އިންޑިއާގެ އަންދްރަޕްރަދޭޝްގައި ވައްކަން ކުރަން ގެއަކަށް ވަން އުމުރުން 21 އަހަރުގެ ފިރިހެނަކު، އެގެއަށް ވަން ގޮތަށް ނިދީއެވެ. އޭނާ އަށް ނިދުނީ އޭސީ ފިނީގެ ސަބަބުން ކަމަށް ވެދާނެއެވެ. އެންމެ ފަހުން އޭނާ ވަނީ ހައްޔަރުކޮށްފައެވެ.

ބަބޫ އެ މީހާ ވައްކަން ކުރަން ވަދެފައި ވަނީ ޕެޓްރޯލް ވިއްކުމުގައި ހަރަކާތްތެރިވަމުންދާ މީހެއްގެ ގެއަށެވެ. އޭނާ އެގެއަށް ވައްކަން ކުރަން ވަނުމަށް، ވަރަށް ބޮޑަށް ތައްޔާރު ވިއެވެ. އެގޮތުން އެގެއަށް ވަންނާނެ ގޮތާއި، މޫނުގައި އަޅާނެ މާސްކްވެސް ހޯދިއެވެ.

އިިންޑިއާ މީޑިއާތަކުން ރިޕޯޓްކޮށްފައިވާގޮތުން ސެޕްޓެމްބަރު 12 ވަނަ ދުވަހު އޭނާ އެގެއަށް ވަނީ އެރޭ 4:00 ޖެހި ހާއިރު އެވެ. އޭނާ އެގޭގެ ވެރި މީހާ ރެޑީގެ ނިދާ ކޮޓަރިއަށް ވަނެވެ. ރެޑީގެ ނިދާ ކޮޓަރިއަށް އޭނާ ވަންއިރު، ފައިސާ ހުރީ ފެންނާނެ ހެން ކަޕަޑް މަތީގައެވެ. ރެޑީ މިފަހަރު ސޭފްއަށް ފައިސާ ނުލިމުން، ފަސޭހައިން ބަބޫއަށް ފައިސާ ލިބޭގޮތްވި ނަމަވެސް، އޭނާއަށް އެގެއިން ނުކުމެވޭ ގޮތް ނުވިއެވެ.

ބަބޫއަށް ނިދުނީއެވެ. އޭނާ ނިދީ އެގޭގެ ވެރިމީހާގެ އެނދުގައި ކަމަށް ވެއެވެ.

"ބަބޫ ބުނީ، އޭނާ ހުރޫ ވަރަށް ބޮޑަށް ވަރުބަލިވެފައި ކަމަށް. އަދި އޭސީ ޖައްސާފައި ހުރުމުން، އޭނާއަަށް ނިދުނީ ކަމަށް".

އޭނާ އުޅުނީ ރެޑީ ހޭލުމުގެ ކުރިން އެގެއިން ނުކުންނާށެވެ. އެހެން ނަމަވެސް އެކަން ނުވިއެވެ.

ފުލުހުން ބުނީ، ރެޑީ އައިއިރު، ބަބޫ ގުގުރި ދަމާ އަޑު އިވުނު ކަމަށެވެ. އަދި އޭނާ ބަބޫ ކޮޓަރީގައި ބާއްވާފައި އޭނާ ތަޅުލި ކަމަށެވެ. އަދި އެކަން ފުލުހުންނަށް އެންގިއިރު، ފުލުހުން އެގެއަށް އެ ދުވަހުގެ ހެނދުނު 7:30 ގައި ދިޔަ އެވެ.

"އަހަރުމެން ދިޔައިރު، ބަބޫ އަމިއްލައަށް ހުރީ ކޮޓަރީގައި ތަޅުލައިގެން. އަހަރުމެން އޭނާއާ ވާހަކަދައްކައިގެން، އެތަނުން ނެރެ ވަނީ ހައްޔަރުކޮށްފައި".

ފުލުހުން ބުނީ، އޭނާ އެގެއިން ވައްކަން ނުކުރި ނަމަވެސް، އޭނާގެ ބޭނުމަކަށް ވީ ވައްކަން ކުރުން ކަމަށެވެ. އެހެންވެ އޭނާ ހައްޔަރުކުރީ ކަމަށް ފުލުހުން ބުނެފައި ވެއެވެ.