގެ އިތުރުން ކުރީގެ ކުރެހުންތަކާއި މީހުންގެ ސިފަ ރަމްޒުވާގޮތަށް ފަރުމާކޮށްފައިވާ ބުދުތައްވެސް އެ ސަރަޙައްދުން ހޯދާފައި ވެއެވެ.

އޮފިޝަލުންނާއި ހަވާލާދީ ނޫސްތައް ބުނާގޮތުން މިހާތަނަށް މި ޝަހަރުން 50 އަށްވުރެ ގިނަ ސަންދޯއް ފެނިފައި ވެއެވެ. އަދި ކުރިޔަށް އޮތް ދުވަސްތަކުގައި އިތުރަށް މި ސަރަހައްދު ކޮނެގެން މި އަދަދު ދެގުނައަށް އަރާނެ ކަމަށް އެފަރާތްތަކުން ޤަބޫލުކުރެއެވެ.

ގިޒާގެ މި ހޯދުންތައް މިހާރު ދުނިޔޭގެ މަޝްހޫރު ބައެއް އާކިއޮލޮޖިސްޓުންގެ ސަމާލުކަމަށް ވެސް އައިސްފައިވާއިރު، އެފަރާތްތަކުން ވަނީ މިސަރަޙައްދު އިތުރަށް ދިރާސާކުރުމަށް ޝަޢުޤުވެރިކަން ފާޅުކޮށްފައެވެ.

މި ހޯދުންތަކާއި ގުޅޭ މާގިނަ މަޢުލޫމާތުތަކެއް މިސްރުގެ ރަސްމީ އިދާރާތަކުން އަދި ހާމަކޮށްފައި ނުވާއިރު، މަސައްކަތް މުޅީން ފުރިހަމަވުމުން ކުރިޔަށް އޮތް ދުވަސްތަކުގައި އެ މަޢުލޫމާތު ހާމަކުރާނެ ކަމަށް އޮފިޝަލުން ވަނީ ބުނެފައެވެ.

މިސްރަކީ ޤަދީމީ ޒަމާނުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު އާބާދުވެ އުޅުނު ޤައުމެކެވެ. އެޤައުމުން މީގެ ކުރިންވެސް ގިނަ އަދަދަކަށް އާސާރީ މުޙިންމު ތަރިކަ ހޯދާފައި ވެއެވެ.